ބާސެލޯނާއާ މެދު ރިވާލްޑޯ ހިތްހަމަނުޖެހިފައި

ބާސެލޯނާ (ޖެނުއަރީ 5) - ބާސެލޯނާ އިން މުސްތަގުބަލަށް ވަރުގަދަ ޓީމެއް އެކުލަވާލަން ކުރާ މަސައްކަތުގައި އެ ޓީމުގެ އެކެޑަމީ ލަ މާސިއާގެ ކުޅުންތެރިންނަށް ފުރުސަތު ދޭ މިންވަރު މަދުވަމުންދާތީ ކުރީގެ މިޑްފީލްޑަރު ބްރެޒިލްގެ ރިވާލްޑޯ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ،


ބާސެލޯނާ އިން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ވެލެންސިއާ އަށް ކުޅޭ ކޮލަމްބިއާގެ ޑިފެންޑަރު ޖޭސަން މުރީއޯ ގެނެސްފަ އެވެ. އަދި ޕީއެސްޖީގެ ފްރާންސް މިޑްފީލްޑަރު އެޑްރިއަން ރަބިއޯ އާއި އަޔެކްސްގެ ފްރޭންކް ޑީ ޔޮންގް ގެނައުމުގެ މަސައްކަތްތައް ވެސް ވަނީ ގާތްގަނޑަކަށް ނިމިފަ އެވެ.

ރިވާލްޑޯ ބުނީ ބޮޑު އަގުގައި ޒުވާން ކުޅުންތެރިން ގެނައުމަކީ ބާސެލޯނާ އިން ކުރިން ގަބޫލުކުރާގޮތެއް ނޫން ކަމަށެވެ.

"އިނިއެސްޓާ، ޒަވީ، ބުސްކެޓްސް، މެސީ އަދި ޕުޔޯލް މި ކުޅުންތެރިން ވެސް އައީ ލަ މާސިއާ ތެރެއިން. އެ ކުޅުންތެރިން ވަނީ ކްލަބް ލޯބީގައި އެތަކެއް އަހަރުތަކެއް ހޭދަކޮށްފައި. ގިނަ ހުށަހެޅުންތަކަކަށް ނޫނެކޭ ބުނެފައި. އަހަރެމެންނަށް މިހާރު ފެންނަނީ ބާސެލޯނާ އިން އެކެޑަމީއަށް ދޭ ސަމާލުކަން ކުޑަވި މަންޒަރު. ބޮޑު އަގުގައި ޒުވާން ކުޅުންތެރިން ގަތުމަކީ ބާސެލޯނާގެ އުސޫލެއް ނޫން." ރިވާލްޑޯ ބުންޏެވެ.

"އަހަރެން ދެކޭ ގޮތުގައި ބާސެލޯނާ އިން އުސޫލު ބަދަލުކޮށް ބޭރުން ޒުވާން ކުޅުންތެރިން ހޯދާކަށް ނުޖެހޭ. އެ އަށް ވުރެން ބާސެލޯނާގެ އެކެޑަމީގައި ތިބި ކުޅުންތެރިން ތަރައްގީ ކުރުން މާ ބުއްދިވެރި."

އަންނަ ސީޒަނުގައި ބާސެލޯނާގެ ކޯޗެއްގެ ގޮތުގައި ފެންނާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ވަނީ ބުނެފަ އެވެ. ރިވާލްޑޯ ބުނީ ކާމިޔާބެއް ނުހޯދޭނަމަ ވަލްވޭޑޭ ހުރުމުގެ މާނައެއް ނެތް ކަމަށެވެ.

"ވަލްވޭޑޭއާ މެދު ގޮތެއް ނިންމާނީ މި ސީޒަނުގައި އޭނާ ނެރޭ ނަތީޖާތައް. ޗެމްޕިއަންސް ލީގަކީ ބާސެލޯނާގެ މި ސީޒަނުގެ އެންމެ ބޮޑު ޓާގެޓް އެކަން ނުކުރެވިއްޖެނަމަ ވަލްވޭޑޭ ބެހެއްޓުމުގެ މާ ބޮޑު ބޭނުމެއް ނެތް. އެއީ ކުރި އިންވެސްޓްމެންޓުގެ ނަތީޖާ ނުނެރެވުނީމަ،" ރިވާލްޑޯ ބުންޏެވެ.

ދާދި ފަހުން ބާސެލޯނާގެ ކުރީގެ ތަރި އަންދްރެސް އިނިއެސްޓާ ވެސް ވަނީ އެ ކްލަބުން ޓްރާންސްފާގެ ކަންތައްތަކުގައި ގެންގުޅޭ އުސޫލުތަކުގެ ސަބަބުން އެކެޑަމީގައި ތިބި ކުޅުންތެރިންނަށް އަސަރުކުރާނެ ކަމަށް ބުނެފަ އެވެ. އަދި އެކެޑަމީގައި ކުރިއަރަމުން އަންނަ ކުޅުންތެރިންނަށް ސީނިއާ ޓީމުން ފުރުސަތުދިނުން މިހާރަށް ވުރެން އިތުރުކުރަން ޖެހޭ ކަމަށް ބުންޏެވެ.

އަޙްމަދު އުޝާމް

2

ވިލިމާލެ ދާއިރާ