މެސީގެ ހެޓްރިކާ އެކު ބާސެލޯނާ ލީޑު ދަމަހައްޓައިފި

ބާސެލޯނާ (ޑިސެމްބަރު 17) - ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި ލިއޮނަލް މެސީގެ ހެޓްރިކާ އެކު ލެވަންޓޭ 5-0 އިން ބަލިކޮށް ބާސެލޯނާ ލީގުގެ އެއް ވަނައިގައި އަލުން ލީޑުނަަގައިފި އެވެ.


ރޭގެ މެޗަށް ބާސެލޯނާ ނުކުތްއިރު އެ ޓީމަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. ރޭގެ މޮޅާ އެކު ބާސެލޯނާ ލީގުގެ އެއް ވަނައިގައި އޮތީ 16 މެޗުން 34 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ރޭ ޖިރޯނާ އަތުން 2-0 އިން މޮޅުވި ސެވިއްޔާ އެވެ. ސެވިއްޔާ އަށް 16 މެޗުން 31 ޕޮއިންޓް ލިބިފައިވާއިރު، އެ އަދަދަށް ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑުން ވެސް ވަނީ ޕޮއިންޓް ހޯދައިފަ އެވެ. ރެއާލް މެޑްރިޑް ހަތަރެއްގައި އޮތީ 16 މެޗުން 29 ޕޮއިންޓާ އެކު އެވެ.

ރޭގެ މެޗުގައި ވެސް ބާސެލޯނާ އިން ވިދާލީ މެސީ އެވެ. އޭނާ ވަނީ ހެޓްރިކެއް ޖެހުމުގެ އިތުރުން އަނެއް ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. މިއީ މެސީ ލަލީގާގައި ޖެހި 31 ވަނަ ހެޓްރިކް އެވެ. އަދި މި ލަނޑުތަކާ އެކު 2018 ވަނަ އަހަރު މިހާތަނަށް 50 ލަނޑު ހަމަކުރި ފުރަތަމަ ކުޅުންތެރިއަކީ މެސީ އެވެ.

ބާސެލޯނާ އަށް މެޗުގެ 35 ވަނަ މިނިޓްގައި މެސީ ދިން ބޯޅަ އަކުން ލީޑުނަަގައިދިނީ އަނިޔާ އިން ރަނގަޅުވެ ދާދި ފަހުން ޓީމާ ގުޅުނު ލުއިސް ސުއަރޭޒް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މެސީ ވަނީ ބާސެލޯނާ އަށް ލީޑުފުޅާކޮށްދީފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ދެ މިނިޓް ތެރޭ މެސީ ވަނީ އޭނާގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. މެސީ އޭނާގެ ހެޓްރިކް ފުރިހަމަކުރީ މެޗުގެ 60 ވަނަ މިނިޓްގަ އެވެ. މެސީ މި ލަނޑު ޖެހީ އާޓޫރޯ ވިޑާލް ދިން ބޯޅައަކުންނެވެ.

މެޗުގެ 76 ވަނަ މިނިޓްގައި ލެވަންޓޭގެ އެރިކް ސަބާކޯ ބާސެލޯނާގެ އޮސްމާން ޑެމްބެލޭ އަށް ނުރައްކާތެރި ފައުލެއް ކުރުމުން ރެފްރީ ވަނީ އޭނާ އަށް ރަތް ކާޑެއް ދައްކައިފަ އެވެ. ބާސެލޯނާގެ ފަހު ގޯލު މެޗު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް ޖެހީ ޖެރާޑް ޕީކޭ އެވެ.

ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނީ ލީޑު ލިބުމާ ހަމައަށް މެޗު ވަރަށް އުނދަގޫ ކަމަށެވެ. އެކަމަކު މެސީ އަށް ކުޅެލަން ފުރުސަތު ލިބެން ފެށުމާ އެކު މެޗު ފަސޭހަވެގެންދިޔަކަން ވަލްވޭޑޭ ފާހަގަކުރި އެވެ.