މޮރީނިއޯގެ އިތުބާރު އަހަންނަށް އެބައޮތް: ލުކާކޫ

މެންޗެސްޓާ (ނޮވެމްބަރު 29) - އޭނާ އަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯގެ އިތުބާރު އެބައޮތް ކަމަށް އެ ޓީމަށް ކުޅޭ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ބުނެފި އެވެ.


މިދިޔަ އަހަރު ޖުލައި މަހު ލުކާކޫ ޔުނައިޓެޑަށް ބަދަލުވީ 75 މިލިއަން ޕައުންޑަށެވެ. އަދި އޭނާ ދައްކާ ކުޅުމަށް ބެލުމަށް ފަހު ވަކި ކަންތައްތަކެއް ހާސިލްކޮށްފިނަމަ އިތުރު 15 މިލިއަން ޕައުންޑް ދޭން ޔުނައިޓެޑުން ވަނީ އެއްބަސްވެފަ އެވެ. ލުކާކޫ ވަނީ ޔުނައިޓެޑަށް ފާއިތުވި ސީޒަނުގައި 27 ލަނޑު ޖަހައިދީފަ އެވެ.

މި ސީޒަނުގައި މިހާތަނަށް ކުޅުނު 17 މެޗުން ލުކާކޫ އަށް ޖެހުނީ އެންމެ ހަތަރު ގޯލެވެ. އުމުރުން 25 އަހަރުގެ ލުކާކޫ އެންމެ ފަހުން ޔުނައިޓެޑްގެ ދަނޑު އޯލްޑް ޓްރެފޯޑްގައި ލަނޑެއް ޖެހީ މިދިޔަ މާޗް މަހު އެވެ. ފަހަކަށް އައިސް ޔުނައިޓެޑް ކުޅޭ ގިނަ މެޗުތަކުގައި ލުކާކޫ ކުޅެން އަރުވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

ޗެމްޕިއަންސް ލީގުގައި މިދިޔަ އަންގާރަ ދުވަހުގެރޭ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފުގައި ކުޅެން އަރައި ލުކާކޫ ވަނީ މަރުއާން ފެލައިނީ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

"އަަހަރެން ފުރަތަމަ އެގާރައިގައި ނެތް ވާހަަކަ ބުނީމަ އަހަރެން ފުރަތަމަ ރުޅި އައީ. އެކަމަކު އެނގޭ މަސައްކަތް ކޮށްފިނަމަ އަލުން ޖާގަ ލިބޭނެކަން،" ޔަންގް ބޯއީސް މެޗަށް ފަހު ލުކާކޫ ބުންޏެވެ.

މޮރީނިއޯ ދާދި ފަހުން ބުނީ އަމިއްލަ ދަނޑުގައި ކުޅޭއިރު ޕްރެޝަރާ ކުރިމަތިލެވޭނެ ކަމުގެ ޔަގީންކަމެއް ނެތް ކުޅުންތެރިއަކު ހުރެފިނަމަ ގޭގައި މަޑުކޮށްލަން އެދޭ ކަމަށެވެ. ލުކާކޫ އެކަމާ ބެހޭގޮތުން ބުނީ އެއީ މުޅި ޓީމަށް ނިސްބަތްކޮށް ބުނި އެއްޗެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

"އެއީ މުޅި ޓީމަށް ނިސްބަތްކޮށް ބުނި އެއްޗެއް. އަހަންނަށް އެނގޭހާ ވެސް ކަމަކީ އަހަންނަށް ކޯޗު (މޮރީނިއޯ)ގެ އިތުބާރު އެބައޮތް ކަން. އަދި އަހަރެން މި ކްލަބްގައި ހުންނާނަން މި ޓީމުން އަހަރެން ބޭނުންވިހާ ދުވަހެއް ވަންދެން،" ކުރިން ޗެލްސީ އާއި އެވަޓަން އަށް ކުޅުނު ލުކާކޫ ބުންޏެވެ.

ލުކާކޫ އަށް އެންމެ ބޮޑަށް ފާޑުކިޔަނީ ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިއާ ޕައުލް ސްކޯލްސް އެވެ. ބީޓީ ސްޕޯޓްސްގެ ޝޯއެއްގައި ވާހަކަ ދައްކަމުން ސްކޯލްސް ވަނީ ލުކާކޫ އަށް ފޯވާޑް ލައިނުން ބަރޯސާވެގެން ޔުނައިޓެޑަށް ލީގު ޗެމްޕިއަން ނުހޯދޭނެ ކަމަށް ބުނެފަ އެވެ. ލުކާކޫ ވަނީ އެ ވާހަކަތަކަށް ރައްދުދީފަ އެވެ.

"ޓީވީ އަށް މިހާރު އަރާ އެނަލިސްޓުންނަށް ފައިސާ ލިބޭތީ އެކި ކަހަލަ ވާހަކަ ދައްކާނެ. އެއީ އަހަރެން ސަމާލުކަން ދޭކަމެއް ނޫން. ސްކޯލްސްއާ އަހަރެން ބައްދަލުވުމުން އޭނަ ސަލާމްކޮށް ވާހަކަ ދައްކާ. އެކަމަކު އަހަރެން ގާތުގައި އޭގެ އެއްވެސް ވާހަކައެއް ބުނަން ނުކެރެންވީ ސަބަބެއް ނެތް،" ބެލްޖިއަމް ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ލުކާކޫ ބުންޏެވެ.