އިންޓަ މެޗުގެ ސްކޮޑުގައި މެސީ ހިމަނައިފި

މިލާން (ނޮވެމްބަރު 5) – މީގެ ދެ ހަފުތާ ކުރިން އަތުގައި ރެނދެއް ލައި ކުޅުމާ ދުރަށް ދާން ޖެހުނު ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ، މާދަމާރޭ އިންޓަ މިލާނާ ދެކޮޅަށް ކުޅޭ މެޗުގެ ސްކޮޑުގައި ހިމަނައިފި އެވެ.


އިންޓަގެ ސެންސީރޯގައި ކުޅޭ މި މެޗަށް މެސީ ޓީމާ އެކު ދަތުރުކުރިޔަސް ކުޅެވޭނެކަމުގެ ސަތޭކަ ޕަސެންޓް ޔަގީންކަމެއް ނެތެވެ. ޓީމު ލިސްޓުގައި ވެސް އެކަން ފާހަގަކޮށްފައިވެ އެވެ.

ސްޕެނިޝް ލީގުގައި މިދިޔަ މަހުގެ 20 ވަނަ ދުވަހު ސެވިއްޔާ އަތުން 4-2 އިން ބާސެލޯނާ މޮޅުވި މެޗުގައި މެސީ އަށް އަނިޔާވުމާ އެކު ފުރަތަމަ ބެލެވުނީ ތިން ހަފުތާ އަށް ކުޅުމާ ދުރަށް ދާން ޖެހޭނެ ކަމަށެވެ. ލީގުގައި ވާދަވެރި ރެއާލް މެޑްރިޑް އަތުން 5-1 އިން ބާސެލޯނާ މޮޅުވި މެޗުގައި އަމިއްލަ ދަނޑުގައި އިންޓަ އަތުން 2-0 އިން ބާސެލޯނާ މޮޅުވި މެޗުގައި އޭނާ ނުކުޅެ އެވެ.

އޭނާ ބާސެލޯނާގެ ފަރިތަކުރުންތަކަށް ނުކުންނަން ފެށީ މިދިޔަ ހަފުތާގަ އެވެ. ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނީ މެސީ އަށް ނުކުޅެވޭނެޔޭ ނުބުނާނެ ކަމަށާއި އެކަމަކު މުޅިން ފިޓްނުވަނީސް އަވަސް އަރުވާލައިގެން މެސީ ލައްވާ ކުޅުވަން ވެސް ބޭނުންނުވާ ކަމަށެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ބީ ގެ އެއް ވަނައިގައި ބާސެލޯނާ އޮތީ ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ދެ ވަނައިގައި އޮތް އިންޓަ އަތުން މާދަމާރޭ މޮޅުވެއްޖެ ނަމަ އެ ޓީމަށް ދެ ވަނަ ބުރު ކަށަވަރުވާނެ އެވެ.