ސިޓީ ލީޑުފުޅާކޮށްފި، ޔުނައިޓެޑަށް އުފަލެއް ނެތް

މެންޗެސްޓާ (ޑިސެމްބަރު 2) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި 3-1 އިން ބޯންމައުތު އަތުން މޮޅުވެ މެންޗެސްޓާ ސިޓީން ލީގުގެ އެއް ވަނައިގައި ފަސް ޕޮއިންޓަށް ލީޑުފުޅާކުރިއިރު، ރަށުން ބޭރުގައި ސައުތެމްޓަންއާ 2-2 އިން އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑް ލީގުގައި މޮޅެއްނުލިބި ޖެހިޖެހިގެން ތިން ވަނަ މެޗު ނިންމާލަން ޖެހިއްޖެ އެވެ.


ސިޓީ އެއް ވަނައިގައި އޮތީ 14 މެޗުން 38 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ލިވަޕޫލް މިރޭ އަމިއްލަ ދަނޑުގައި އެވަޓަންއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމަށް މި ވަގުތު ލިބިފައިވަނީ 13 މެޗުން 33 ޕޮއިންޓެވެ. ރޭގެ މެޗުން ލިބުނު ޕޮއިންޓާ އެކު ޔުނައިޓެޑް ލީގުގެ ހަތް ވަނައިގައި އޮތީ 14 މެޗުން 22 ޕޮއިންޓް ހޯދައިގެންނެވެ.

ރޭގެ މެޗުގައި ސިޓީ އަށް ލީޑުނަގައިދިނީ ޕޯޗުގަލްގެ މިޑްފީލްޑަރު ބެނާޑޯ ސިލްވާ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބޯންމައުތަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އިނގިރޭސި ފޯވާޑް ކަލުމް ވިލްސަން އެވެ. ދެ ވަނަ ހާފްގައި ސިޓީން ލީޑުނެގީ ރަހީމް ސްޓާލިން ވައްދާލި ގޯލުންނެވެ. ސިޓީ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު ޖެހީ ލެރޯއީ ސާނޭ ދިން ބޯޅައަކުން އިލްކާއި ގުންޑޮގާން އެވެ.

ރޭގެ މެޗަކީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އޭނާގެ ކޯޗިން ކެރިއަރުގައި މޮޅުވި 400 ވަނަ މެޗެވެ. އަދި ސިޓީން ވަނީ ލީގުގައި ބަލިނުވެ 20 މެޗު ހަމަކޮށްފަ އެވެ. ރޭގެ މެޗާ ބެހޭގޮތުން ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ ބޯންމައުތަކީ ރަނގަޅު ފުޓްބޯޅައެއް ކުޅެން މަސައްކަތްކުރާ ޓީމެއް ކަމަށާއި އެ ފަދަ ޓީމެއް އަތުން މޮޅުވެވޭނީ ވަރަށް ވިސްނުންތެރިކަމާ އެކު ކުޅެގެން ކަމަށެވެ. އަދި އަމިއްލަ ދަނޑުގައި ސިޓީން ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ރެކޯޑަށް މެޗެއް އިތުރުވުމުން އެ ހިތްހަމަ ޖެހުން އެބައޮތް ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

ސައުތެމްޓަން ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ 20 މިނިޓް ތެރޭ އެ ޓީމުން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ފުރަތަމަ ލަނޑު މެޗުގެ 13 ވަނަ މިނިޓްގައި ޖެހީ ސްޓުއާޓް އާމްސްޓްރޯންގް އެވެ. އޭގެ ހަތް މިނިޓް ފަހުން ޕޯޗުގަލްގެ ފުލްބެކް ސެޑްރިކް ސޮއާރޭސް ވަނީ ހިލޭ ޖެހުމަކުން ސައުތެމްޓަންގެ ލީޑުފުޅާކޮށްދީފަ އެވެ.

ޔުނައިޓެޑުން ނަތީޖާ ހަމަހަަމަ ކުރީ ހަ މިނިޓް ތެރޭ ދެ ގޯލު ޖަހައިގެންނެވެ. ފުރަތަމަ ލަނޑު މެޗުގެ 33 ވަނަ މިނިޓްގައި ޖެހީ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ އެވެ. ޔުނައިޓެޑަށް އެއްވަރުކޮށްދިނީ މެޗުގެ 39 ވަނަ މިނިޓްގައި އެންޑަ ހެރޭރާ އެވެ.

މި މެޗުގައި ލުކާކޫ ލަނޑު ޖެހިއިރު މިއީ 12 މެޗަށް ފަހު އޭނާ ޖެހި ފުރަތަމަ ގޯލެވެ. އޭނާ ލަނޑު ޖެހީ ދަނޑުމަތީގައި 16 ގަޑިއިރު ހޭދަކުރުމަށް ފަހު އެވެ. އޭނަ އެންމެ ފަހުން ގޯލު ޖެހީ މިދިޔަ ސެޕްޓެމްބަރު މަހު ވަޓްފޯޑާ ދެކޮޅަށެވެ.

ދާދި ފަހުން މޮރީނިއޯ ވަނީ މި މަސް ނިމުމުގެ ކުރިން ޔުނައިޓެޑް ގަދަ ހަތަރަކަށް އަރާނެ ކަމަށް ބުނެފަ އެވެ. ޔުނައިޓެޑާ ލީގުގެ ހަތަރު ވަނައިގައި އޮތް ޗެލްސީއާ ދެމެދު ހަ ޕޮއިންޓުގެ ފަރަގެއް މި ވަގުތު އެބައޮތެވެ. ޗެލްސީ މިއަދު ކުޅޭ މެޗުން މޮޅުވެއްޖެނަމަ އެ ފަރަގު ނުވަ ޕޮއިންޓަށް ބޮޑުވާނެ އެވެ.

"މައްސަލަ އަކީ އަހަރެމެން ކުޅޭ ސިސްޓަމެއް ނޫން. ކުޅުންތެރިންގެ ވިސްނުމާއި އެ މީހުން ކުރާ މަސައްކަތްތަކުގެ އުނިކަމެއް މި އުޅެނީ. އަހަރެން އަދިވެސް މި ހުރީ (ގަދަ ހަތަރެއްގެ) އުއްމީދުގައި،" ރޭގެ މެޗަށް ފަހު މޮރީނިއޯ ބުންޏެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ކްރިސްޓަލް ޕެލަސް ވަނީ 2-0 އިން ބާންލީ ބަލިކޮށް ލީގުގައި އަމިއްލަ ދަނޑުގައި މި ސީޒަނު ފުރަތަމަ ފަހަރަށް މޮޅުވެފަ އެވެ. ވަޓްފޯޑް އަތުން 2-0 އިން ލެސްޓާ ސިޓީ މޮޅުވިއިރު، ރަނގަޅު ފޯމެއްގައި އޮތް ނިއުކާސަލް ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި 3-0 އިން ވެސްޓް ހޭމް ޔުނައިޓެޑް އަތުން ބަލިވެފަ އެވެ.