އެފްރިކާ ކަޕް ބޭއްވުމުގެ ފުރުސަތު ކެމަރޫނަށް ގެއްލިއްޖެ

އަކްރާ، ގާނާ (ޑިސެމްބަރު 1) – އަންނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސް ބޭއްވުމުގެ ހައްގު ކެމަރޫން އަތުން ނަގައިފި އެވެ.


ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް އިން ބުނީ އަންނަ އަހަރުގެ ޖޫން މަހު ބާއްވާ މުބާރާތް ބޭއްވުމުގެ ފުރުސަތު ކެމަރޫނަށް ނުދޭން ނިންމީ ތައްޔާރީތަކުގެ މަސައްކަތް ލަސްކަމުން ކަމަށެވެ. އެފްރިކާގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތުގެ ކާމިޔާބަށް އަސަރުކޮށްފާނެ އެއްވެސް މައްސަލައެއް ދިމާވެދާނެ ފަދަ ކަމެއް ވާން ބޭނުންނުވާ ކަމަށް ކޮންފެޑެރޭޝަނުން ބުންޏެވެ.

މި ނިންމުން ނިންމީ ގާނާގައި އިއްޔެ ބޭއްވި 10 ގަޑި އިރަށް ވުރެ ދިގު ދެމިގެން ދިޔަ ބައްދަލުވަމުންނެވެ. ކޮންފެޑެރޭޝަނުގެ ރައީސް އަހުމަދު އަހުމަދު ވިދާޅުވީ މުބާރާތް ބާއްވާނެ ގައުމެއް މި އަހަރު ނިމުމުގެ ކުރިން ކަނޑައަޅަން މަސައްކަތްކުރައްވާނެ ކަމަށެވެ.

ކެމަރޫނަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ދޭން މުބާރާތް ފަސްކުރުމުގެ ހިޔާލުތަކެއް ވެސް ލިބުނު ކަމަށްވެ އެވެ. އެކަމަކު އެކި ފަރާތްތަކާ އެކު ހަދާފައިވާ ކޮންޓްރެކްޓްތަކުގެ ސަބަބުން އެއީ ކުރެވޭނެ ކަމެއް ނޫނެވެ.

މިއީ މި މުބާރާތް ޔޫރަޕުގެ އޮފް ސީޒަނުގައި ބާއްވާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އަހަރުގެ ކުރީކޮޅު ބާއްވާތީ މި މުބާރާތަށް ކުޅުންތެރިން ދޫކުރުމުން ކްލަބްތަކަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މުބާރާތް ބޭއްވުމުގެ ފުރުސަތު ބޮޑީ މޮރޮކޯ، ދެކުނު އެފްރިކާ ނުވަތަ މިސްރުގަ އެވެ. ތިން ގައުމަކީ ވެސް މުއްސަނދި އަދި ފުޓްބޯޅައިގެ ވަސީލަތްތައް ހުރި ގައުމުތަކެވެ.

ކެމަރޫނަށް ފުރުސަތު ގެއްލުނުއިރު އެ ޓީމުން އައީ އަމިއްލަ ގައުމުގައި ބާއްވާ މުބާރާތް ކާމިޔާބުކުރުމަށް، ކްލަރެންސް ސީޑޯފާ ޓީމު ހަވާލުކޮށް ތައްޔާރުވަމުންނެވެ.