އެންމެ 19 އަހަރު، ކޯމަން އަކީ މިހާރު ވެސް ޗެމްޕިއަނެއް

ބައެއް ޒުވާން ކުޅުންތެރިންނަށް ސީނިއާ ޓީމުން ގަވައިދުން ޖާގަ ލިބެނީ އުމުރުން 20 އަހަރު ވުމުންނެވެ. އެހެން ނަމަވެސް ފްރާންސްގެ އުއްމިީދީ މިޑްފީލްޑަރު ކިންގްސްލީ ކޯމަން މިވަނީ އުމުރުން 19 އަހަރުގައި ޔޫރަޕްގެ ވަރުގަދަ ތިން ލީގުގެ ޗެމްޕިއަން ޓީމަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.


އުމުރުން 19 އަހަރުގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނަލް މެސީ ވަނީ ބާސެލޯނާއާ އެކު ދެ ސްޕެނިޝް ލީގާއި ދެ ސްޕެނިޝް ސުޕަ ކަޕް އަދި ޗެމްޕިއަންސް ލީގެއް ހޯދައިފަ އެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އެ އުމުރުގައި ހޯދުނީ މެންޗެސްޓާ ޔުނައިޓެޑާ އެކު އެފްއޭ ކަޕް އެކަންޏެވެ. ނަމަވެސް ކޯމަން ވަނީ ޕީއެސްޖީ އާއި ޔުވެންޓަސް އަދި ބަޔާން މިއުނިކާ އެކު އަށް މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

ޕީއެސްޖީ

ކޯމަން އަކީ 2012-2013 ވަނަ އަހަރުގެ ސީޒަންގައި ޕީއެސްޖީގެ ޔޫތު ޓީމުން ވިދާލި ކުޅުންތެރިޔެކެވެ. އޭނާ ޕީއެސްޖީ ސީނިއާ ޓީމުން އެންމެ ފުރަތަމަ ޖާގަ ހޯދީ 2013 ވަނަ އަހަރު އެވެ. ކޯމަން އަށް ސީނިއާ ޓީމުން ފުރުސަތު ދިނީ އޭނާ ޕީއެސްޖީ ޔޫތު ޓީމުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ.

ޕީއެސްޖި މެޗެއްގެ ތެރެއިން ކޯމަން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ކޯމަން ޕީއެސްޖީ އަށް އެންމެ ފުރަތަމަ މެޗެއް ކުޅުނުއިރު އޭނާގެ އުމުރުން އެންމެ 16 އަހަރާއި އަށް މަހާއި ހަތަރު ދުވަހެވެ. މިއާ އެކު އޭނާ ވެފައިވަނީ ޕީއެސްޖީ ތާރީހުގައި އެ ޓީމަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ.

ކޯމަން ވަނީ ޕީއެސްޖީއާ އެކު ފްރެންޗް ލީގު ދެ ފަހަރާއި ފްރެންޗް ކަޕް އަދި ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ.

ޔުވެންޓަސް

ކޯމަންގެ މޮޅު ކުޅުން ފެނިފައި ޔޫރަޕްގެ ގިނަ ކްލަބްތަކުގެ ހުށަހެޅުން އޭނާ އަށް ލިބެން ފެށި އެވެ. އޭނާ ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުން ޔުވެންޓަސް އަށް ސޮއިކުރީ 2014 ވަނަ އަހަރު އެވެ. އެ ސީޒަނުގައި ޔުވެންޓަސް އިން އިޓަލީގެ ލީގާއި ކަޕް ކާމިޔާބުކުރިއިރު ކޯމަން ވަނީ ގިނަ މެޗުތަކެއް ކުޅެފަ އެވެ. އަދި ޔުވެންޓަސް 2014-2015 ވަނަ އަހަރުގެ ސީޒަނުގެ ޗެމްޕިއަންސް ލީގު ފައިނަލުގައި ކުޅުނުއިރު ކޯމަން ވަނީ އެ މުބާރާތުގެ ބައެއް މެޗުތަކުގައި ކުޅެފަ އެވެ.

ސިއޭނާ ކުޅުންތެރިޔަކު ކައިރިން ކޯމަން (ވ) ބޯޅަ ހިފައިގެންދާން މަަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ބަޔާން މިއުނިކް

ކޯމަން ބަޔާން މިއުނިކަށް ބަދަލުވީ މިދިޔަ އަހަރުގެ ޖުލައި މަހު ދެ އަހަރުގެ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. ދެ އަހަރު ދުވަހުގެ ލޯން އެއްބަސްވުމެއްގައި ކޯމަން ދޫކޮށްލަން ޔުވެންޓަސް އިން އެއްބަސްވީ ހަތް މިލިއަން ޕައުންޑްގެ އަގަކަށެވެ.

ކޯމަން ވަނީ މިދިޔަ ސީޒަނުގައި ބަޔާނަށް ގިނަ މެޗުތަކެއް ކުޅެދީ މުހިއްމު ލަނޑުތަކެއް ޖަހައިފަ އެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގުގެ ގަދަ 16 ޓީމުގެ ބުރުގައި ޔުވެންޓަސް ކޮޅަށް ޖެހި ލަނޑު ހިމެނެ އެވެ. ބަޔާނުން ލީގާއި ކަޕް ކާމިޔާބުކުރިއިރު ކޯމަން އަކީ ޓީމުގެ މުހިއްމު ކުޅުންތެރިޔެކެވެ.

ޖަރުމަނު ލީގު މެޗެއްގެ ތެރެއިން ކޯމަން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

މި ސީޒަނުގައި ކޯމަން ދެއްކި މޮޅު ކުޅުމުގެ ސަަބަބުން ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕް ވަނީ އޭނާ އަށް ޓީމުން ޖާގަ ދީފަ އެވެ. ފްރާންސްގެ އެކި އުމުރު ފުރާތަކުގެ ގައުމީ ޓީމުތަކަށް ކުޅުނު ކޯމަން ވަނީ މިހާތަނަށް ސީނިއާ ޓީމަށް ތިން މެޗު ކުޅެ އެއް ލަނޑު ޖަހައިފަ އެވެ. އޭނާ ލަނޑު ޖެހީ ރަޝިއާއާ ދެކޮޅަށް ކުޅުނު ރަހުމަތްތެރި ކަމުގެ މެޗުގަ އެވެ.