ބާސެލޯނާ ބަލިވިއިރު، ސޮލާރީ ރެއާލް ބަދަލުކޮށްލައިފި

މެޑްރިޑް (ނޮވެމްބަރު 12) - ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ ކުޅުނު މެޗުން 4-3 އިން ރެއާލް ބެޓިސް އަތުން ބަލިވިއިރު، ސަންޓިއާގޯ ސޮލާރީ ރެއާލް މެޑްރިޑާ ހަވާލުވި ފަހުން އެ ޓީމު ކުޅުނު ހަތަރު ވަނަ މެޗުން ރޭ ސެލްޓަ ވިގޯ އަތުން 4-2 އިން މޮޅުވެއްޖެ އެވެ.


ރޭގެ ނަތީޖާތަކަށް ފަހު ބާސެލޯނާ އެއް ވަނައިގައި އޮތީ 12 މެޗުން 24 ޕޮއިންޓާ އެކު އެވެ. ރޭ އެސްޕަންޔޯލް އަތުން 2-1 އިން ހޯދި މޮޅާ އެކު ސެވިއްޔާ ދެ ވަނަ އަށް ޖެހިލީ ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ. ދެ ޓީމަށް ވެސް 12 މެޗުން ލިބުނީ 23 ޕޮއިންޓެވެ. ރޭގެ މޮޅާ އެކު ރެއާލް ހަ ވަނައިގައި އޮތީ 12 މެޗުން 20 ޕޮއިންޓް ހޯދައިގެންނެވެ.

ބާސެލޯނާ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ބެޓިސް އިން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ފުރަތަމަ ލަނޑު ޖޫނިއާ ފާޕޯ ޖެހިއިރު، އަނެއް ލަނޑު ކާމިޔާބުކުރީ ތަޖުރިބާކާރު މިޑްފީލްޑަރު ޔަކީން އެވެ. އަނިޔާ އަށް ފަހު އެނބުރި އައިސް ބާސެލޯނާގެ ލިއޮނަލް މެސީ ކުޅުނު މި މެޗުގައި އޭނާ ވަނީ މެޗުގެ 62 ވަނަ މިނިޓްގައި ލަނޑު ޖަހައިފަ އެވެ.

ބެޓިސްގެ ތިން ވަނަ ލަނޑު ޖެހީ މެޗުގެ 71 ވަނަ މިނިޓްގައި ޕީއެސްޖީގެ ލޯނެއްގެ ދަށުން ކުޅެމުން އަންނަ ޖިއޮވާނީ ލޮ ސެލްސޯ އެވެ. ބާސެލޯނާ އިން އާޓޫރޯ ވިޑާލްގެ ލަނޑުން އަނެއްކާވެސް މެޗުގެ ތެރެއަށް އައިސްފައިވަނިކޮށް ބެޓިސް އިން ވަނީ ހަތަރު ވަނަ ލަނޑެއް ޖަހައިފަ އެވެ. މި ގޯލު ކާމިޔާބުކުރީ ސާޖިއޯ ކަނަލޭސް އެވެ.

ބާސެލޯނާގެ ތިން ވަނަ ލަނޑު އިތުރު ވަގުތުގައި ޖެހީ މެސީ އެވެ. މިއީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހަށް ފަހު ބާސެލޯނާ ލީގުގައި އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ ފަހަރެވެ.

ރިޕޯޓްތައް ބުނާގޮތުގައި ރެއާލްގެ ދާއިމީ ކޯޗަކަށް ސޮލާރީ މިއަދު ހަމަޖައްސާނެ އެވެ. ހުލެން ލޮޕެޓެގީ ވަކިކޮށް ރެއާލުން ސޮލާރީ ފުރަތަމަ ހަމަޖެއްސީ ވަގުތީ ކޯޗަކަށެވެ. އެކަމަކު އޭނާ ވަނީ އެ ޓީމާ ހަވާލުވެ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، ޓީމުގެ ހާލަތު ބަދަލުކޮށްފަ އެވެ.

ރަށުން ބޭރުގައި ސެލްޓައާ ދެކޮޅަށް ކުޅުނު މެޗުގައި ރޭ ރެއާލުން ލީޑުނެގީ ކަރިމް ބެންޒެމާ ޖެހި ގޯލުންނެވެ. ދެ ވަނަ ހާފުގައި ސެލްޓަގެ ގުސްޓާވޯ ކަބްރާލް އަތުން ބައިކޮޅަށް ވަން ގޯލުން ރެއާލް ވަނީ ލީޑުފުޅާކޮށްފަ އެވެ. އެކަމަކު އޭގެ ފަސް މިނިޓް ފަހުން ސެލްޓަގެ ހޫގޯ ޖެހި ގޯލުން އެ ޓީމު އަލުން މެޗުގެ ތެރެެއަށް އަ އެވެ.

ރެއާލުގެ ތިން ވަނަ ލަނޑު މެޗުގެ 83 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރީ ސާޖިއޯ ރާމޮސް އެވެ. އޭގެ ހަތަރު މިނިޓް ފަހުން ސެލްޓަގެ ކަބްރާލް އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ. އިތުރު ވަގުތުގައި ދެ ޓީމުން ވެސް ވަނީ ގޯލެއް ޖަހައިފަ އެވެ. ސެލްޓަގެ ގޯލު ކާމިޔާބުކުރީ ބްރައިސް މެންޑޭޒް އެވެ. ރެއާލުގެ ގޯލު ޖެހީ ޑެނީ ސަބާޔޯސް އެވެ.