ފަހު ވަގުތު ޖެހި ލަނޑުތަކުން ބާސެލޯނާ މޮޅުވެއްޖެ

ބާސެލޯނާ (ނޮވެމްބަރު 4) - ސްޕެނިޝް ލީގުގައި ރޭ ފަހު ވަގުތު، ފަހަތުން އަރައި 3-2 އިން ރަޔޯ ވަޔެކާނޯ އަތުން ބާސެލޯނާ މޮޅުވެއްޖެ އެވެ.


މި މޮޅާ އެކު ބާސެލޯނާ ވަނީ ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަަގައިފަ އެވެ. ބާސެލޯނާ އަށް 10 މެޗުން 24 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ރޭ ކުޅުނު މެޗުން ލެގަނޭސްއާ 1-1 އިން އެއްވަރުވުމުން އެ ޓީމަށް 10 މެޗުން ލިބުނީ 20 ޕޮއިންޓެވެ.

އެލްކްލަސިކޯގައި މިދިޔަ ހަފުތާގައި ހެދި ހެޓްރިކާ އެކު ރަނގަޅު ފޯމަކަށް އެޅިފައިވާ ސުއަރޭޒް ރޭގެ މެޗުގެ 11 ވަނަ މިނިޓްގައި ބާސެލޯނާ އަށް ލީޑުނަގައިދިނެވެ. އެކަަމަކު ލީގުގެ 19 ވަނައިގައި އޮތް ރަޔޯ އިން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ 35 ވަނަ މިނިޓްގައި ހޯސޭ ޕޯޒޯ ޖެހި ގޯލުން ނަތީޖާ ހަމަހަމަކޮށްފަ އެވެ. ދެ ވަނަ ހާފުގައި ކުޅެން އަރައި ފައިގައި ޖެހުނު ފުރަތަމަ ބޯޅައިން އަލްބާޓޯ ގާސިއާ ޖެހި ގޯލުން ބާސެލޯނާ ހައިރާންކޮށްލުމަށް ފަހު ރަަޔޯ އިން ލީޑުނެގި އެވެ.

ބާސެލޯނާ އަތުން ރަޔޯ އެންމެ ފަހުން މޮޅުވީ މީގެ 16 އަހަރު ކުރިންނެވެ. އޭގެ ފަހުން ފުރަތަމަ ފަހަރަށް މޮޅެއް ހޯދުމާ ވަރަށް ގާތަށް ދިޔައިރު، ބާސެލޯނާ އިން މެޗުގެ ނަތީޖާ އަނބުރާލީ ފަހު ހަތަރު މިނިޓް ތެރޭގަ އެވެ. އޮސްމާން ޑެމްބެލޭ މެޗުގެ 87 ވަނަ މިނިޓްގައި ޖެހި ގޯލުން ބާސެލޯނާ އަށް އެއްވަރުކޮށްދިންއިރު، އިތުރު ވަގުތުގައި ބާސެލޯނާ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލު ޖެހީ ސުއަރޭޒް އެވެ.

ރޭ އަމިއްލަ ދަނޑުގައި ރެއާލް ވަލަޑޮލިޑާ ދެކޮޅަށް ކުޅުނު މެޗުން 2-0 އިން މޮޅުވެ، ރެއާލް މެޑްރިޑް ވަނީ ލީގުގެ ހަ ވަނަ އަށް ޖެހިލައިފަ އެވެ. މިއީ ރެއާލާ ދާދި ފަހުން ހަވާލުވި ކޯޗު ސަންޓިއާގޯ ސޮލާރީގެ އިރުޝާދުގެ ދަށުން ލީގުގައި ރެއާލް ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުން މޮޅުވިއިރު، މިއީ އެންމެ ފަހުން ލީގުގައި ކުޅުނު ހަ މެޗުން ރެއާލަށް ލިބުނު ފުރަތަމަ މޮޅެވެ.

ރެއާލް މި މެޗުގައި ޖެހި ދެ ލަނޑު ވެސް ކާމިޔާބުކުރީ މެޗުގެ ފަހު 10 މިނިޓް ތެރޭގަ އެވެ. ރެއާލުގެ ފުރަތަމަ ލަނޑު މެޗުގެ 83 ވަނަ މިނިޓްގައި ޖެހީ ބްރެޒިލްގެ ޒުވާން ތަރި ވިނީޝިއަސް ޖޫނިއާ އެވެ. އޭގެ ފަސް މިނިޓް ފަހުން ދެ ވަނަ ލަނޑު ޖެހީ ޕެނަލްޓީ އަކުން ސާޖިއޯ ރާމޮސް އެވެ.