ޗެލްސީ ގޮވައިގެން ކޮންޓޭ ކޯޓަށް ދަނީ

ލަންޑަން (ނޮވެމްބަރު 8) - މިދިޔަ ޖުލައި މަހު ތެރޭ ޗެލްސީ ކޯޗުކަމުން އެންޓޯނިއޯ ކޮންޓޭ ވަކިކުރިއިރު ކަންތައްތައް ދިޔަ ގޮތާމެދު ހިތްހަމަނުޖެހިގެން އޭނާ އެ ޓީމު ގޮވައިގެން ކޯޓަށްދާން ހުރިހާ ކަމެއް ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


މިދިޔަ ސީޒަނުގައި ކޮންޓޭ އާއި ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗާ ދެމެދު މައްސަލަތަކެއް ޖެހިފައިވާ ކަމަށް މީޑިއާގައި އަޑުފެތުރުނެވެ. ޗެލްސީގެ ވެރިންނާއި ކޮންޓޭއާ ދެމެދު ހިޔާލުތަފާތުވުންތަކެއް އުފެދުނީ ކޮންޓޭގެ ޓްރާންސްފާ ޕްލޭންތަކާ އެއްގޮތަށް ކުރިއަށްދާން ޗެލްސީ ބޯޑުން ދެކޮޅު ހެދުމުންނެވެ.

ޗެލްސީގެ ކޯޗުކަމުގެ މަގާމުން ކޮންޓޭ ވަކިކުރަން މިދިޔަ ޖެނުއަރީ މަހު އަބްރަމޮވިޗް ނިންމި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި އޭގެ ފަހުން ޓީމުގެ އެކި މަގާމުތަކުގައި ތިބި މީހުންނާއި ކޮންޓޭއާ ގުޅުން ކުޑަވި އެވެ.

މުސްތަގުބަލާ މެދު ސުވާލުތަކެއް އުފެދިފައިވީ ނަމަވެސް ކޮންޓޭ ވަނީ މިދިޔަ ސީޒަނުގައި ޗެލްސީ އަށް އެފްއޭ ކަޕް ކާމިޔާބު ކޮށްދީފަ އެވެ. ޗެލްސީގެ ކޯޗުކަމުން ކޮންޓޭ ވަކިކުރީ އެ ޓީމާ އެކު އޭނާ އެފްއޭ ކަޕް ކާމިޔާބު ކުރިތާ 55 ދުވަސް ފަހުންނެވެ. އަދި ކޮންޓޭ މި އަހަރަށް ޕްރީ ސީޒަން ޕްރެކްޓިސް ވެސް ފަށާފައިވަނިކޮށް އޭނާ ވަކިކޮށް ޗެލްސީން މައުރީޒިއޯ ސާރީ ކޯޗަކަށް ހަމަޖެއްސި އެވެ.

ސާރީ ކޯޗަަކަށް ގެންނަން ކޮންޓޭ މަގާމުން ދުރުކުރިއިރު އޭނާ އަށް ބަދަލެއްގެ ގޮތުގައި އޭނާގެ މުސާރަ އަށްވާ 14.4 މިިލިއަން ޑޮލަރުގެ ކޮމްޕެންސޭޝަން ފީ އެއް ވެސް ދޭން އެއްބަސްވި އެވެ. ރިޕޯޓްތައް ބުނާގޮތުން ކޮންޓޭ ޗެލްސީ ގޮވައިގެން ދައުވާ ކުރަން ނިންމީ އޭނާގެ ކެރިއަރުގެ އެއް އަހަރު އޮޅުވާލުމެއްގެ ތެރޭގައި ބެހެއްޓި ކަމަށް ބުނެ އެވެ. ޗެލްސީން ކޮންޓޭއާ މެދު ގޮތެއް ނުނިންމައި ހުއްޓައި އޭނާ އަށް ރަނގަޅު ދެ ހުށަހެޅުމެއް ގެއްލުމުން އޭގެ ބަދަލެއްގެ ގޮތުގައި 10 މިލިއަން ޑޮލަރު ހޯދަން ބޭނުންވެ އެވެ.

ކޮންޓޭ މައްސަލަތައް ހުށަހަޅާފައިވަނީ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް އަށެވެ. ކޮންޓޭ ދައުވާކުރަނީ ޗެލްސީ އަތުން 24.4 މިލިއަން ޑޮލަރު ހޯދުމަށެވެ.

ޗެލްސީން ވަނީ ކޮންޓޭއާ ދެމެދު އުފެދިފައިވާ މައްސަލަތައް ކޯޓުން ބޭރުން ނިންމަން އޭނާއާ ބައްދަލުކުރަން އެދިފަ އެވެ. އެކަމަކު ކޮންޓޭ ވަނީ އޭނާ އަށް މީގެ ކުރިން ގިނަ ކަންތައްތަކެއް އޮޅުވާލާފައިވާތީ ޗެލްސީގެ އެއްވެސް އޮފިޝަލަކާ ބައްދަލުކުރަން ދެކޮޅު ހަދައިފަ އެވެ.

ކޮންޓޭ އަށް ދޭން ޖެހޭ ކޮމްޕެންސޭޝަން ފީ ނުދޭން ޗެލްސީން ވަނީ ގިނަ އުޒުރުތަކެއް ދައްކައިފަ އެވެ. އޭގެ ތެރޭގައި މިދިޔަ ސީޒަނުގައި ޗެލްސީގެ ފޯވާޑް ޑިއޭގޯ ކޮސްޓާއާ މެދު ކޮންޓޭ އުސޫލުން ބޭރުން ކަންތައްކޮށްފައިވާ ކަމަށް ތުހުމަތުކުރެ އެވެ. އަދި އޭގެ އިތުރުން ޓީމުގެ ސްޕޮންސަރުންގެ އިވެންޓްތަކަށް ކޮންޓޭ ހާޒިރުނުވާ ކަމަށާއި ނޫސްވެރިންގެ ބައްދަލުވުންތަކަށާއި ޓީމުގެ ޓްރެއިނިން އަށް ގަޑިޖެހިގެން ކޮންޓޭ ދާތީ އޭގެ ޝަކުވާ ޗެލްސީ އޮފިޝަލުން ވަނީ މީޑިއާގައި ކޮށްފަ އެވެ.

ދާދިފަހުން ރެއާލް މެޑްރިޑްގެ ކޯޗުކަމާ ކޮންޓޭ ހަވާލުވާން އުޅޭ ކަމަށް މީޑިއާގައި އަޑުފެތުރުނެވެ. ރެއާލުގެ ކުރީގެ ރައީސް ރާމޮން ކަލްޑެރޯން ވިދާޅުވީ ކޮންޓޭ އަށް ރެއާލުގެ ވަޒީފާ ނުލިބުނީ އޭނާ ކުރި ޝަރުތުތަކާ މެދު ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ހިތްހަމަނުޖެހުމުން ކަމަށެވެ.