ރޮނާލްޑޯ އަށް މެސީ ނުސީދާ ޖަވާބެއް ދީފި

ބާސެލޯނާ، ސްޕެއިން (ޑިސެމްބަރު 19) - އަހަރެން މިހިރީ ދުނިޔޭގެ އެންމެ މޮޅު ޓީމުގައި ކަމަށް ބުނެ، އޭނާ އިޓާލިއަން ލީގަށް އަންނަން ކްރިސްޓިއާނޯ ރޮނާލްޑޯ ކުރި ޗެލެންޖަށް ބާސެލޯނާގެ ލިއޮނަލް މެސީ ނުސީދާކޮށް ރައްދުދީފި އެވެ.


ރެއާލް މެޑްރިޑް ދޫކޮށް މި ސީޒަނުގައި އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވި ރޮނާލްޑޯ އަންނަނީ އެ ޓީމުގައި ވެސް މޮޅު ކުޅުން ތަކުރާރުކުރަމުންނެވެ. އެހެންވެ މެސީ ވެސް އެ ލީގަށް އައިސް ތަފާތު ދައްކަން ރޮނާލްޑޯ ޗެލެންޖްކުރީ އެވެ.

ރޮނާލްޑޯގެ ވާހަކަތަކަށް މެސީ ނުސީދާކޮށް ޖަވާބުދިނީ ރޮނާލްޑޯ ފަހަތަށް ޖައްސާލުމަށް ފަހު ޔޫރަޕުގެ ރަންބޫޓް ފަސް ވަނަ ފަހަރަށް ހޯދުމަށް ފަހު އެވެ. ރޮނާލްޑޯ ވެސް ވަނީ ހަތަރު ފަހަރަށް ރަން ބޫޓު ހާސިލްކޮށްފަ އެވެ. މެސީ މި ފަހަރު ރަން ބޫޓު ހޯދީ މިދިޔަ ފަހަރު ލީގުގައި 34 ލަނޑު ޖަހައިގެންނެވެ. ދެ ވަނަ އަށް ދިޔަ ލިވަޕޫލްގެ މުހައްމަދު ސަލާހު ވަނީ ލީގުގައި 32 ގޯލު ޖަހައިފަ އެވެ. ތިން ވަނަ އަށް ޓޮޓެންހަމް ހޮޓްސްޕާސްގެ ހެރީ ކޭން ދިޔައީ ލީގުގައި 30 ގޯލު ޖަހައިގެންނެވެ. ރޮނާލްޑޯ ހަތަރު ވަނަ އަށް ދިޔައިރު އޭނާ މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑަށް ލީގުގައި ޖަހައިިދިނީ 26 ގޯލެވެ.

"މުޅި ޓީމު ކުރާ މަސައްކަތުގެ އަގުވަޒަންކުރަން އަހަރެން ބޭނުން. އަހަރެން މި ހުރީ ދުނިޔޭގެ އެންމެ މޮޅު ޓިމުގައި. މި ޓީމުގައި ތިބީ އެންމެ މޮޅެތި ކުޅުންތެރިން ވެސް. އެހެންވެ ގިނަ ކަންތައްތަކެއް އަހަންނަށް ފަސޭހަވެގެންދޭ." މެސީ ބުންޏެވެ.

ފުޓްބޯޅަ ކެރިއަރު ފެށިއިރު މިހާ ގިނަ ކާމިޔާބީތަކެއް ލިބޭނެ ކަމަށް އުއްމީދުނުކުރާ ކަމަށް މެސީ ވަނީ ބުނެފަ އެވެ. އަދި އޭރު ދުށް ހުވަފެނަކީ ޕްރޮފެޝަނަލްކޮށް ފުޓްބޯޅަ ކުޅެގެން ކޮންމެވެސް ކާމިޔާބެއް ހޯދުން ކަމަށް މެސީ ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ބާސެލޯނާ ކުޅެން ޖެހޭނީ ފްރާންސްގެ ލިޔޯނާ އެވެ. މެސީ ބުނީ މިއީ ފަސޭހަ މެޗެއްގެ ގޮތުގައި ނުނަގާނެ ކަމަށާއި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ލިޔޯނުން ވަނީ ނަތީޖާ ނެރެފައި ކަމަށެވެ.