ބާސެލޯނާ ބަލިވިއިރު ކޯޗު ރުޅިގަދަވެއްޖެ

މެޑްރިޑް (ޖެނުއަރީ 11) - ސްޕެނިޝް ކަޕްގައި ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ލެވަންޓޭ އަތުން 2-1 އިން ބާސެލޯނާ ބަލިވި މެޗަށް ފަހު ނޫސްވެރިންގެ ސުވާލުތަކުގެ ސަބަބުން ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ރުޅިގަދަވެއްޖެ އެވެ.


މީގެ ތިން ހަފްތާ ކުރިން ބާސެލޯނާ ވަނީ ލީގުގައި 5-0 އިން ލެވަންޓޭ ބަލިކޮށްފަ އެވެ. އެ މެޗުގައި ހެޓްރިކެއް ހެދި ލިއޮނަލް މެސީ ރޭގެ މެޗުގައި ނުކުޅެ އެވެ. ފުރަތަމަ ލެގުން ބާސެލޯނާ ބަލިވި ނަމަވެސް އަންނަ ބުރާސްފަތި ދުވަހު ދެ ވަނަ ލެގުން މޮޅުވެގެން ކުއާޓާ ފައިނަލަށް ދެވޭނެ އެވެ.

ރޭގެ މެޗު ފަށައިގެން ފުރަތަމަ 18 މިނިޓް ތެރޭ ލެވަންޓޭ އިން ވަނީ ދެ ގޯލު ޖަހައިފަ އެވެ. ހަތަރު ވަނަ މިނިޓްގައި އެރިކް ސަބާކޯގެ ގޯލުން ލީޑުނެގިއިރު، ދެ ވަނަ ގޯލު ޖެހީ މެޗުގެ 18 ވަނަ މިނިޓްގައި ބޯހާ މަޔޮރާލް އެވެ.

ބާސެލޯނާގެ ހަމައެކަނި ލަނޑު ޖެހީ މެޗު ނިމެން ފަސް މިނިޓަށް ވެފައިވަނިކޮށް ފިލިއްޕޭ ކުޓީނިއޯ އެވެ. މިއީ އަނިޔާއިން ރަނގަޅުވެ ކުޅުމަށް އެނބުރި އައި ފަހުން ކުޓީނިއޯ އަށް ފުރަތަމަ އެގާރައިން ފުރުސަތު ދިން ފުރަތަމަ މެޗެވެ. ރޭގެ މެޗަށް ފަހު ގިނަ ސުވާލުތައް އަމާޒުވީ ކުޓީނިއޯއާ ގުޅުވައިގެންނެވެ. ފަހަކަށް އައިސް ކުޓީނިއޯ އަށް ބާސެލޯނާ ޓީމުން ފުރުސަތު ނުލިބޭއިރު، އޭނާ އަލުން އިނގިރޭސި ޕްރިމިއާ ލީގަށް ބަދަލުވާން އުޅޭ ކަމަށް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ.

"ފުރަތަމަ ޑެމްބެލޭ ނުކުޅެހުރިއިރު އެންމެން ކުރީ އޭނަގެ ސުވާލު. މިހާރު ކުޓީނިއޯ ނުކުޅޭތީ ހުރިހާ ސުވާލެއް އޭނައާ ގުޅޭގޮތުން. އަހަންނަށް ނުވިސްނޭ މީޑީއާ އިން އަބަދުވެސް ތިގޮތަށް ކަންތައްކުރާ ސަބަބެއް،" ރުޅިގަދަވެފައިހުރެ ވަލްވޭޑޭ ބުންޏެވެ.

"ޓީމުން ފުރުސަތު ނުލިބޭނަަމަ އެއީ އެ ކުޅުންތެރިއެއް ބާކީކޮށްލުން ނޫނީ ވިއްކާލަން އުޅުމެއް ނޫން. އަލުން އެ ކުޅުންތެރިއަކު މަސައްކަތްކޮށްގެން ޓީމަށް އަރަންވީ."

ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ބާސެލޯނާ އިން މަސައްކަތްކުރަނީ ކުޓީނިއޯ ވިއްކާލުމަށް ފަހު ނޭމާ އަލުން ގެންނަން ކުރަމުން އަންނަ މަސައްކަތް ވަރުގަދަކުރުމަށެވެ. ކުޓީނިއޯ ބާސެލޯނާއާ ގުޅުނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލިވަޕޫލް ދޫކޮށެވެ.