ޗެމްޕިއަންސް ލީގުގައި ވީއޭއާރް ބޭނުންކުރަން ނިންމައިފި

ޕެރިސް (ޑިސެމްބަރު 4) - މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ފެށިގެން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބޭނުންކުރަން ޔުއެފާ އިން ނިންމައިފި އެވެ.


ޔުއެފާ އިން މީގެ ކުރިން ނިންމާފައިވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީިގުގައި ވީއޭއާރް ބޭނުންކުރާށެވެ. އެކަމަކު މިހާރު ވެސް އޭގެއާ ބެހޭ ހުރިހާ ކަންތައްތަކެއް ހަމަޖެހިފައި ހުރުމުން ލަސްނުކޮށް މި ފަހަރުގެ މުބާރާތުގައި ފަށަން ނިންމީ ޔުއެފާ ބޯޑް މެމްބަރުންގެ އިއްތިފާގުންނެވެ.

ވީއޭއާރް އަކީ ވީޑިއޯ ރީޕްލޭ މެދުވެރިކޮށް ރެފްރީ އާއި އެސިސްޓަންޓް ރެފްރީންގެ ނިންމުންތައް ބެލޭ ސިސްޓަމެކެވެ. އެގޮތުން މެޗުގައި ހިނގި ކަމަކާ މެދު ސުވާލެއް އުފެދިއްޖެ ނަމަ ނުވަތަ ސުވާލެއް އުފައްދައިފި ނަމަ ވީޑިއޯ ބަލައިގެން އެ ނިންމުން ނިންމަން ނުވަތަ އަލުން ނިންމަން ފުރުސަތު ލިބޭނެ އެވެ.

"އަންނަ އަހަރަށް މަޑުނުކޮށް މި އަހަރު ވެސް ކުރެވެން އޮތީމަ ލަސްކުރަން ޖެހޭ ސަބަބެއް ނެތް. އަވަހަށް ފެށިޔަސް އެއްވެސް ހުރަހެއް ނެތް. އަހަރެމެންނަށް އިންސާފުވެރިކޮށް މި ކަންތައް ކުރެވޭނެ ގޮތެއް އޮތީމަ ލަސްކުރާކަށް ނެތިން،" ޔުއެފާގެ ހިންގާ ކޮމިޓީގެ ބައްދަލުވުމަށް ފަހު އެ އިދާރާގެ ރައީސް ކެފެރިން މީޑިއާ އަށް ވިދާޅުވި އެވެ.

"އަވަހަށް ވީއޭއާރް ބޭނުންކުރަން މި ނިންމީ ވަރަށް ގިނަ މަޝްވަރާތަކަށް ފަހު ބަލަންޖެހޭ ހުރިހާ ކަމަކަށް ބަލާފައި. މެޗު އޮފިޝަލުންނާއި އެހެނިހެން ފަރާތްތަކުގެ ވެސް ލަފާ ހޯދާފައި."

މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ އިތުރުން އަންނަ އަހަރު އޮންނަ ޔުއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުން ފެށިގެން ޔޫރަޕްގެ މުބާރާތްތަކުގައި ވެސް ވީއޭއާރް ބޭނުންކުރަން ވަނީ ނިންމައިފަ އެވެ. އަންނަަ ޖޫން މަހު ކުޅޭ ނޭޝަންސް ލީގުގެ ސެމީގެ ގުރުއަތުލުން ބާއްވާފައިވާއިރު، ނެދަލެންޑްސް ބައްދަލުކުރާނީ އިންގްލެންޑާ އެވެ. އަދި ޕޯޗުގަލް ކުޅޭނީ ސްވިޒަލެންޑާ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވެސް ބޭނުންކުރި ވީއޭއާރް، މިހާރު އަންނަނީ ޔޫރަޕްގެ ވަރުގަދަ ލީގުތަކުގައި ވެސް ބޭނުންކުރަމުންނެވެ. އޭގެ ތެރޭގައި ޖަރުމަނާއި އިޓަލީ އަދި ސްޕެއިންގެ އެއް ވަނަ ޑިވިޝަން ހިމެނެ އެވެ. އަދި އަންނަ ސީޒަނުން ފެށިގެން އިނގިރޭސި ޕްރިމިއާ ލީގުގައި ވެސް ފުރަތަަމަ ފަހަރަށް ވީއޭއާރް ބޭނުންކުރަން ފަށާނެ އެވެ.