މެސީ ނެތި ވެސް ރެއާލް އަތުން މޮޅުވެވޭނެ: ވަލްވޭޑޭ

ބާސެލޯނާ (އޮކްޓޫބަރު 27) - ސްޕެނިޝް ލީގުގައި މާދަމާރޭ ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގައި ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އަށް އަނިޔާގެ ސަބަބުން ނުކުޅެވޭއިރު، އޭނާ ނެތި ވެސް އެ މެޗުން މޮޅުވެވޭނެ ކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނެފި އެވެ.


މެސީގެ އަތަށް އަނިޔާވީ މިދިޔަ ހަފްތާގައި ސެވިއްޔާ އަތުން 4-2 އިން މޮޅުވި މެޗުގަ އެވެ. މެސީ ނުލައި ބާސެލޯނާ އިން ކުޅުނު ފުރަަތަމަ މެޗުގައި ބުދަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގައި ވަނީ އިންޓަ މިލާން އަތުން 2-0 އިން މޮޅުވެފަ އެވެ.

ސްޕެނިޝް ލީގުގައި މާދަމާރޭ އަމިއްލަ ދަނޑުގައި ރެއާލާ ދެކޮޅަށް ކުޅޭ މެޗުގައި މެސީ އަށް ނުކުޅެވުމަކީ ބާސެލޯނާ އަށް އޮތް ކަންބޮޑުވުމެކެވެ.

"މެސީ އަށް އަނިޔާވިއިރު އޭނަ ހުރީ ތަފާތު ފޯމެއްގައި. އޭނަ ހުރިނަމަ އަހަރެމެންނަށް ވަރަށް ފައިދާކުރާނެ. އޭނާ ނެތީމަ އެތަން ދައްކާނެ. އެކަމަކު މިއީ ހުރިހާ ކަމެއްގެ ނިމުމެއް ނޫން. މެސީ ނުލައި ވެސް އަހަރެމެންނަށް ރެއާލް އަތުން މޮޅުވެވޭނެ،" ވަލްވޭޑޭ ބުންޏެވެ.

މިއީ 2007 ވަނަ އަހަރަށް ފަހު މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ނެތި ކުޅެވޭ ފުރަތަމަ އެލް ކްލަސިކޯ މެޗެވެ. މެސީ އަނިޔާގައި ހުރިއިރު ރޮނާލްޑޯ ވަނީ މި ސީޒަން ފެށުމުގެ ކުރިން ރެއާލް ދޫކޮށް ޔުވެންޓަސް އަށް ބަދަލުވެފަ އެވެ.

ވަލްވޭޑޭ ބުނީ މި މެޗުގެ ހާއްސަކަން އެ ދެ ތަރިންނަށް ވުރެ ބޮޑު ކަމަށެވެ.

"އެ ދެ ކުޅުންތެރިންނަކީ މި މެޗަށް އިތުރު ފުރިހަމަކަން ގެނެސްދިން ދެ ކުޅުންތެރިން. އެއީ ހަގީގަތަކީ. އެކަމަކު އެ ދެ ކުޅުންތެރިން ނެތި ވެސް މި މެޗު ވަރަށް ވަރުގަދަ އަށް ކުރިއަށްގޮސްފި. އެހެންވީމަ މި މެޗުގެ ހާއްސަކަން މިހާރު ވެސް ބޮޑުވާނެ،" ވަލްވޭޑޭ ބުންޏެވެ.

ލީގުގެ އެއް ވަނައިގައި ބާސެލޯނާ އޮތީ ނުވަ މެޗުން 18 ޕޮއިންޓާ އެކު އެވެ. ރެއާލް އޮތީ ނުވަ މެޗުން 14 ޕޮއިންޓާ އެކު ލީގުގެ ހަތް ވަނައިގަ އެވެ. ބާސެލޯނާ އާއި ރެއާލް ކުޅޭ މެޗު ފަށާނީ މާދަމާރޭ ރާއްޖެ ގަޑިން 8:15 ގަ އެވެ.