ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ސޮން (ކ) އާއި އަލީ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ލަންޑަން (ޑިސެމްބަރު 20) - އިނގިރޭސި ލީގު ކަޕްގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ މުބާރާތުގެ ސެމީ ފައިނަލުން ޗެލްސީ އާއި ޓޮޓެންހަމް ހޮޓްސްޕާސް ފުރުސަތު ހޯދައިފި އެވެ.
ރަށުން ބޭރުގައި ޓޮޓެންހަމުން 2-0 އިން އާސެނަލް ބަލިކުރިއިރު، އަމިއްލަ ދަނޑުގައި ޗެލްސީ ވަނީ 1-0 އިން ބޯންމައުތުގެ މައްޗަށް ކުރި ހޯދައިފަ އެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި ޗެލްސީ ނުކުންނާނީ ޓޮޓެންހަމާ ދެކޮޅަށެވެ. އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ބައްދަލުކުރާނީ ތިން ވަނަ ޑިވިޝަނުގެ ބާޓަން އަލްބިއަންއާ ދެކޮޅަށެވެ.
ރޭގެ މެޗުގެ 20 ވަނަ މިނިޓްގައި ޓޮޓެންހަމަށް ލީޑުނަގައިިދިނީ ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން މިން އެވެ. އޮފްސައިޑް މަޅިން ސަލާމަތްވެ، ސޮން ވަނީ އާސެނަލްގެ ކީޕަރު ޕެޓަ ޗެކް އަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
ދެ ވަނަ ހާފުގައި ޓޮޓެންހަމްގެ އަނެއް ގޯލު ޖެހީ ޑެލެ އަލީ އެވެ. އަލީ ގޯލު ޖެހިތާ އިރުކޮޅެއް ނުވެ އާސެނަލް ސަޕޯޓަރުންގެ ތެރެއިން އޭނާ ގައިގައި ވަނީ ފުޅި އަކުން ޖަހައިފަ އެވެ.
މިދިޔަ އަހަރުގެ ފައިނަލުން ބަލިވި އާސެނަލަށް ރޭގެ މެޗުގައި ލަނޑު ޖަހައިދޭން އެންމެ ހުސް ފުރުސަތުތަކެއް ލިބުނީ ހެންރިކް މިކިތާރްޔަން އާއި އާރޮން ރަމްސޭ އެވެ. ދެ ކުޅުންތެރިންގެ ހަމަލާތައް ވެސް ހުއްޓުވީ ރޭގެ މެޗުގައި ޓޮޓެންހަމްގެ ގޯލު ބެލެހެއްޓި އެ ޓީމުގެ ދެ ވަނަ ކީޕަރު ޕައޮލޯ ގަޒަނީގާ އެވެ.
ޖެހިޖެހިގެން ބަލިނުވެ 22 މެޗު ހަމަކުރި އާސެނަލް މިހާރު ވަނީ އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ. މިއީ ޓޮޓެންހަމުން އެންމެ ފަހުން އާސެނަލް ދަނޑުގައި ކުޅުނު 10 މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ ފަހަރެވެ.
ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ މި ލިބުނީ ވަރަށް ފުރިހަަމަ މޮޅެއް ކަަމަށާއި ދެން ކުރިއަށް އޮތް ސެމީ ފައިނަލުގައި ޗެލްސީއާ ދެކޮޅަށް ވެސް މި ކާމިޔާބީ ތަކުރާރުކުރަން ބޭނުންވާ ކަމަށެވެ.
"އަނެއްކާ ވެސް އުނދަގޫ މެޗެއް މި ޖެހުނީ. ޗެލްސީއާ ދެކޮޅަށް ކުޅެން ވަރަށް އުނދަގޫވާނެ. އެއީ އަހަރެމެން ނޮކައުޓް މެޗުތަކުގައި ގިނަ ފަަހަރު ޗެލްސީ އަތުން ބަލިވެފައިހުރީ. މިއީ އެކަން ބަދަލުކުރަން ލިބޭނެ ފުރުސަތެއް،" ޕޮޗެޓީނޯ ބުންޏެވެ.
ލީގު ކަޕްގެ ޗެމްޕިއަންކަން ފަސް ފަހަރަށް ހޯދާފައިވާ ޗެލްސީ އަށް މި ފަހަރުގެ ސެމީން ފުރުސަތު ހޯދައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ރޭގެ މެޗުގައި ކުޅެން އެރި އެޑެން ހަޒާޑް އެވެ. އެ ލަނޑު ކާމިޔާބުކުރީ މެޗު ނިމެން ހަ މިނިޓަށް ވެފައި ހުއްޓަ އެވެ.
ޗެލްސީގެ އެސިސްޓަންޓް ކޯޗު ޖިއަންފްރަންކޯ ޒޯލާ ބުނީ މިއީ ވަރަށް އުނދަގޫ މެޗެއް ކަމަށާއި ތަފާތު ފެނުނީދެ ވަނަ ހާފުގައި ގެނައި ބަދަލުތަކަށް ފަހު ކަމަށެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ރަދީފް
20 December 2018
މަރުހަބާ ސްޕާސް.މަރުހަބާ ޗެލްސީ.