ސިޓީން ތަހުގީގަށް މަރުހަބާ ކިޔާނެ: ގާޑިއޯލާ

މެންޗެސްޓާ (ޑިސެމްބަރު 7) - ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވާއިދާ ހިލާފުވެފައިވާތީ ކަމަށް ބުނެ މެންޗެސްޓާ ސިޓީގެ މައްސަލައެއް ޔުއެފާ އިން ބަލަމުންދާއިރު، ތަހުގީގުގެ ހުރިހާ ކަމަކަށް އެ ޓީމުގެ މަރުހަބާ ކިޔާނެ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.


ޔުއެފާ އިން ސިޓީގެ މައްސަލަ އަލުން ބަލަން ފެށީ ޖަރުމަނުގެ މީޑިއާއެއް ކަމަށްވާ ޑިއާ ސްޕީގަލް އިން ދާދި ފަހުން ލީކުކޮށްލި ސިއްރު ލިޔެކިއުންތަކެއްގެ ސަބަބުންނެވެ. އެ ލިއެކިޔުންތަކުގައިވާ ގޮތުން ސިޓީން އަންނަނީ ޔުއެފާގެ ބައެއް އޮފިޝަލުންތަކެއް މެދުވެރިކޮށް ތަކުރާރުކޮށް އެފްއެފްޕީ ގަވާއިދާ ހިލާފުވަމުންނެވެ. އެ ޓީމުން ހިލާފުވެފައިވަނީ ކްލަބްގެ ދަރަނިތައް ފޮރުވުމަށާއި ތަފާތު ސްޕޮންސަރުންތަކެއް މެދުވެރިކޮށް އުސޫލުން ބޭރުން ކްލަބަށް ފައިސާ ހޯދައި، އެ ފައިސާ ކުޅުންތެރިން ގަންނަން ހަރަދުކޮށްގެންނެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ވަކި ބަޔަކު އަބަދުވެސް ސިޓީގެ މައްޗަށް އެފްއެފްޕީއާ ހިލާފުވެފައިވާ ކަމުގެ ތުހުމަތުކުރާ ކަމަށާއި އެ ކްލަބުން އަންނަނީ ކޮންމެ ފަަހަރަކު ވެސް ދޭން ޖެހޭ އެންމެ ފުރިހަމަ އެއްބާރުލުން ދެމުން ކަމަށެވެ.

"ކްލަބްގެ ވިޔަފާރިއާ ގުޅޭގޮތުން އަބަދުވެސް އިވޭ އަޑުތަކެއް މިއީ. ކޮންމެ ފަހަރަކު ކްލަބުން ޖެހެނީ ބަޔާނެއް ނެރެގެން މިކަން ހައްލުކުރަން މަސައްކަތް ކުރަން. އަހަރެމެން އަބަދުވެސް ތަހުގީގަށް އެއްބާރުލުން ދޭނަން. މިސާލަކަށް މި މައްސަލައިގައި ޔުއެފާ އަށް ކަމެއް ފާހަގަކުރެވުނަސް އެއީ އަހަރެން ހުއްޓައި ޖެހުނު މައްސަލަ އަކަށް ނުވާނެ،" ކުރިން ބަޔާން މިއުނިކާއި ބާސެލޯނާ އަށް ކޯޗުކޮށްދިން ގާޑިއޯލާ ބުންޏެވެ.

ޔުއެފާ އިން އަންނަނީ ވަރަށް ހަލުވި ދުވެއްޔެއްގައި ސިޓީގެ މައްސަލަ ބަލަމުންނެވެ. އަދި ދާދި ފަހުން ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން ވިދާޅުވީ މި މައްސަލައިގައި ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް އެ ކަން ތަހުގީގުކުރާ ކޮމިޓީން އަންގާފައިވާ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން މި މައްސަަލަ ސިޓީގެ މައްޗަށް ސާބިތުވެއްޖެނަމަ އެ ޓީމަށް އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުގައި ނުކުޅެވޭނެ އެވެ. އެއީ އެފްއެފްޕީ ގަވައިދާ ހިލާފުވެއްޖެނަމަ ޔޫރަޕްގެ މުބާރާތްތަކުގައި ނުކުޅެވޭގޮތަށް ސަސްޕެންޑްކުރަން ޔުއެފާ އިން މީގެ ކުރިން ވެސް ވަނީ ނިންމައިފަ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕަށް ކުޅުންތެރިން ވީއްލައިގެން އެންމެ ބޮޑު ފައިދާއެއް ލިބުނީ ސިޓީ އަށެވެ. ސިޓީގެ 16 ކުޅުންތެރިއަކު މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅުނުއިރު ފީފާ އިން ވަނީ އެ ޓީމަށް 4.4 މިލިއަން ޔޫރޯ (ފަސް މިލިއަން ޑޮލަރު) ދީފަ އެވެ. އެއީ އެ ކުޅުންތެރިން ވޯލްޑް ކަޕް ކުޅުނު މުއްދަތަކަށް ބެލުމަށް ފަހު މުސާރައިން ލިބެން ޖެހޭ އަަދަދެވެ.