މެސީގެ ނަމުގައި އެވޯޑެއް ތައާރަފްކުރަން މަޝްވަރާކުރަނީ

މެޑްރިޑް (އޮކްޓޫބަރު 31) - ލިއޮނަލް މެސީގެ ނަމުގައި ތައްޓެއް ދިނުން ރަނގަޅު ކަމަށާއި އެ ކަމާ މަޝްވަރާކުރާނެ ކަމަށް ސްޕެނިޝް ލީގުގެ ރައީސް ހަވިއޭ ޓެބާސް ވިދާޅުވެއްޖެ އެވެ.


ސްޕެނިޝް ލީގުގެ ސީޒަން ނިމުމުން އޮންނަ އެވޯޑް ހަފުލާ 2015-2016 ވަނަ ސީޒަނުން ފެށިގެން ނުބާއްވަ އެވެ. އެއީ އެވޯޑްތަކަށް ބަދަލުތައް ގެނައުމަށާއި އެވޯޑް ދިނުމުގައި ބަލާ މިންގަނޑުތައް އަލުން ރީސްޓްރަކްޗާ ކުރުމުގެ ގޮތުން ކަމަށް ސްޕެނިޝް ލީގުން ދާދި ފަހުން ނެރުނު ބަޔާނެއްގައިވަނީ ބުނެފަ އެވެ.

ޓެބާސް ވިދާޅުވީ މެސީ އަކީ ދުނިޔޭގެ ތާރީހުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިއާ ކަމަށާއި އޭނާގެ ނަމުގައި އެވޯޑެއް ދިނުމަކީ ރަނގަޅު ވިސްނުމެއް ކަމަށެވެ.

"މެސީގެ ނަމުގައި އެވޯޑެއް ދިނުމަކީ ރަނގަޅު ހިޔާލެއް. އަހަރެމެން މީގެ ކުރިން ވެސް އެކަހަލަ މަޝްވަރާތަކެއް ކުރިއަށްގެންދިޔައިން. އެކަމަކު އޭރު އެހާ ބޮޑަށް އެކަމާ ނުވިސްނީ." ސްޕެއިނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޓެބާސް ވިދާޅުވި އެވެ.

ސްޕެނިޝް ލީގުގައި މިހާތަނަށް ކުޅުނު ކުޅުންތެރިންގެ ތެރެއިން މެސީ އެންމެ ތަފާތުވާ ސަބަބަކީ އޭނާގެ ކާމިޔާބީތައް ކަމަށާއި އެހެން ކަމުން މެސީގެ ޝަރަފުގައި ކަމެއް ކުރުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ޓެބާސް ދެކެ އެވެ.

"މެސީ އަންނަނީ އެންމެ ޒުވާން އުމުރުން ފެށިގެން ބާސެލޯނާ އަށް ކުޅެމުން. އޭނާ ވަނީ ނުވަ ފަހަރު ސްޕެނިޝް ލީގު ހޯދާފައި. ދެން ހުރި ކާމިޔާބީތައް ވެސް އެހާ ގިނަ. ލަނޑު ޖެހުމުގައި ވެސް އެވަރެއް ނެތް. މިއީ އަހަރެމެން އޭނާ އަށް ބަދަލުގައި ކޮންމެވެސް ކަމެއް ކޮށްދޭން ޖެހޭ ސަބަބުތަކެއް،" ޓެބާސް ވިދާޅުވި އެވެ.

ސްޕެއިނުގެ އެކި ނޫސްތަކުން ދޭ އެވޯޑްތައް ވަނީ އެކި ކުޅުންތެރިންގެ ނަމުން ނަން ދީފަ އެވެ. އެ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ޓެލްމޯ ޒައްރާ، ރަފައެލް މޮރޭނޯ އަދި ރިކާޑޯ ޒަމޯރާ އެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ނޭމާ ފަދަ ކުޅުންތެރިން ސްޕެނިޝް ލީގު ދޫކޮށްދިޔަ ނަމަވެސް ލީގުގެ ފޯރި އަށް މާ ބޮޑު ބަދަލެއް ނާންނަ ކަމަށާއި އަދި މިހާރު ކުރިއަށްދާ ލީގަކީ ފަހަކަށް އައިސް އެންމެ ފޯރިގަދަވާނެ ލީގަށް ވުމުގެ ފުރުސަތު ބޮޑު ޓެބާސް ވަނީ ވިދާޅުވެފަ އެވެ.