ރޮނާލްޑޯ އާއި މެސީ އަށް މޮޑްރިޗް ފާޑުކިޔައިފި

ޒަގްރެބް، ކްރޮއޭޝިއާ (ޑިސެމްބަރު 18) - މި ފަހަރުގެ އެވޯޑް ހަފްލާތަކަށް ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އާއި ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ހާޒިރުނުވާތީ، މި އަހަރުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ލޫކަ މޮޑްރިޗް ފާޑުކިޔައިފި އެވެ.


މިދިޔަ 10 އަހަރު މެސީ އާއި ރޮނާލްޑޯ ނޫން ކުޅުންތެރިޔަކަށް މޮޅު ކުޅުންތެރިއާ އަށް ދޭ އެވޯޑްތައް ލިބިފައެއް ނުވެ އެވެ. އެ ދެ ކުޅުންތެރިން ފަހަތަށް ޖައްސާލުމަށް ފަހު މޮޑްރިޗް ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިއާގެ މަގާމާއި ޔުއެފާގެ މޮޅު ކުޅުންތެރިއާ، ފީފާ ބެސްޓް އެވޯޑްސްގެ އިތުރުން ފްރާންސް ފުޓްބޯލް އިން ދޭ ބެލޮންޑިއޯ އެވޯޑް ވެސް ހާސިލްކޮށްފަ އެވެ.

އެވޯޑް ހަފްލާތަކަށް ރޮނާލްޑޯ އާއި މެސީ ހާޒިރުނުވާތީ އެކަމާ ގުޅޭގޮތުން ކްރޮއޭޝިއާގެ ނޫހަކުން މޮޑްރިޗާ ސުވާލުކުރުމުން އޭނާ ބުނީ ވަކި ބަޔަކު ހާޒިރުނުުވި ސަބަބެއް އޭނާ އަށް ނޭނގޭ ކަމަށެވެ.

"އެވޯޑް ހަފްލާ އަށް ނާންނަ ބަޔަކާ ބެހޭގޮތުން އަހަންނަށް ވާހަކައެއް ނުދެއްކޭނެ. އެއީ އެމީހުންގެ ނިންމުމެއް. އެކަމަކު އެއީ ރަނގަޅު ނިންމުމެއް ނޫން. މި ކަމުން އެނގެނީ މި ވޯޓްތަކާއި މި އެވޯޑުތަކުގެ އަގެއް އޮތީ ވަކި ބަޔަކަށް ލިބުމުން ކަން،" ކްރޮއޭޝިއާގެ ނޫހެއް ކަމަށްވާ ސްޕޯޓްސްކޭ ނޮވޯސްޓްކީ އަށް މޮޑްރިޗް ބުންޏެވެ.

"މިއީ މިދިޔަ 10 އަހަރު އެ ކުޅުންތެރިންނަށް (މެސީ އާއި ރޮނާލްޑޯ) ވޯޓު ދިން މީހުންނަށް ވެސް ވެވުނު ބޭއިންސާފެއް. އަދި ފުޓްބޯޅަ އާއި ސަޕޯޓަރުންނަށް ވެސް ދިން ނުރަނގަޅު މެސެޖެއް. މިއީ ރޮނާލްޑޯ އާއި މެސީ ފަދަ ކުޅުންތެރިންގެ ފަރާތުން ފެނުނު ގޯސްކަމެއް."

ރެއާލުގެ ކުރީގެ މެޗެއްގެ ތެރެއިން މޮޑްރިޗް (ވ) ރޮނާލްޑޯއާ އެކު އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

މޮޑްރިޗް ބުނީ ކުޅުންތެރިންގެ ފެންވަރާ މެދު ވާހަކަ ދައްކާނަމަ މެސީ އާއި ރޮނާލްޑޯ އަކީ މުޅިން އެހެން ލެވެލެއް ކަަމަށެވެ.

"ކުޅުންތެރިންގެ ފެންވަރާއި ހުނަރަށް ބަލާނަމަ މެސީ އާއި ރޮނާލްޑޯއާ އަޅާކިޔާނެ އެހެން ކުޅުންތެރިއަކު ނެތް. މިދިޔަ 10 އަހަރު އެ ދެ ކުޅުންތެރިން ތިބީ މާ އުހުގައި. އެކަމަކު އަހަރަކު އެއް ފަހަރު ހޮވާ މޮޅު ކުޅުންތރިއަކު މި ނަގަނީ ސީޒަނަކަށް ބަލާފައި. އެ މި ހޮވަނީ ފުޓްބޯޅަ ޓީމުތަކުގެ ކެޕްޓަނުންނާއި ކޯޗުންނާއި ނޫސްވެރިން. އެކަމަށް އިހުތިރާމް ކުރަން ޖެހޭ،" އޭނާ ބުންޏެވެ.

އުމުރުން 33 އަހަރުގެ މޮޑްރިޗް ބުނީ ރޮނާލްޑޯ އާއި މެސީ އަށް އޭނާގެ އިހުތިރާމް އަބަދުވެސް އޮންނާނެ ކަމަށާއި އެކަމަކު ވަކި ކަންތައްތަކުގައި ހިޔާލު ތަފާތުވުމަކީ އޮންނަން ޖެހޭ ކަމެއް ކަމަށެވެ. މޮޑްރިޗަށް މި ފަހަރުގެ މޮޅު ކުޅުންތެރިއާގެ މަގާމު ލިބުނީ ރެއާލުން ޖެހިޖެހިގެން ތިން ވަނަ ފަހަރު ޗެމްޕިއަންސް ލީގުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުންނާއި އޭނާގެ ކެޕްޓަންކަމުގެ ދަށުން ކްރޮއޭޝިއާ މި ފަހަރުގެ ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކުރުމުންނެވެ.