މެސީ ސްޕެނިޝް ލީގުގައި 400 ގޯލް ހަމަކޮށްފި!

ބާސެލޯނާ (ޖެނުއަރީ 14) – ސްޕެނިޝް ލީގުގައި ލިއޮނަލް މެސީ ޖެހި 400 ވަނަ ގޯލާ އެކު، އެއިބާ އަތުން 3-0 އިން މޮޅުވެ ބާސެލޯނާ އިން ލީގުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑު ދަމަހައްޓައިފި އެވެ.


ސްޕެނިޝް ލީގުގައި 400 ގޯލް ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް މެސީ މި ހޯދީ 435 މެޗުންނެވެ. އެއީ މެޗަކަށް 0.92 ގޯލުގެ ނިސްބަތެކެވެ. ދެ ވަނައިގައި އޮތީ 292 މެޗުން 311 ގޯލް ޖަހާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އޭނާގެ ނިސްބަތަކީ މެޗަކަށް 0.72 ގޯލެވެ.

ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނީ މެސީގެ ތަފާސްހިސާބުތަކުން ހައިރާންކޮށްލާނެ ކަމަށާއި އޭނާއާ ފެންވަރުގެ ކުޅުންތެރިއަކު ފެންނަން ނެތް ކަމަށެވެ. އަދި 400 ލަނޑޭ އަނގައިން ބުނަން ފަސޭހަ ނަމަވެސް، ފަހަރަކު ގޯލެއް ޖަހަމުން އެ އަދަދު ހަމަކުރުމަކީ ދިގު މުއްދަތުގެ، އުނދަގޫ ކަމެއް ކަމަށް އޭނާ ބުންޏެވެ.

ލީގުގެ އެއް ވަނައިގައި ބާސެލޯނާ އޮތީ 43 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ 38 ޕޮއިންޓާ އެކު، ރޭ ލެވަންޓޭ އަތުން 1-0 އިން މޮޅުވި އެތުލެޓިކޯ މެޑްރިޑެވެ. ހަތަރު ވަނައިގައި 33 ޕޮއިންޓާ އެކު އޮތް ރެއާލް މެޑްރިޑް ވަނީ ރޭ ރެއާލް ބެޓިސް އަތުން 2-1 އިން މޮޅުވެ، ތިން ވަނައިގައި އޮތް ސެވިއްޔާއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފަ އެވެ. މެޑްރިޑަށް ފައިދާ ނެގުނީ ރޭ ސެވިއްޔާ ކުޅުނު މެޗުން އެތުލެޓިކް ބިލްބާއޯ އަތުން 2-0 އިން ބަލިވުމުންނެވެ.

"މިއީ ރަނގަޅު ލީޑެއް. އެކަމަކު އަދި އެއްވެސް ކަމެއް ކަށަވަރެއް ނުވޭ. އަދި ވަރަށް ވަގުތު އެބައޮތް،" ބާސެލޯނާގެ ކޯޗު ބުންޏެވެ.

އަމިއްލަ ދަނޑުގައި ބާސެލޯނާ ރޭ ކުޅުނު މެޗުގެ 53 ވަނަ މިނެޓުގައި މެސީ، ތާރީހީ ގޯލް ޖެހުމުގެ ކުރިންނާއި ފަހުން ބާސެލޯނާގެ އަނެއް ދެ ލަނޑު ޖެހީ އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒެވެ.