ވިޔަރެއާލާއި ރެއާލް މެޑްރިޑް އެއްވަރުވެއްޖެ

ވިޔަރެއާލް (ޖެނުއަރީ 4) – ވިޔަރެއާލާ 2-2 އިން އެއްވަރުވެ، ރެއާލް މެޑްރިޑަށް ސްޕެނިޝް ލީގުގައި ތަފާތު ކުޑަކުރަން ލިބުނު ފުރުސަތު ގެއްލިއްޖެ އެވެ.


މެޑްރިޑް މިހާރު އޮތީ 32 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ރޭ މޮޅުވި ނަމަވެސް، 32 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ތިން ވަނައިގައި އޮތް ސެވިއްޔާއާ ޕޮއިންޓުގެ ގޮތުން މެޑްރިޑަށް އެއްވަރުކުރެވުނީހެވެ. އަދި 37 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތް ބާސެލޯނާ އާއި 34 ޕޮއިންޓާ އެކު ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ ވެސް ފަރަގު ކުޑަކުރެވޭނެ އެވެ.

ވިޔަރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުގެ ތަރިއަކަށްވީ އާސެނަލްގެ ކުރީގެ ފޯވާޑް ސަންޓި ކަޒޯލާ އެވެ. އޭނާ ވަނީ ހަތަރު ވަނަ މިނެޓުގައި ވިޔަރެއާލަށް ކުރި ހޯދައިދީފަ އެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން ކަރިމް ބެންޒެމާ ވަނީ މެޑްރިޑަށް އެއްވަރުކޮށްދީފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ 20 ވަނަ މިނެޓުގައި ރަފައެލް ވަރާން އެވެ. އެކަމަކު 82 ވަނަ މިނެޓުގައި ކަޒޯލާ ވަނީ ވިޔަރެއާލަށް އެއްވަރުކޮށްދީފަ އެވެ.

ވިޔަރެއާލުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށް ފަހު އިންގްލެންޑުގެ އާސެނަލަށް ހަ އަހަރު ކުޅެދިން ކަޒޯލާ އެނބުރި ސްޕެއިނަށް އައީ މި ސީޒަނުގަ އެވެ. އޭނާ މި ކުޅެނީ، ސީރިއަސް އަނިޔާއަކާ ގުޅިގެން ދެ އަހަރެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށް ފަހު އެނބުރި އައިހެވެ.