ހަޒާޑްގެ ބަދަލުގައި ރެއާލުން ދެ ކުޅުންތެރިން ދެނީ

މެޑްރިޑް (ޑިސެމްބަރު 7) - މި ސީޒަނަށް ފަހު ރެއާލް މެޑްރިޑުން ޗެލްސީގެ ބެލްޖިއަމް މިޑްފީލްޑަރު އެޑެން ހަޒާޑް ހޯދަން ކުރާ މަސައްކަތް ވަރުގަދަކުރަން ނިންމާފައިވާއިރު ބަދަލުގައި ދެ ކުޅުންތެރިން ވެސް ދޭން ތައްޔާރަށް ތިބި ކަމަށް ސްޕެއިނުގެ މީޑީއާ ރިޕޯޓްތައް ބުނެފި އެވެ.


ހަޒާޑްގެ ބަދަލުގައި ޗެލްސީ އަށް ދޭން ރެއާލުން ހުށަހަޅާފައިވާ ދެ ކުޅުންތެރިންނަކީ މަޓެއޯ ކޮވަސިޗް އާއި މާކޯ އަސެންސިއޯ އެވެ. މީގެ ތެރެއިން ކޮވަސިޗް އަންނަނީ މި ވަގުތު ލޯން އެއްބަސްވުމެއްގެ ދަށުން ޗެލްސީގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އަދި ރެއާލުގެ ކޯޗުކަމަށް ސަންޓިއާގޯ ސޮލާރީ އައި ފަހުން އަސެންސިއޯ އަށް ޓީމުން އެކަށީގެންވާ ވަރަށް ފުރުސަތު ނުލިބެ އެވެ. ރެއާލުން މި ދެ ކުޅުންތެރިން ދޫކޮށްލާނީ އަލުން ގަނެވޭ އުސޫލެއް އެއްބަސްވުމުގައި ހިމަނައިފަ އެވެ. އެއީ ޗެލްސީން މި ދެ ކުޅުންތެރިން ވިއްކާލަން ނިންމައިފިނަމަ ފުރަތަމަ އެ ކުޅުންތެރިން ގަތުމުގެ ފުރުސަތު ރެއާލަށް ލިބޭ ގޮތަށެވެ.

މި ސީޒަން ފެއްޓުމުގެ ކުރިން ހަޒާޑް ވަނީ ޗެލްސީ ދޫކޮށްލަން އުޅޭ ކަމުގެ އިޝާރާތްތައް އެތައް ފަހަރެއްގެ މަތިން ދީފަ އެވެ. އެކަމަކު ފަހަކަށް އައިސް ކްލަބްގައި މަޑުކޮށްފާނެ ކަމަށް ވެސް ހަޒާޑް ވަނީ ބުނެފަ އެވެ. އެކަމަކު އެންމެ ފަހުން ބެލްޖިއަމް ޓީވީ އަކަށް ދިން އިންޓަވިއުއެއްގައި ހަޒާޑް ބުނީ ކުރިމަގާ ބެހޭގޮތުން ވަކި ގޮތެއް ނިންމާނީ މި ސީޒަނަށް ފަހު ކަމަށެވެ. އަދި ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި ކްލަބް ބަދަލުނުކުރާނެ ކަމަށް އޭނާ ބުންޏެވެ.

ކޮވަސިޗް (ކ) އާއި އަސެންސިއޯ: ހަޒާޑްގެ ބަދަލުގައި ރެއާލުން ޗެލްސީ އަށް ދޭން އެއްބަސްވާ ދެ ކުޅުންތެރިން. -- ފޮޓޯ: އޭއެފްޕީ

ޗެލްސީން އަންނަނީ ހަޒާޑް އެ ޓީމުގައި މަޑުކުރުވަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންނެވެ. އަދި ހަޒާޑަށް އެ ކްލަބްގެ ތާރީހުގައި ކުޅުންތެރިއަކަށް ދޭ އެންމެ ބޮޑު މުސާރައެއް ވެސް ދޭން ވެސް މިހާރު ވަނީ ހުށަހަޅައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ހަޒާޑް ވަނީ އަންނަ ސީޒަނުގައި ރެއާލަށް ބަދަލުވާން ބޭނުންވާ ކަމަށް ޗެލްސީގެ ބައެއް ބޯޑު މެމްބަރުންނަށް އަންގައިފަ އެވެ.

ފާއިތުވި ހަފްތާގައި ހަޒާޑާ އެކު ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމާ ބެހޭގޮތުން ސާރީ ވާހަކަ ދައްކަން ބޭނުމެއް ނުވެ އެވެ. އެކަމާ ގުޅޭގޮތުން ކުރި ސުވާލުތަކަށް ސާރީ ދިނީ ނުސީދާ ޖަވާބެކެވެ. އޭނާ ބުނީ ގޮތެއް ނިންމުމުގެ އިހުތިޔާރު މިހާރު އޮތީ ހަޒާޑް އަތުގައި ކަމަށެވެ.

ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ކޮވަސިޗާއި އަސެންސިއޯގެ އިތުރުން ރެއާލުން އޮތީ ދެ އަހަރަށް ބަހާލައިގެން ހަޒާޑަށް އިތުރު 20 މިލިއަން ޔޫރޯ ވެސް ހަރަދުކުރާ ގޮތަށް ތައްޔާރަށެވެ. އެ ހުށަހެޅުމާ މެދު ޗެލްސީން އެއްބަސްވާނެ ކަމަށް ރެއާލުން އުއްމީދުކުރެ އެވެ.

އުމުރުން 27 އަހަރުގެ ހަޒާޑް ޗެލްސީއާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2020 ވަނަ އަހަރުގެ ޖޫން މަހުގަ އެވެ. ފްރާންސްގެ ލިއްލޭ ދޫކޮށް 2012 ވަނަ އަހަރު ޗެލްސީ އަށް ހަޒާޑް ބަދަލުވީ 32 މިލިއަން ޕައުންޑަށެވެ.