ބާސާ އިން މެޑްރިޑުން އިކާޑީ ބޭނުންވޭ: ވަންޑާ

މިލާން (ޖެނުއަރީ 10) – އިންޓަ މިލާނުގެ ކެޕްޓަން މައުރޯ އިކާޑީގެ ކޮންޓްރެކްޓް އާކުރުން އޮތީ ވަރަށް ދުރުގައި ކަމަށާއި ރެއާލް މެޑްރިޑާއި ބާސެލޯނާ އިން އޭނާ އަށް ޝައުގުވެރިވާ ކަމަށް އޭނާގެ އަންހެނުން އަދި އޭޖެންޓް ވަންޑާ އިކާޑީ ބުނެފި އެވެ.


އާޖެންޓީނާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެ ގައުމުގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ އިންޓައާ އެކު ކޮންޓްރެކްޓް އާކުރުމުގެ ޝައުގެއް ނެތެވެ. އެކަމަކު ވަންޑާ އެކަން ދޮގުކުރި އެވެ. އޭނާ ބުނީ ވާހަކަތައް ހުއްޓުނީ ކަމަށެވެ.

"މިވަގުތު، އިންޓައާ އެކު އިކާޑީގެ ކޮންޓްރެކްޓް އާކުރުން އޮތީ ވަރަށް ދުރުގައި. އެއްބަސްވުމަކަށް އައުމާ ދުރުގައި އޮތީ. ހިތްހަމަޖެހޭ ވަރުގެ އޮފާއެއް އިންޓަ އިން އަދި ނާދޭ،" ވަންޑާ ބުންޏެވެ. "އެއްބަސްވުމަކަށް އާދެވިދާނެކަމަށް ގަބޫލުނުކުރަނީކީ ނޫން. މިވަގުތު އެކަން ފެންނަ ފަށުގައި ނެތީ. މިހާރު އޭނާ އަށް ލިބޭ މުސާރައަށް ކޮންޓްރެކްޓް އާކުރުމަކީ ހަމަޖެހޭ ކަމެއް ނޫން."

ވަންޑާ ބުނީ އޭނާ ގަބޫލުކުރާ ގޮތުގައި އިކާޑީގެ އަގު އެއަށް ވުރެ މައްޗެވެ. އަދި ބޮޑެތި ކްލަބްތަކުން އޭނާ އަށް ޝައުގުވެރިވެ އެވެ. އޭގެ ތެރޭގައި ސްޕެއިނުގެ އެންމެ ބޮޑު ދެ ކްލަބާއި އިނގިރޭސި ކްލަބަކާއި ފްރާންސް ކްލަބެއް ހިމެނޭ ކަމަށް ބުންޏެވެ.

ބާސެލޯނާގެ ޔޫތު ޓީމަށް ކުޅެފައިވާ އުމުރުން 25 އަހަރުގެ އިކާޑީ އިންޓައާ 2013 ވަނަ އަހަރު ގުޅުނީ ސަމްޕްޑޯރިއާ އިންނެވެ. އޭނާ ވަނީ އިންޓަ އަށް 204 މެޗުން 120 ގޯލް ޖަހައިދީފައިވެ. މީގެ ކުރިން ސަޕޯޓަރުންނާ ގުޅުން ގޯސްވީ ނަމަވެސް ފަހަކަށް އައިސް ދައްކާ ކުޅުމާއި ކެޕްޓަނެއްގެ ގޮތުން އަދާކުރާ ދައުރާ އެކު ސަޕޯޓަރުން ހިތްހަމަޖެހެ އެވެ.