ޑެހެއާ އެއް އަހަރަށް މަޑުކުރުވަން ނިންމައިފި

މެންޗެސްޓާ (ނޮވެމްބަރު 30) - މެންޗެސްޓާ ޔުނައިޓެޑުން އެ ޓީމުގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާގެ އެއްބަސްވުން އިތުރު އެއް އަހަރަށް އާ ކުރަން ނިންމައިފި އެވެ.


އުމުރުން 28 އަހަރުގެ ޑެހެއާއާ އެކު ޔުނައިޓެޑުން ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ޖޫން އަށް ހަމަވާނެ އެވެ. އެކަމަކު ޔުނައިޓެޑުން ބޭނުން ނަމަ ޑެހެއާއާ އެކު އެ އެއްބަސްވުން އިތުރު އެއް އަހަރަށް އާ ކުރުމުގެ އިހުތިޔާރު އޮވެ އެވެ.

ޔުނައިޓެޑުން ވަނީ ޑެހެއާއާ އެކު ހަދާފައިވާ އެއްބަސްވުން ދިގު މުއްދަތަކަށް އާ ކުރަން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެކަމަކު އެކަން ކާމިޔާބުނުވުމުން މި ވަގުތު ހަދާފައި އޮތް ކޮންޓްރެކްޓުން ޔުނައިޓެޑަށް ލިބޭ ބާރުގެ ދަށުން އެ ޓީމުން ވަނީ ޑެހެއާ އިތުރު އެއް އަހަރަށް މަޑުކުރުވަން ނިންމައިފަ އެވެ.

ޔުނައިޓެޑުން އެ ގޮތަށް ނިންމީ ޑެހެއާގެ މުސްތަގުބަލާ ބެހޭގޮތުން ގިނަ ވާހަކަތަކެއް މީޑިއާގައި ދެކެވޭތީ އޭނާ ކްލަބްގައި ބަހައްޓަން ބޭނުންވާތީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ކަމަށް ބެލެވެ އެވެ. އެއީ ކުރިން އޮތް ގޮތުން ޑެހެއާގެ އެއްބަސްވުން އަންނަ ޖޫންގައި ހަމަވާއިރު، މި ޖެނުއަރީ މަހުގައި ހުޅުވޭ ޓްރާންސްފާގައި ޑެހެއާ ބޭނުންނަމަ އެހެން ކްލަބަކާ އެކު ޕްރީ އެގްރީމެންޓެއްގައި ސޮއިކުރުމުގެ ފުރުސަތު އޭނާ އަށް އޮތުމުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން އިތުރު އެއް އަހަރަށް ޑެހެއާ މަޑުކުރުވީ އޭނާ ބޭނުންވާ ގޮތަށް ހަފްތާ އަކު 300،000 ޕައުންޑުގެ މުސާރަ އަކަށެވެ. ޑެހެއާ ހޯދަން މަސައްކަތް ކުރަމުން އަންނަ ކްލަބްތަކުގެ ތެރޭގައި ޕީއެސްޖީ އާއި ޔުވެންޓަސް އަދި ބަޔާން މިއުނިކް ވެސް ހިމެނޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އެތުލެޓިކޯ މެޑްރިޑް ދޫކޮށް ޑެހެއާ ޔުނައިޓެޑަށް ބަދަލުވީ 2011 ވަނަ އަހަރު އެވެ. ތަޖުރިބާކާރު އެޑްވިން ވަންޑަސާ ރިޓަޔަކުރި ފަހުން އޭނާ ނެތްތަން ފޫބައްދަން ފުރަތަމަ ސީޒަނުގައި ޑެހެއާ އަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނެވެ. އެކަމަކު ސީޒަނަކަށް ފަހު ސީޒަނެއް ރަނގަޅު ކުރަމުން އައިސް ފާއިތުވި ތިން ވަރަކަށް އަހަރު ޑެހެއާ އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.