މޮޑްރިޗް ބެލޮންޑިއޯ އެވޯޑް ހާސިލްކޮށްފި

ޕެރިސް (ޑިސެމްބަރު 4) - ބެލޮންޑިއޯ އެވޯޑާ އެކު އަހަރުގެ މޮޅު ކުޅުންތެރިޔާ އަށް ދޭ ޝަރަފްވެރި ހުރިހާ އެވޯޑެއް އެއް އަހަރު ތެރޭ ލިބުމުން ހާސިލްވީ ދުވަހަކު ވެސް އުއްމީދުނުކުރާ ވަރުގެ ކާމިޔާބެއް ކަމަށް ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކަ މޮޑްރިޗް ބުނެފި އެވެ.


މޮޑްރިޗަކީ އެއް އަހަރު ތެރޭ ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިއާގެ މަގާމާއި ޔޫރަޕްގެ މޮޅު ކުޅުންތެރިއާގެ މަގާމުގެ އިތުރުން ފީފާގެ މޮޅު ކުޅުންތެރިއާގެ އެވޯޑާއި ބެލޮންޑިއޯ ހާސިލްކުރި ފުރަތަމަ ކުޅުންތެރިއާ އެވެ. މީގެ ކުރިން ފްރާންސް ފުޓްބޯލް އިން ދެމުން އައި ބެލޮންޑިއޯ ވަނީ ފީފާ އެވޯޑާ އެއްކޮށްލައިގެން ދީފަ އެވެ. އެއީ 2010 އިން 2015 އަށެވެ. އޭގެ ފަހުން ދެ އެވޯޑް ދެނީ ވަކިންނެވެ.

ފާއިތުވި 10 އަހަރު ބެލޮންޑިއޯ އެވޯޑް ލިބުނީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީގެ ތެރެއިން އެއް ކުޅުންތެރިއަކަށެވެ. އެންމެ ފަހުން އެ ދެ ކުޅުންތެރިން ނޫން ކުޅުންތެރިއަކަށް މި އެވޯޑް ލިބުނީ 2007 ވަނަ އަހަރު ބްރެޒިލްގެ ޕްލޭމޭކަރު ކަކާ އަށެވެ.

އުމުރުން 33 އަހަރުގެ މޮޑްރިޗް ބުނީ މިއީ އޭނާ ހުވަފެނުން ވެސް ނުދެކޭފަދަ ކާމިޔާބެއް ކަމަށެވެ.

"ދުނިޔޭގެ އެންމެ ބޮޑު ހުރިހާ އެވޯޑެއް އެއް އަހަރުގެ ތެރޭގައި އަހަންނަށް ލިބޭނެ ކަމަށް އުއްމީދެއް ނުކުރަން. ވަރަށް އުފަލުން މިހުރީ މި އިހުސާސްތައް ބުނެދޭން ނޭގޭ،" މޮޑްރިޗް ބުންޏެވެ. "ވޭތުވެދިޔަ އަހަރުތަކުގައި ވަރަށް މޮޅަށް ކުޅުނު ކުޅުންތެރިންނަށް ބެލޮންޑިއޯ ނުލިބި އެބަހުރި. ބެލޮންޑިއޯ ސްޓޭޖުން ތަފާތު މަންޒަރެއް މި ފަހަރު މި ފެނުނީ. މިއީ އަހަރެންގެ އެކަނި މަސައްކަތެއް ނޫން. އަހަރެން މި ހިސާބަށް އަންނަން އެހީވެދިން އެންމެންގެ ވެސް މަސައްކަތް."

ބެލޮންޑިއޯ ގަދަ ފަހަކަށް ބަލާއިރު ދެ ވަނަ އަށް ދިޔައީ ރޮނާލްޑޯ އެވެ. ތިން ވަނަ އަށް ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ދިޔައިރު، ހަތަރު ވަނަ އަށް ދިޔައީ ފްރާންސްގެ ކިިލިއަން އެމްބާޕޭ އެވެ. އަދި ފަސް ވަނަ އަށް ދިޔައީ މެސީ އެވެ. މިއީ 2006 ގެ ފަހުން ބެލޮންޑިއޯ ގަދަ ތިނެއްގައި މެސީ ނެތް ފުރަަތަމަ ފަހަރެވެ.

ބެލޮންޑިއޯ އިން ފުރަތަމަ ފަހަރަށް ހޮވި އަންހެން އެންމެ މޮޅު ކުޅުންތެރިއަކީ ލިޔޯނަށް ކުޅެމުން އަންނަ ނޯވޭގެ ފޯވާޑް އެޑާ ހެގާބާގް އަށެވެ. އަދި 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއާ އަށް ދޭ އެވޯޑް ހާސިލްކުރީ ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއަކަށް ހޮވުނު އެމްބާޕޭ އެވެ.