މެންޗެސްޓާ ސިޓީ ފަސް ބެލުމެއް ނެތި ކުރިއަށް

ލަންޑަން (ޑިސެމްބަރު 5) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި 2-1 އިން ވަޓްފޯޑް އަތުން ހޯދި މޮޅާ އެކު މެންޗެސްޓާ ސިޓީ ލީގުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.


އެއް ވަނައިގައި އޮތް ސިޓީ އަށް 15 މެޗުން 41 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ލިވަޕޫލަށް 14 މެޗުން ވަނީ 36 ޕޮއިންޓް ލިބިފަ އެވެ. ލިވަޕޫލް މިރޭ ނުކުންނާނީ ރަށުން ބޭރުގައި ބާންލީއާ ދެކޮޅަށެވެ.

ވަޓްފޯޑްގެ ވިކަރޭޖް ރޯޑުގައި ރޭ ކުޅުނު މެޗުގައި ސިޓީ އަށް ކުރިހޯދައިދިނީ ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ހުރި ޖަރުމަނުގެ ވިންގް ލެރޯއީ ސާނޭ އެވެ. މެޗުގެ 40 ވަނަ މިނިޓްގައި ސާނޭ ސިޓީ އަށް ލީޑުނަގައިިދިނުމުގެ ކުރިން ވަޓްފޯޑްގެ ކެޕްޓަން ޓްރޯއި ޑީނޭ އަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބިފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ފަސް މިނިޓް ތެރޭ ސިޓީގެ ދެ ވަނަ ލަނޑު ޖެހީ ގަބްރިއެލް ޖީސޫސް ދިން ބޯޅަ އަކުން ރިޔާދު މާރޭޒް އެވެ. ވަޓްފޯޑްގެ ހަމައެކަނި ލަނޑު މެޗު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ކާމިޔާބުކުރީ އަބްދުﷲ ޑޮކޫރޭ އެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ މެޗަށް ފަހު ބުނީ މިއީ އޭނާގެ ޓީމަށް ހައްގު މޮޅެއް ކަމަށާއި މެޗު އުނދަގޫވީ ފަސޭހަކޮށްލުމުން ކަމަށެވެ.

"ޕްރިމިއާ ލީގުގައި 2-0 އިން ކުރީގައި އޮތުމަކީ މެޗު ޔަގީންވުމެއް ނޫން. މެޗެއްގެ ތެރެއިން އަރާމްކުރަން އެއްވެސް ވަގުތެއް ޕްރިމިއާ ލީގުން ފުރުސަތެއް ނުދޭނެ. އުފަލަކީ ވަޓްފޯޑުން އަހަރެމެންނަށް ޕްރެޝަރު ކުރިއިރު ވެސް އަހަރެމެން ވަރަށް ކެރިގެން ކުރިމަތިލިކަން. އެކަމަކު އެހެން މެޗުތަކުގައި މި ގޮތަށް ނުވެދާނެ. ގޯލު ޖަހަން ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުން އިތުރުކުރަން ޖެހޭ،" ގާޑިއޯލާ ބުންޏެވެ.

ދާދި ފަހުން ޖަރުމަނުގެ ނޫހެއް ކަމަށްވާ ޑިއާ ސްޕީގަލް އިން ވަނީ ސިޓީން ފައިނޭންޝިއަލް ފެއާޕްލޭ ގަވާއިދުތަކާ ހިލާފަށް ކަންތައްތަކެއް ކޮށްފައިވަނީ ޔުއެފާގެ އޮފިޝަލުންގެ އެހީއާ އެކު ކަމަށް ބުނެ ލިޔެކިޔުންތަކެއް ލީކުކޮށްލައިފަ އެވެ. އެ ލިޔެކިޔުންތަކާ ގުޅިގެން ޔުއެފާ އިން އަލުން ސިޓީގެ މައްސަލަތައް ބަލަމުން އަންނައިރު، ދާދި ފަހުން ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން ވިދާޅުވީ މައްސަލަތައް ބެލުން ވަރަށް އަވަސް ސްޕީޑެއްގައި ކުރިއަށްދާ ކަމަށާއި ވަރަށް ކައިރި މުސްތަގުބަލެއްގައި ގޮތެއް ކަނޑައަޅާނެ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ސިޓީގެ މައްޗަށް އެ މައްސަލައިގައި ކުށް ސާބިތުވެއްޖެނަމަ ޔޫރަޕްގެ މުބާރާތްތަކުން އެ ޓީމު ސަސްޕެންޑްކުރާނެ އެވެ. ގާޑިއޯލާ ބުނީ އޭނާ އެދެނީ ވީ އެންމެ އަވަހަކަށް މި މައްސަަލަ އަށް ހައްލެއް ލިބުން ކަމަށާއި ސިޓީން ގަވާއިދާ ހިލާފަށް ކަމެއް ނުކުރާ ކަމަށެވެ.