ކްރޫޒަށް އަނިޔާވެ މެޑްރިޑަށް އިތުރު މައްސަލަތަކެއް

މެޑްރިޑް (ޖެނުއަރީ 8) – ރެއާލް މެޑްރިޑުގެ ޕްލޭމޭކަރު ޓޯނީ ކްރޫޒަށް އަނިޔާވެ ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރަށް ދާން ޖެހިދާނެ ކަމުގެ ބިރާ އެ ޓީމަށް ކުރިމަތިލާން ޖެހިއްޖެ އެވެ.


ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހުގެރޭ ރެއާލް ސޮސިއެޑާޑް އަތުން 2-0 އިން މެޑްރިޑް ބަލިވި މެޗުގެ ފަހުކޮޅު ކްރޫޒުގެ ފަލަމަސްގަނޑަށް އަނިޔާވެފައިވާކަން ކްލަބުން ވަނީ ކަށަވަރުކޮށްދީފަ އެވެ. ޓެސްޓް ހަދައި ބެލިއިރު މަސްގަނޑުން ބައެއް ވަނީ އިރައިގެންގޮސްފަ އެވެ.

ކްރޫޒް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ސީދާ މުއްދަތެއް ކްލަބުން ނުބުނެ އެވެ. އެކަމަކު ބެލެވޭ ގޮތުގައި މަދުވެގެން މަހެއްހާ ދުވަސް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ. ފަހަރުގައި އެއަށް ވުރެ ގިނަ ދުވަސް ވެސް ވެދާނެ އެވެ. އޭނާ އަށް އަނިޔާ މިވީ މެޑްރިޑުގެ ނަތީޖާތައް ދަށްވެ އަނެއްކާ ވެސް ފޯމަކަށް އެޅެން ޖެހިފައި ވަނިކޮށެވެ. މެޑްރިޑް އޮތީ 30 ޕޮއިންޓާ އެކު ތާވަލުގެ ފަސް ވަނައިގަ އެވެ.

ކްރޫޒްގެ އިތުރުން ގަރެތު ބޭލް އާއި މާކޯ އަސެންސިއޯ އާއި މަރިއާނޯ ޑިއާޒް އަދި މާކޮސް ލޮރެންޓޭ ވެސް ތިބީ އަނިޔާގަ އެވެ. ބެލެވޭ ގޮތުގައި ކްރޫޒްގެ މަގާމް ފުރާނީ ޑެނީ ސެބަޔޮސް އެވެ.