އިޓަލީގެ އާ ޕިރްލޯ ހޯދަން ކިއޫ ހަދައިފި

މިލާން (ނޮވެމްބަރު 19) – އިޓަލީގެ އާ އަންދްރޭ ޕިރްލޯގެ ގޮތުގައި މަޝްހޫރުވެފައިވާ އުމުރުން 18 އަހަރުގެ ސެންޑްރޯ ޓޮނާލީ އިޓަލީ ގައުމީ ޓީމަށް ފުރަތަމަ ފަހަރަށް މިރޭ ކުޅޭއިރު، މިހާރު ވެސް ކްލަބްތަކުން އޭނާ ހޯދަން ކިއޫ ހަދައިފި އެވެ.


އިޓަލީގެ ދެ ވަނަ ޑިވިޝަނުގެ ބްރެޝިއާގެ މިޑްފީލްޑަރު މިހާތަނަށް ފުރަތަމަ ޑިވިޝަނުގައި ކުޅެފައިނުވަނީސް ސީނިއާ ޓީމުން މިވަނީ ޖާގަ ދީފަ އެވެ.

އޭނާ ހޯދަން ޔުވެންޓަސް، އިންޓަ، އޭސީ މިލާން އަދި ރޯމާ އިން ޝައުގުވެރިވާކަމަށްވެ އެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ގެންދިއުމުގެ ރޭހުގެ ކުރީގައި އޮތީ އިންޓަ އެވެ. ޔުވެންޓަސްގައި އެ މަގާމަށް ކުޅެން އުރުގުއޭ މިޑްފީލްޑަރު ރޮޑްރިގޯ ބެންޓަކޫ ހުރުމުން އެ ޓީމުން އެވަރުގެ ހޭދައެއް ކުރަން ބޭނުންނުވެ އެވެ.

ޓޮނާލީ ގަންނަން އިންޓަ އިން 15 މިލިއަން ޔޫރޯ ހުށަހަޅާފައިވާއިރު ބްރެޝިއާ އިން ކިޔަނީ 25 މިލިއަން ޔޫރޯގެ އަގެކެވެ. އަދި އޭނާ ގައުމީ ޓީމުގައި ދައްކާ ކުޅުމާ އެކު އެ އަގު މަތިވުމުގެ ފުރުސަތު އެބައޮތެވެ. އިންޓަ އިން އޭނާ ޖެނުއަރީ މަހު ގަތުމަށް ފަހު އޭނާ ގެންނާނެ ކަމަށް ބެލެވެނީ އަންނަ ސީޒަން ފެށެންވާއިރަށެވެ. ސަބަބަކީ އޭނާގެ ހައި ސްކޫލް ޓެސްޓްތައް އޮތުމާއި އިތުރު ތަޖުރިބާ ހޯދައިދިނުމެވެ.

ޕިރްލޯ އަކީ ވެސް ޓޮނާލީ ފަދައިން ބްރެޝިއާގައި ވިދާލި ކުޅުންތެރިޔެކެވެ. އަދި އޭނާ ވެސް ފުރަތަމަ ގުޅުނީ އިންޓައާ އެވެ. އެކަމަކު އެ ޓީމުގައި އެދެވޭ ކުޅުމެއް ނުދެއްކި ފަހުން އޭސީ މިލާނަށް ބަދަލުވެ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިޔަކަށްވި އެވެ.

ޓޮނާލީ އަށް ފްރާންސްގެ މޮނާކޯ އާއި އިންގްލެންޑުގެ ޗެލްސީ އާއި މެންޗެސްޓާ ސިޓީން ވެސް ޝައުގުވެރިވެ އެވެ. އެކަމަކު ޓޮނާލީ ބޭނުންވަނީ އިޓަލީގައި މަޑުކުރާށެވެ.

ޓޮނާލީ ފުރަތަމަ ފަހަރަށް އިޓަލީގެ ސީނިއާ ޓީމުގެ ޖާޒީ ލާނީ މިރޭ އެމެރިކާއާ ދެކޮޅަށް އިޓަލީ ކުޅޭ މެޗުގަ އެވެ. މި މެޗުގައި އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ ވަރަށް ގިނަ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭނެ އެވެ.