ނޭމާގެ ރެކޯޑް ލަނޑާ އެކު ބްރެޒިލް ފައިނަލަށް

ރިއޯ ޑި ޖެނީރޯ (އޮގަސްޓް 18) - އޮލިމްޕިކްސްގެ ފުޓްބޯޅައިގެ ތާރީހުގައި ޖެހި އެންމެ އަވަސް ލަނޑު ނޭމާ ކާމިޔާބުކުރިި މެޗުން ހޮންޑިއުރަސް އަތުން 6-0 އިން މޮޅުވެ ބްރެޒިލް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.


ރޭގެ މެޗުގައި ނޭމާ ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އޭނާ ފުރަތަމަ ލަނޑު ޖެހީ 14 ސިކުންތު ތެރޭގަ އެވެ. މިއީ އޮލިމްޕިކްސް ފުޓްބޯޅަ އިވެންޓުގައި ފެނިގެންދިޔަ އެންމެ އަވަސް ލަނޑެވެ. ބްރެޒިލްގެ އަނެއް ލަނޑުތައް ކާމިޔާބުކުރީ ގަބްރިއެލް ޖީސަސް ދެ ލަނޑާއި މާކުއީނިއޯސް އަދި ލުއާން އެވެ.

ބްރެޒިލްގެ ކޯޗު ރޮޖެރިއޯ މައިކަލް ބުނީ ނޭމާ އަކީ ލީޑަރެއް ކަަމަށާއި އޮލިމްޕިކުން ރަން މެޑެއްޔެއް ހޯދުމަށް ބްރެޒިލުން ކުރަމުން އަންނަ އިންތިޒާރަށް ނިމުމެއް ގެންނަން ނޭމާ އަށް އެހީތެރިވާނެ ކަމަށެވެ،

"ނޭމާގެ ތަފާތު ފެނިއްޖެ. އޭނާ ޓީމުގައި ހުރުމަކީ އެހެން ކުޅުންތެރިންނަށް ލިބޭ ހިތްވަރެއް. ނޭމާއާ އެކު މި ޓީމު އޮތީ އެހެން ލެވެލެއްގައި،" ރޮޖެރިއޯ ބުންޏެވެ.

ބްރެޒިލް މުބާރާތު ފައިނަލަށް ދަތުރުކުރީ ބައިކޮޅަށް ލަނޑެއް ނުވަދެ އެވެ. އެ ޓީމު ފައިނަލުގައި ނުކުންނާނީ ރޭ އަނެއް ސެމީގައި ނައިޖީރިއާ އަތުން 2-0 އިން މޮޅުވި ޖާމަނީއާ ދެކޮޅަށެވެ.

މިއީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ޖާމަނީ އަތުން 7-1 އިން ބްރެޒިލް އަމިއްލަ ގައުމުގައި ބަލިވި ފަހުން ބައިނަލްއަގްވާމީ މުބާރާތެއްގައި މި ދެ ޓީމު ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. ވޯލްޑް ކަޕް ސެމީގައި ޖާމަނީއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާގެ ސަބަބުން ނޭމާ ނުކުޅެ އެވެ.

ހޮންޑިއުރަސް އާއި ނައިޖީރިއާ ބައްދަލުކުރާ ތިން ވަނަ ހޮވާ މެޗު ހޮނިހިރު ދުވަހު ކުޅޭއިރު، ފައިނަލުގައި ޖާމަނީއާ ދެކޮޅަށް ބްރެޒިލް ނުކުންނާނީ އަންނަ އާދިއްތަ ދުވަހުގަ އެވެ.