ބެންޗުން އަރައި މެސީ ބާސެލޯނާ މޮޅުކޮށްދީފި

ބާސެލޯނާ (ޖެނުއަރީ 21) – ޒުވާން ކުޅުންތެރިޔާ އޮސްމާނޭ ޑެމްބެލޭގެ ގޯލުން ބާސެލޯނާ އިން ކުރި ހޯދި ނަމަވެސް، ސްޕެނިޝް ލީގުގައި ރޭ ލެގަނޭސް އަތުން 3-1 އިން މޮޅުވާން އެ ޓީމަށް ޖެހުނީ ބެންޗުގައި އިން ލިއޮނަލް މެސީގެ ބޭނުން ހިފާށެވެ.


ބާސެލޯނާ ވަނީ މި މޮޅާ އެކު އަނެއްކާ ވެސް ތާވަލުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑު ނަގައިފަ އެވެ. ލީޑު ވަގުތީ ގޮތުން ކުޑަވީ މި ހަފުތާގައި އެތުލެޓިކޯ މެޑްރިޑާއި ރެއާލް މެޑްރިޑް ކުޅުނު މެޗުތަކުން މޮޅުވެފައިވާތީ އެވެ. ބާސެލޯނާ 46 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު ދެ ވަނައިގައި އެތުލެޓިކޯ އޮތީ 41 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި މެޑްރިޑް އޮތީ 36 ޕޮއިންޓް ހަމަކޮށްގެންނެވެ.

ކޭމްޕް ނޯ ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގައި ބާސެލޯނާ އަށް ޑެމްބެލޭ ކުރި ހޯދައިދިނީ 32 ވަނަ މިނެޓުގަ އެވެ. ޖޯޑީ އަލްބާ އޭރިއާ ބޭރުން ޖައްސާލި ބޯޅަ ޑެމްބެލޭ އޭރިއާ ތެރެއިން ފޮނުވާލުމުން ގޯލަށް ވަނީ ދަނޑީގައި ވެސް ޖެހިފަ އެވެ. އޭނާ ވަރަށް މޮޅު ކުޅުމެއް ދެއްކި ނަމަވެސް އަނިޔާވެ، 69 ވަނަ މިނެޓުގައި ބާލަން ޖެހުނީ އެވެ.

އަދި 57 ވަނަ މިނެޓުގައި ލެގަނޭސް އިން އެއްވަރުކުރުމާ އެކު ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ އަށް ޖެހުނީ މެސީ އަރުވާށެވެ. އޭގެ ހަތް މިނެޓު ފަހުން މެސީ ތަނަވަސްކުރި ފުރުސަތެއްގައި ލުއިސް ސުއަރޭޒް ގޯލް ޖަހައި ބާސެލޯނާ އަށް އެއްވަރުކޮށްދިނެވެ. ލެގަނޭސް ކުޅުންތެރިއެއް ކައިރިން ނައްޓާލައި އުންޑައެއްގެ ބާރު މިނުގައި މެސީ ގޯލުގެ މަތީ ކަނަށް ފޮނުވާލި ބޯޅަ ގޯލްކީޕަރު ޕަންޗްކުރުމުން، ސުއަރޭޒް ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ. އޭނާ ކީޕަރަށް ފައުލްކުރި ކަމަށް ބުނެ ލެގަނޭސް އިން މައްސަލަ ވެސް ޖެއްސި އެވެ. އެކަމަކު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބުރަވީ ބާސެލޯނާ ކޮޅަށެވެ.

ބާސެލޯނާ އިން ހައްގު މޮޅު ކަށަވަރުކުރީ، އިތުރު ވަގުތުގެ ތެރޭ މެސީ ޖެހި ގޯލުންނެވެ. އަލްބާ ދިން ބޯޅަ އޭރިއާ ތެރެއިން ކޮންޓްރޯލްކޮށްލުމަށް ފަހު ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށްލީ އެވެ.

މި މެޗުން މޮޅުވި ނަމަވެސް ބާސެލޯނާގެ ކޯޗަށް އޮތް ހިތްހަމަނުޖެހުމަކީ ޑެމްބެލޭގެ ކުޑަހުޅަށް އަނިޔާވުމެވެ. ތަފްސީލްތައް އެނގެނީ މިއަދު ހަދާ ޓެސްޓްތަކަށް ފަހު އެވެ. ވަރަށް ބޮޑު އަގަކަށް މިދިޔަ ސީޒަނުގައި ގެނައި ޑެމްބެލޭ އަށް އަނިޔާގެ ސަބަބުން މިދިޔަ ސީޒަނުގެ ވެސް އެއްބައި ގެއްލުނެވެ. އޭނާ މި ފަހަރު ފޯމަކަށް އެޅިފައި އޮއްވާ ގިނަ ދުވަސްތަކަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ ނަމަ މައްސަލަތަކެއް ދިމާވާނެ އެވެ.