ސްޕެނިޝް ކަޕުގެ ސެމީގައި ބާސާ އާއި މެޑްރިޑުގެ ކުރިމަތިލުމެއް

މެޑްރިޑް (ފެބްރުއަރީ 2) – ސްޕެނިޝް ކަޕުގެ ސެމީ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އާއި ވާދަވެރި ރެއާލް މެޑްރިޑް ބައްދަލުކުރަން ޖެހިއްޖެ އެވެ.


ފުރަތަމަ ލެގު އޮންނާނީ އަންނަ ބުދަ ދުވަހުގެރޭ ބާސެލޯނާގެ ދަނޑު ގަ އެވެ. ދެ ވަނަ ލެގު އޮންނާނީ މެޑްރިޑުގެ ދަނޑުގައި މި މަހުގެ 27 ގަ އެވެ. ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި ވާދަކުރާނީ ވެލެންސިއާ އާއި ރެއާލް ބެޓިސް އެވެ.

ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ވާދަވެރި ދެ ޓީމުގެ ތެރޭގައި ހިމެނޭ ބާސެލޯނާ އާއި ރެއާލް މެޑްރިޑުން ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ތިން ފަހަރު ބައްދަލުކުރާނެ އެވެ. އެއީ މި ދެ މެޗުގެ އިތުރުން ސްޕެނިޝް ލީގުގައި އަންނަ މަހުގެ 2 ވަނަ ދުވަހު މެޑްރިޑް ދަނޑުގައި ކުޅޭ މެޗާ އެކު އެވެ.

ބާސެލޯނާ އިން މަސައްކަތްކުރަމުން އަންނަނީ މި މުބާރާތް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ކާމިޔާބުކުރާށެވެ. ރެއާލް މެޑްރިޑުން އެންމެ ފަހުން ކާމިޔާބުކުރީ އޭގެ ކުރީ އަހަރުގަ އެވެ. ލީގު ކާމިޔާބުކުރުމުގެ ފުރުސަތު މެޑްރިޑަށް ހަނިވެފައިވާތީ، ކަޕުގެ މުހިއްމުކަން އެ ޓީމަށް ބޮޑެވެ.

މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެ ޓީމު ދޫކޮށްލާފައިވާތީ އޭނާ އާއި ބާސެލޯނާގެ ލިއޮނަލް މެސީގެ ވާދަވެރިކަން ފަނޑުވެ، އެލް ކްލަސިކޯގެ ފޯރި ވެސް ކޮންމެވެސް ވަރަކަށް ވަނީ ދަށްވެފަ އެވެ. އެކަމަކު ކަޕް މުބާރާތެއްގެ ސެމީ ފައިނަލުގައި މި ދެ ޓީމު ވާދަކުރަން ޖެހުމަކީ އެ ފޯރި އަލުން މި ސީޒަނުގައި ގެނެވިދާނެ ސަބަބެއް ކަމަށް ބެލެވެ އެވެ.