އުފާފާޅުކުރަން ކްލޮޕް ދަނޑަށް އެރި މައްސަލަ ބަލަނީ

ލިވަޕޫލް (ޑިސެމްބަރު 4) - އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަން އަތުން ފަހު ވަގުތު 1-0 އިން ލިވަޕޫލް މޮޅުވި މެޗުގައި ލަނޑު ޖެހި ވަގުތު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އުފާފާޅުކުރަން ދަނޑަށް އެރި މައްސަލަ އިނގިރޭސި އެފްއޭ އިން ބަލަން ފަށައިފި އެވެ.


ހޮނިހިރު ދުވަހުގެރޭގެ މެޗުގައި އިތުރު ވަގުތުގައި ދެއްކި ވަގުތުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި އެވަޓަންގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑަށް ހެދުނު ގޯހެއްގެ ފައިދާނަގައި ލިވަޕޫލްގެ ޑިވޮކް އޮރީގީ ލަނޑު ޖެހި ވަގުތު ކްލޮޕް އުފާފާޅުކުރުމުގެ ތެރޭގައި ދަނޑަށް އަރައި ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާގެ ގައިގައި ބައްދައިފި އެވެ.

ކްލޮޕް ދަނޑަށް އެރުމުން ސޯޝަލް މީޑިއާގައި އޭނާ އަށް އަދަބުދޭން ޖެހޭ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ފާޑުކިޔައިފަ އެވެ. އަދި ކްލޮޕްގެ އުފާފާޅުކުރުމަކީ އިދިކޮޅު ޓީމަށް އިހުތިރާމް ކުޑަކޮށްކުރި ކަމެއް ކަމަށް ބުނެ ވެސް ފާޑުކިޔުން އަމާޒުވި އެވެ.

އެ މެޗަށް ފަހު ކްލޮޕް ބުނީ އޭނާ އަށް އެގޮތަށް އުފާފާޅުކުރެވުނީ ޖަޒުބާތު ޖެހިގެން ކަމަށާއި އެއީ އެއްވެސް ބަޔަކަށް އިހުތިރާމް ކުޑަކުރަން ކުރި ކަމެއް ނޫން ކަމަށެވެ. އަދި މެޗުގެ ފަހު ކަށިގަނޑަށް ފަހު އެންމެ ފުރަތަމަ ކަމަކަށް އެވަޓަންގެ ކޯޗު މާކޯސް ސިލްވާ ގާތުގައި މައާފަށް އެދުނު ކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ.

އިނގިރޭސި އެފްއޭ އިން މިހާރު އެ މައްސަލަ ބަލަމުން އަންނައިރު އެ ކަމާ ބެހޭގޮތުން ޖަވާބުދާރީވާން ކްލޮޕަށް ވަނީ ބުރާސްފަތި ދުވަހުގެ ނިޔަލަށް މުއްދަތު ދީފަ އެވެ.

ކްލޮޕްގެ އެ އުފާފާޅުކުރުމާ ބެހޭގޮތުން ގިނަ ކޯޗުންނާ ސުވާލުތައް ކުރިމަތިވެފައިވާއިރު، މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ކްލޮޕްގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ. ގާޑިއޯލާ ބުނީ ކްލޮޕަށް ކުރެވުނު ކަންތައް އޭނާ އަށް ވެސް ކުރެވިފައިވާ ކަމަށެވެ.

"އަހަރެން ދައްކާލަން ބޭނުންވަނީ އަހަރެންގެ ވާހަކަ. މިދިޔަ ސީޒަނުގައި ސައުތެމްޓަނާ ދެކޮޅަށް ކުޅުނު މެޗުގައި އަހަންނަށް ކުރެވުނު ކަންތައް. އަހަންނަށް ވެސް ދަނޑަށް އެރުނު. އަހަރެން ދެކޭގޮތުގައި ކްލޮޕަށް ވެސް ވިއީ އަހަންނަށް ވީގޮތް މާ ބޮޑަށް މެޗުގެ ތެރެއަށް ގެއްލިފައި ހުރެވުނީ،" ލީގުގައި މިރޭ ވަޓްފޯޑާ ބައްދަލުކުރާ މެޗުގެ ކުރިން ގާޑިއޯލާ ބުންޏެވެ.

އިނގިރޭސި އެފްއޭ އިން ވަނީ އާދިއްތަ ދުވަހު ޓޮޓެންހަމާއި އާސެނަލް ބައްދަލުކުރި މެޗުގެ ވެސް މައްސަލަތަކެއް ބަލަން ފަށައިފަ އެވެ.