ފޭރުނު ކަަމަށް ބުނެ ފެތުންތެރިން އޮޅުވާލުމުން އެމެރިކާ އިން މައާފަށް އެދެފި

ރިއޯ ޑި ޖެނީރޯ (އޮގަސްޓް 19) - ބަޑި ޖައްސައިގެން ބިރު ދައްކައި އެމެރިކާގެ ހަތަރު ފެތުންތެރިން އަތުން ޕެޓްރޯލް ސްޓޭޝަނެއް ކައިިރިން ފޭރުނު ކަމަށް ބުނެ އޮޅުވާލާފައިވާތީ އެމެރިކާގެ އޮލިމްޕިކް ކޮމިޓީން އެކަމަށް މައާފަށް އެެދެފި އެވެ.


މިފަހަރުގެ ގޭމްސްގައި ރަން މެޑަލް ހޯދާފައިވާ އެމެރިކާގެ ހަތަރު ފެތުންތެރިން ކަަމަށްވާ ގަނާ ބެންޓްޒް، ޖެކް ކޮންޔާ، ރަޔާން ލޮކްޓް އަދި ޖޭމްސް ފެއިގެން ވަނީ މިދިޔަ ހަފްތާގައި އެ ހަތަރު ފެތުންތެރިން ކްލަބަށް ގޮސްފައި ޓެކްސީގައި އައި މަގުމަތީގައި ބަޑިން ބިރުދައްކައި ގިނަ ލާރިތަކެއް ފޭރިގަނެފައިވާ ކަމަށް އެމެރިކާ މީޑިއާ އަށް މައުލޫމާތު ދީފަ އެވެ.

ބްރެޒިލް ޕޮލިހުން މި މައްސަލަ ތަހުގީގު ކުރުމަށް ފަހު ބުނެފައިވަނީ ސީސީޓީވީ ފޫޓޭޖްތައް ބަލައިގެންނާއި މީހުންނާއި ސުވާލުކޮށްގެން އެ ހަތަރު ފެތުންތެރިން އަތުން ފޭރުނުކަން ސާބިތުކުރެވޭ ވަރުގެ އެއްވެސް ހެއްކެއް ލިބިފައިނުވާ ކަމަށެވެ.

ބްރެޒިލްގެ ކޯޓުން ވަނީ މި މައްސަލައާ ގުޅިގެން މި ހަތަރު އެތުލީޓުންގެ ޕާސްޕޯޓް ހިފަހައްޓައިފަ އެވެ. އެއީ މި މައްސަލަ ބަލައި ނިމެންދެނެވެ. ހަތަރު ފެތުންތެރިންގެ ޕާސްޕޯޓް ހިފަހައްޓަން ކޯޓުން އަމުރުނެރުނުއިރު، އޭގެ ތެރެއިން އެއް ފެތުންތެރިއެއް ކަމަށްވާ ލޮކްތް ވަނީ ފުރައިފަ އެވެ. ލޮކްޓް އަކީ އޮލިމްޕިކް ތާރީހުގައި ފާހަގަކޮށްލެވޭ ފެތުންތެރިއެކެވެ. އޭނާ ވަނީ މިހާތަނަށް 12 އޮލިޕިކްސް މެޑަލް ހޯދައިފަ އެވެ.

އަނެއް ތިން ފެތުންތެރިންގެ ތެރެއިން އިއްޔެ ދޫކޮށްލީ ބެންޓްޒް އާއި ކޮންޔާ އެވެ. ބެންޓްޒް އާއި ކޮންޔާ ޕާސްޓްޕޯޓް ދޫކުރީ ބްރެޒިލް އޮލިމްޕިކް ކޮމިޓީން އެމެރިކާގެ އޮލިމްޕިކް ކޮމިޓީ އާއި އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ އާއި މަޝްވަރާ ކުރުމަށް ފަހު އެވެ. މި ވަގުތު ބްރެޒިލްގައި ހުރީ ފެއިގަން އެކަންޏެވެ.

އެމެރިކާގެ އޮލިމްޕިކް ކޮމިޓީން ބުނީ މި ކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ބްރެޒިލް އާއި އޮލިމްޕިކް ކޮމިއުނިޓީގެ ކިބައިން މިކަމަށް މައާފަށް އެދޭކަމަށެވެ. އަދި މި ހަތަރު ފެތުންތެރިންނާއި އެމެރިކާގެ އޮލިމްޕިކް ކޮމިޓީގެ ފަރާތުން އިތުރަށް ސުވާލުކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.