ރޮނާލްޑޯގެ 10 ވަނަ ގޯލާ އެކު ޔުވެންޓަސް މޮޅުވެއްޖެ

ޓިއުރިން (ނޮވެމްބަރު 25) – ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސް އަށް ޖަހައިދިން 10 ވަނަ ގޯލާ އެކު އެ ޓީމުން ރޭ އިޓާލިއަން ލީގުގައި ސްޕަލް އަތުން 2-0 އިން މޮޅުވެއްޖެ އެވެ.


ލީގުގައި ބަލިނުވުމުގެ ސިލްސިލާ އަށް ޔުވެންޓަސް ބޮޅެއް އިތުރުކުރިއިރު، އެ ޓީމު އެއް ވަނައިގައި އޮތީ 37 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 28 ޕޮއިންޓާ އެކު އޮތީ އެއް މެޗު މަދުން ކުޅެފައިވާ ނަޕޯލީ އެވެ. އެ ޓީމުން މިރޭ ނުކުންނާނީ ކިއޭވޯއާ ދެކޮޅަށެވެ. ތާވަލުގެ ތިން ވަނައިގައި 28 ޕޮއިންޓާ އެކު އޮތީ ރޭ ފްރޮސިނޯނޭ އަތުން 3-0 އިން މޮޅުވި އިންޓަ އެވެ.

ޔުވެންޓަސްގެ ސްޓޭޑިއަމުގައި ސްޕަލް އަތުން އެ ޓީމު މޮޅުވިއިރު ފުރަތަމަ ގޯލް ރޮނާލްޑޯ ޖެހީ 28 ވަނަ މިނެޓުގަ އެވެ. ހިލޭ ޖެހުމަކުން މިރެލަމް ޕިޔަނިޗް އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅައަށް އަރައި ރޮނާލްޑޯ ވަނީ މަޑުމަޑުން އެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ. ޔުވެންޓަސްގެ ދެ ވަނަ ގޯލް 60 ވަނަ މިނެޓުގައި ޖެހީ ރޭ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު މާރިއޯ މަންޒުކިޗެވެ. ރޮނާލްޑޯ ދިން ބޯޅައެއް ހޯދައި އެލެކްސް ސެންޑްރޯ ގޯލަށް ފޮނުވާލުމުން ސްޕަލްގެ ގޯލްކީޕަރު ޕަންޗުކުރުމުން މަންޒުކިޗަށް ލިބި އޭނާ ވަނީ ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.

ޔުވެންޓަސްއާ މި ސީޒަނުގައި ގުޅުނު ރޮނާލްޑޯ އޮތީ ނުވަ ލަނޑާ އެކު އިޓާލިއަން ލީގުގެ ލަނޑުގެ ލިސްޓުގެ އެއް ވަނައިގަ އެވެ. އޭނާގެ ޖުމްލަ 10 ލަނޑަށް އެރީ ޗެމްޕިއަންސް ލީގުގައި ޖެހި ގޯލާ އެކު އެވެ.