ޑެމްބެލޭގެ ގޯލާ އެކު ބާސާ އެއް ވަނަ ދިފާއުކޮށްފި

މެޑްރިޑް (ނޮވެމްބަރު 25) – ފަހު ވަގުތު އޮސްމާނޭ ޑެމްބެލޭ ޖަހައިދިން ގޯލާ އެކު ބާސެލޯނާ އިން ރޭ ރަށުން ބޭރުގައި އެތުލެޓިކޯ މެޑްރިޑާ 1-1 އިން އެއްވަރުކޮށް ސްޕެނިޝް ލީގުގެ އެއް ވަނަ މަގާމް ދިފާއުކޮށްފި އެވެ.


އެތުލެޓިކޯގެ ވަންޑާ މެޓްރޯޕޮލިޓާނޯ ސްޓޭޑިއަމުގައި ކުޅުނު މި މެޗުން އެ ޓީމު މޮޅުވި ނަމަ ތާވަލުގެ އެއް ވަނަ އަށް އެރުނީހެވެ. ބާސެލޯނާ އެއް ވަނައިގައި އޮތީ 25 ޕޮއިންޓާ އެކު އެވެ. ކުރިން ތިން ވަނައިގައި އޮތް އެތުލެޓިކޯ މިހާރު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގަކާ އެކު 25 ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. އެކަމަކު ތިން ވަނައިގައި 23 ޕޮއިންޓާ އެކު މިހާރު އޮތް ސެވިއްޔާ މިރޭ ރެއާލް ވަލަޑޮލިޑް އަތުން މޮޅުވެއްޖެ ނަމަ އެއް ވަނަ އަށް އެރޭނެ އެވެ.

މި މެޗުގައި އެތުލެޓިކޯ އިން ލީޑު ނެގީ 77 ވަނަ މިނެޓުގައި ޑިއެޑޯ ކޮސްޓާގެ ގޯލުންނެވެ. މިއީ އެންޓޮއިން ގްރިޒްމަން ކޯނަރަކުން ހުރަސްކުރި ބޯޅައަކުން އޭނާ ޖެހި ގޯލެކެވެ. ބާސެލޯނާ ސަލާމަތްކޮށްދިން ލަނޑު ބަދަލު ކުޅުންތެރިޔާ ޑެމްބެލޭ ޖެހީ 90 ވަނަ މިނެޓުގައި ލިއޮނަލް މެސީ ދިން ބޯޅައަކުންނެވެ. މިއީ އަހުލާގީ މައްސަލަތައް ދިމާވެ ބާސެލޯނާ އިން ވިއްކާލަފާނެ ކަމަށް ބެލެވިފައިވާ ޑެމްބެލޭ އަށް އެނބުރި އައުމަށް ލިބުނު ރަނގަޅު ފުރުސަތެކެވެ.

ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑް ވަނީ އެއިބާ އަތުން 3-0 އިން ބަލިވެފަ އެވެ. މިއީ ރެއާލް މެޑްރިޑުގެ އާ ކޯޗު ސެންޓިއާގޯ ސޮލާރީ އަށް ދާއިމީ ކޯޗުކަން ދިން ފަހުން ކުޅުނު ފުރަތަމަ މެޗެވެ. ހުލެން ލޮޕެޓީގާ އެކު ނަތީޖާތައް ދަށްވުމުން އޭނާ ވަކިކޮށް ސޮލާރީ އަށް ވަގުތީ ކޯޗުކަން ދީގެން ކުޅުނު ހަތަރު މެޗުން ވެސް ރެއާލް މެޑްރިޑް ވަނީ މޮޅުވެފަ އެވެ. އެ ޓީމު އޮތީ 20 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ.