މޮރީނިއޯގެ މިސްރާބު އަލުން ރެއާލާ ދިމާލަށް

މެޑްރިޑް (ޖެނުއަރީ 11) - މިިދިޔަ މަހު މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކުރި ހޯސޭ މޮރީނިއޯ އަމާޒު ހިފާފައިހުރީ އަލުން ރެއާލް މެޑްރިޑް ކޯޗުކަމަށް އަންނަން ކަމަށް އިނގިރޭސި މީޑިއާއެއް ކަމަށްވާ ބީޓީ ސްޕޯޓްސް އިން ރިޕޯޓްކޮށްފި އެވެ.


ދެ އަހަރާއި ބަޔަށް ފަހު ޔުނައިޓެޑްގެ ކޯޗުކަމުން މިދިޔަ މަހު މޮރީނިއޯ ވަކިކުރީ އެ ޓީމުގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވެ، ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމެންޓުގެ ބައެއް މީހުންނާ އޭނާއާ ދެބަސްވުމަކަށް ގޮސްފައިވަނިކޮށެވެ. ދާދި ފަހުން ބެންފީކާއާ އަލުން ހަވާލުވާން ލިބުނު ފުރުސަތަށް މޮރީނިއޯ ވަނީ ފުރަގަސްދީފަ އެވެ. ކޯޗިން ކެރިއަރު ފެށި ބެންފީކާގެ ފުރުސަތަށް މޮރީނިއޯ ނޫނެކޭ ބުނީ އެ ޓީމާ މެދު އޭނާގެ ޝައުގުވެރިކަމެއް ނެތް ކަމަށް ބުނެ އެވެ.

މޮރީނިއޯ 2020 ވަނަ އަހަރާ ހަމައަށް ޔުނައިޓެޑުގެ ކޮންޓްރެކްޓްގައި ހުއްޓައި އޭނާ މަގާމުން ވަކިކުރުމުން ބަދަލެއްގެ ގޮތުގައި ޔުނައިޓެޑުން ވަނީ އޭނާ އަށް 19 މިލިއަން ޑޮލަރު ދައްކައިފަ އެވެ. ޔުނައިޓެޑުން އިއްޔެ އެ ފައިސާ ދައްކައި ނިންމާފައިވާއިރު، މޮރީނިއޯ މިހާރު ވަނީ އަލުން ކޯޗިން އަށް އައުމަށް މަސައްކަތް ފަށައިފަ އެވެ.

މި ސީޒަން ފެށިއިރު ރެއާލުގެ ކޯޗަކަށް ހުރި ހުލެން ލޮޕެޓެގީ އަށް ރަނގަޅު ނަތީޖާތަކެއް ނުނެރެވި އެ ޓީމުގެ ހާލަތު ދަށްވަމުންދާތީ އޭނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ. ވަގުތީ ކޯޗަކަށް ގެނައި ސަންޓިއާގޯ ސޮލާރީ އެ ޓީމާ ހަވާލުވެ ނެރުނު ނަތީޖާތަށް ރަނގަޅުވުމުން އޭނާގެ އެއްބަސްވުން ރެއާލުން ވަނީ ދާއިމީކޮށްފަ އެވެ. އެކަމަކު ފަހަކަށް އައިސް އަނެއްކާ ރެއާލުގެ ނަތީޖާތަށް ދަށްވެފައިވާއިރު، މި ސީޒަން ނިމުމުން އޭނާގެ ވަޒީފާ ގެއްލޭނެ ކަމަށް ބެލެވެ އެވެ.

އުމުރުން 55 އަހަރުގެ މޮރީނިއޯ ވަނީ 2010 އިން 2013 އަށް ރެއާލަށް ކޯޗުކޮށްދީފަ އެވެ. މޮރީނިއޯ އާއި ރެއާލުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒާ ގާތްގުޅުމެއް އޮވެ އެވެ. ރިޕޯޓްތައް ބުނާގޮތުން ސޮލާރީ އަށް މި ސީޒަނުގައި ރެއާލަށް އެކަށީގެންވާ ނަތީޖާތަކެއް ނުރެނެވިއްޖެނަމަ އޭނާ މަގާމުން ދުރުކޮށް މޮރީނިއޯއާ ޓީމު ހަވާލުކުރުމުގެ ފުރުސަތު އެބައޮތެވެ.