ބާސެލޯނާ އިން އެއް ވަނައިގައި ލީޑުފުޅާކޮށްފި

ބާސެލޯނާ (ޑިސެމްބަރު 9) – ހިލޭ ޖެހުމުން ލިއޮމަލް މެސީ ވައްދާލި ހިތްގައިމު ދެ ލަނޑާ އެކު އެސްޕަންޔޯލް އަތުން 4-0 އިން މޮޅުވެ ބާސެލޯނާ އިން ސްޕެނިޝް ލީގުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.


ބާސެލޯނާގެ ނަސީބު އަތުގައި ހިފީ އެ ޓީމާ ވާދަކުރަމުން އަންނަ ސެވިއްޔާ ރޭ ކުޅުނު މެޗުގައި ވެލެންސިއާއާ 1-1 އިން އެއްވަރުވުމުންނެވެ. ބާސެލޯނާ 31 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު ސެވިއްޔާ މިހާރު ދެ ވަނައިގައި އޮތީ 28 ޕޮއިންޓާ އެކު އެވެ. އަނެއްކޮޅުން ސެވިއްޔާ އެއްވަރުވުމުގެ ފައިދާ ނަގައި އެތުލެޓިކޯ މެޑްރިޑް ވަނީ ތިން ވަނައިގައި އެ ޓީމާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފަ އެވެ. އެތުލެޓިކޯ މޮޅުވީ ޑިޕޯޓިވޯ އަލަވެސް އަތުން 3-0 އިންނެވެ.

ބާސެލޯނާ އަށް ނިސްބަތްވާ ދެ ޓީމުގެ މެޗުގައި ރޭ އެސްޕަންޔޯލް ކޮޅަށް ބާސެލޯނާގެ ފުރަތަމަ ގޯލް މެސީ ޖެހީ 16 ވަނަ މިނެޓުގަ އެވެ. އޭނާ ފޮނުވާލި ހިލޭ ޖެހުން އަމާޒުކޮށްލީ ގޯލުގެ މަތީ ކަނަށެވެ. ބާސެލޯނާގެ ދެ ވަނަ ގޯލް 26 ވަނަ މިނެޓުގައި އޮސްމާނޭ ޑެމްބެލޭ ވެސް ޖެހީ އެހާމެ ހިތްގައިމުކަމާ އެކު އެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅަ އެސްޕަންޔޯލް ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށް ފަހު މަތީ ކަނަށް ވައްދާލީ އެވެ.

ބާސެލޯނާ އަށް ތަފާތު ބޮޑުކޮށްދިނީ 45 ވަނަ މިނެޓުގައި ލުއިސް ސުއަރޭޒެވެ. އޭނާ މި ގޯލް ޖެހީ ބޭރު ރޮނގު މަތިން ކަހަލަ ގޮތަކަށް، ހަނި އޭންގަލުންނެވެ. އެ ބޯޅަ މަތަކުރަން އެސްޕަންޔޯލުގެ ގޯލްކީޕަރަށް މާބޮޑު ކަމެއް ނުކުރެވުނެވެ. ބާސެލޯނާގެ ހަތަރު ވަނަ ގޯލް މެސީ ހިލޭ ޖެހުމަކުން ކާމިޔާބުކުރީ 65 ވަނަ މިނެޓުގަ އެވެ.