އޮންރީގެ ހުށަހެޅުން ގަބޫލުކޮށް ފެބްރިގާސް މޮނާކޯ އަށް

މޮނާކޯ (ޖެނުއަރީ 12) - ޗެލްސީގެ ސްޕެއިން މިޑްފީލްޑަރު ސެސް ފެބްރިގާސް މޮނާކޯގެ ކޯޗު ތިއަރީ އޮންރީގެ ހުށަހެޅުން ގަބޫލުކޮށް އެ ކްލަބަށް ސޮއިކޮށްފި އެވެ.


އުމުރުން 31 އަހަރުގެ ފެބްރިގާސް ވަނީ މިދިޔަ ހަފްތާގައި އެފްއޭ ކަޕްގައި ނޮޓިންހަމް ފޮރެސްޓް އަތުން ޗެލްސީ މޮޅުވި މެޗުގައި ޓީމުގެ ކެޕްޓަންކަން ކޮށްފަ އެވެ. އެއީ އޭނާ ޗެލްސީ އަށް ކުޅުނު ވަދާއީ މެޗެވެ. އެ މެޗަށް ފަހު ޗެލްސީ ސަޕޯޓަރުން އޭނާގެ އަގުވަޒަންކޮށް ތަރުހީބުދިންއިރު ހުރީ ރޮވިފަ އެވެ.

މި ސީޒަނުގައި ޗެލްސީގެ ކޯޗުކަމާ އިޓަލީގެ މައުރީޒިއޯ ސާރީ ހަވާލުވި ފަހުން ފެބްރިގާސަށް އެ ޓީމުގެ ފުރަތަމަ އެގާރައިން ޖާގަލިބުންވަނީ ދަތިވެފަ އެވެ. ފެބްރިގާސް އެންމެ ފުރަތަމަ މަޝްވަރާކުރީ އިޓަލީގެ އޭސީ މިލާނާ އެވެ. މޮނާކޯއާ ގުޅެން ފެބްރިގާސް ނިންމީ އޭނާއާ އެކު އާސެނަލަށް ކުޅުނު އޮންރީގެ ހާއްސަ ދައުވަތަކަށެވެ.

ތިން އަހަރާއި ބައިގެ އެއްބަސްވުމެއްގައި މޮނާކޯއާ އެކު ފެބްރިގާސް ސޮއިކުރިއިރު، ޗެލްސީން އޭނާ ދޫކޮށްލީ ޓްރާންސްފާ ފީއެއް ނެގުމެއްނެތި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. މޮނާކޯ އިން އެއްބަސްވީ ޖޫން މަހު ފެބްރިގާސްގެ ޓްރާންސްފާ ފީއެއްގެ ގޮތުގައި 11.5 މިލިއަން ޑޮލަރު ދެއްކުމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ފެބްރިގާސް އެ ޓީމުގައި ދައްކާ ކުޅުމަށް ބެލުމަށް ފަހު ބޯނަސްތަކެއް ދޭ ގޮތަށް ވެސް މޮނާކޯ އިން ވަނީ މަޝްވަރާކޮށްފަ އެވެ.

ބާސްކެޓް އޯލްސްޓާ މެޗެއްގެ ތެރެއިން އޮންރީ (ކ) އާއި ފެބްރިގާސް. -- ފޮޓޯ: އޭއެފްޕީ

ޒުވާން އުމުރުގައި ބާސެލޯނާ ދޫކޮށް ފެބްރިގާސް އެންމެ ފުރަތަމަ ގުޅުނީ އާސެނަލްއާ އެވެ. އެ ޓީމަށް 2003 އިން 2011 އާ ހަމައަށް ކުޅުމަށް ފަހު އަލުން ބާސެލޯނާ އަށް ބަދަލުވި އެވެ. ޗެލްސީ އަށް ފެބްރިގާސް ބަދަލުވީ 2013 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ ޓީމުގައި ގިނަ ކާމިޔާބީތަކެއް ހޯދި އެވެ.

ފްރެންޗް ލީގުގެ ރެލިގޭޝަނުގައި އޮތް މޮނާކޯ އަންނަނީ އެ ޓީމުގެ ހާލަތު ބަދަލުކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މޮނާކޯގެ ނައިބު ރައީސް ވަޑިމް ވަސިލިއޭވް ވިދާޅުވީ ފެބްރިގާސް އެ ޓީމާ ގުޅުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށާއި އޭނާ އަކީ ކްލަބް ކުރިއަށްގެންދަން ބޭނުންވާ ފަދަ ދުނިޔޭގެ ފެންވަރުގެ ޕްރޮފެޝަނަލް ކުޅުންތެރިއެއް ކަމަށެވެ.

ލީގުގައި މާދަމާރޭ ރަށުންބޭރުގައި މާސޭއާ ދެކޮޅަށް މޮނާކޯ ކުޅޭ މެޗުގައި ފެބްރިގާސް ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް މޮނާކޯގެ ކޯޗު އޮންރީ ވަނީ ބުނެފަ އެވެ.