ރަމްސޭގެ ބަދަލުގައި އާސެނަލަށް ކެދީރާ؟

ޓިއުރިން (ޖެނުއަރީ 5) - މި މަސް ނިމުމުގެ ކުރިން ވޭލްސް މިޑްފީލްޑަރު އާރޮން ރަމްސޭ ގެންނަން ބޭނުންވާތީ އޭނާގެ ބަދަލުގައި އާސެނަލަށް ސެމީ ކެދީރާ ދޭން ޔުވެންޓަސް އިން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


އާސެނަލްގެ ކޮންޓްރެކްޓް ޖޫން މަހު ހަމަވުމުން އޭނާ އެ ކްލަބް ދޫކޮށްލާނެކަން މިހާރު ވަރަށް ޔަގީނެވެ. އާ ހަތަރު އަހަރުގެ ކޮންޓްރެކްޓަކާ މެދު މަޝްވަރާކުރެވުނު ނަމަވެސް ސެޕްޓެމްބަރު މަހު އެ ވާހަކަތައް ހުއްޓުނެވެ. ރިޕޯޓްތައް ބުނާގޮތުން ރަމްސޭ ނިންމީ މި ސީޒަން ނިމުމުން ޔުވެންޓަސް އަށް ބަދަލުވާށެވެ.

އެކަމަކު ޔުވެންޓަސްގެ ހިޔާލު މިހާރުވަނީ ބަދަލުވެފަ އެވެ. އެއީ އެ ޓީމުން މި ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރަންކުރާ މަސައްކަތް ވަރުގަދަކުރަން ބޭނުންވާތީ އެވެ. އެ ގޮތުން މިހާރު ޔުވެންޓަސް އިން ބޭނުންވަނީ ރަމްސޭ ގެނައުމުގެ މަސައްކަތް އަވަސްކުރާށެވެ. އަދި ބަދަލެއްގެ ގޮތުގައި ތަޖުރިބާކާރު މިޑްފީލްޑަރު ކެދީރާ ދިނުމަށެވެ. ޔުވެންޓަސްގެ މި ހުށަހެޅުމާ ބެހޭގޮތުން އަދި އާސެނަލުން ގޮތެއްނުނިންމަ އެވެ.

ޔުވެންޓަސް އަށް ކުޅޭ ޖަރުމަނުގެ މިޑްފީލްޑަރު ކެދީރާ. -- ފޮޓޯ: އޭއެފްޕީ

މި ސީޒަނުގައި މިހާތަނަށް އިނގިރޭސި ޕްރިމިއާ ލީގުގައި ރަމްސޭ ވަނީ 18 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން 10 މެޗުގައި ރަމްސޭ ނުކުތީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އުމުރުން 28 އަހަރުގެ ރަމްސޭ ވަނީ ދެ ގޯލު ޖަހައި ހަ ގޯލު ޖަަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

އާސެނަލްގެ ކޯޗު އުނާއި އެމެރީ އަންނަނީ ރަމްސޭ ބަހައްޓަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުންނެވެ. އަދި އެ ޓީމުގެ ބޯޑާ މިކަމާ ގުޅޭގޮތުން ގިނަ މަޝްވަރާތަކެއް ވަނީ ބާއްވައިފަ އެވެ.

ކާޑިފް ސިޓީން 2008 ވަނަ އަހަރު 4.8 މިލިއަން ޕައުންޑަށް އާސެނަލާ ގުޅުނު ރަމްސީ އަކީ މެދުތެރޭގެ ގިނަ މަގާމްތަކަށް ކުޅެވެ ކުޅުންތެރިއެކެވެ. އޭނާ އާސެނަލަށް ސޮއިކުރީ ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑުން ޝައުގުވެރިކަން ފާޅުކޮށްފައި ވަނިކޮށެވެ. އާސެނަލަށް ކުޅެދިން 352 މެޗުން 60 ގޯލް ޖަހާފައިވާ ރަމްސީ ވަނީ އެ ކްލަބާ އެކު އެފްއޭ ކަޕް ތިން ފަހަރު ހޯދައިފަ އެވެ.