ޕީއެސްޖީ އަށް ރެކޯޑް މޮޅެއް

ޕެރިސް (ޖެނުއަރީ 20) – ފްރާންސް ލީގުގައި ރޭ ގުއިންގެމްޕް އަތުން 9-0 އިން މޮޅުވެ ޕީއެސްޖީން އެ ޓީމުގެ ޕާކް ޑި ޕްރިންސެސް ސްޓޭޑިއަމުގައި އެންމެ ތަފާތު ބޮޑުކޮށް މޮޅުވި މެޗުގެ ރެކޯޑް ހަދައިފި އެވެ.


މީގެ ކުރިން ޕީއެސްޖީން މި ދަނޑުގައި އެންމެ ތަފާތު ބޮޑުކޮށް މޮޅުވީ މިދިޔަ އަހަރު ޑިޔޯން އަތުން 8-0 އިންނެވެ. ޕީއެސްޖީން މިހާތަނަށް އެންމެ ތަފާތު ބޮޑުކޮށް މޮޅުވެފައިވަނީ 1994 ވަނަ އަހަރު ފްރެންޗް ކަޕުގެ މެޗެއްގައި 10-0 އިންނެވެ.

ރޭގެ މެޗަކީ، ގުއިންގެމްޕް އަތުން 2-1 އިން ބަލިވެ މިދިޔަ ހަފުތާގައި ފްރެންޗް ކަޕުގެ ކުއާޓާ ފައިނަލުން ޕީއެސްޖީ ކެޓި ކެޓުމަށް އެ ޓީމުން ހިފި ރަނގަޅު ބަދަލެކެވެ.

ރޭގެ މެޗުގައި ޕީއެސްޖީގެ ކީލިއަން އެމްބާޕޭ އާއި އެޑިންސަން ކަވާނީ، ކޮންމެ ކުޅުންތެރިއަކު ހެޓްރިކެއް ހެދި އެވެ. މީގެ އިތުރުން ނޭމާ ދެ ގޯލް ޖެހިއިރު ފަހު ގޯލް ޖެހީ ތޯމަސް މުނިއޭ އެވެ.

މި މޮޅާ އެކު ފްރާންސް ލީގުގެ އެއް ވަނައިގައި ޕީއެސްޖީ އޮތީ 53 ޕޮއިންޓް އެއްކޮށްގެންނެވެ. އެންމެ ކައިރީގައި އޮތީ 40 ޕޮއިންޓާ އެކު ލިލް އެވެ.

ފްރާންސުގެ ކުރީގެ އެއް ވަނަ ފޯވާޑް ތިއަރީ އޮންރީ ކޯޗުކޮށްދޭ މޮނާކޯ ވަނީ ރޭ އަމިއްލަ ދަނޑުގައި ސްޓްރަސްބޯގް އަތުން 5-1 އިން ބަލިވެފަ އެވެ. އެ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ މެޗުގެ ހަތް ވަނަ މިނެޓުގައި ނާލްޑޯ އަށް ރަތްކާޑެއް ދެއްކުމެވެ.

މޮނާކޯ އޮތީ 15 ޕޮއިންޓާ އެކު ތާވަލުގެ ފުލުން ދެ ވަނައިގަ އެވެ. ލެއޮނާޑޯ ޖާޑިމް ވަކިކޮށް އޮންރީ އަށް ކޯޗުކަން ދިނީ ވެސް ރެލިގޭޝަނުން އަރައިގަތުމަށެވެ. އެކަމަކު ކޯޗިންގެ މާބޮޑު ތަޖުރިބާއެއް ނެތް އޮންރީ އަށް ވެސް އަދި ޓީމަށް ކުރިއެރުމެއް ހޯދައިނުދެވެ އެވެ.