މެސީގެ ދެ ގޯލުން ބާސެލޯނާ ސަލާމަތްވެއްޖެ

ބާސެލޯނާ (ފެބްރުއަރީ 3) – ވެލެންސިއާ އިން ދެ ލަނޑު ޖަހާފައި އޮއްވާ، ލިއޮނަލް މެސީގެ ގޯލްތަކާ އެކު ބާސެލޯނާ އިން ރޭ ސްޕެނިޝް ލީގުގައި ވެލެންސިއާ އަތުން ބަލިނުވެ ސަލާމަތްވެއްޖެ އެވެ.


އެއް ވަނައިގައި 50 ޕޮއިންޓާ އެކު އޮތް ބާސެލޯނާ މި މެޗުން މޮޅުނުވުމުގެ ފައިދާ ނަގައި ތަފާތު ކުޑަކުރަން، ދެ ވަނައިގައި 44 ޕޮއިންޓާ އެކު އޮތް އެތުލެޓިކޯ މެޑްރިޑަށް އެބައޮތެވެ. އެ ޓީމު މިރޭ ރެއާލް ބެޓިސް އަތުން މޮޅުވެއްޖެ ނަމަ ބާސެލޯނާއާ ތިން ޕޮއިންޓަށް ގާތްކުރެވޭނެ އެވެ. ތާވަލުގެ ތިން ވަނައިގައި 39 ޕޮއިންޓާ އެކު އޮތީ ރެއާލް މެޑްރިޑެވެ.

ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ވެލެންސިއާ އިން ދެ ގޯލް ޖެހި އެވެ. ފުރަތަމަ ލަނޑު 24 ވަނަ މިނެޓުގައި ޖެހީ ކެވިން ގަމޭރޯ އެވެ. ދެ ވަނަ ގޯލް 32 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ކާމިޔާބުކުރީ ޑެނިއަލް ޕަރޭޔޯ އެވެ.

ބާސެލޯނާ އަށް މެސީ ތަފާތުކުޑަކޮށްދިނީ 39 ވަނަ މިނެޓުގައި ޕެނަލްޓީއަކުންނެވެ. މިއީ ލީގުގައި މެސީ ޖެހިޖެހިގެން ގޯލް ޖެހި އަށް ވަނަ މެޗެވެ. އޭނާ އެއްވަރުކޮށްދިނީ 64 ވަނަ މިނެޓުގައި އަރުޓޯ ވިޑާލް ދިން ބޯޅައެއް، އޭރިއާ ބޭރުން ކޮންޓްރޯލްކޮށްލައި ގޯލުގެ ތިރީ ކަނާ ދިމާލަށް ވައްދާލައިގެންނެވެ.

މި މެޗުގައި މެސީގެ ކަނާތު ފައިގެ ފަލަމަސްގަނޑަށް ކޮންމެވެސް ވަރަކަށް ވަނީ އަނިޔާވެފަ އެވެ. އެކަމަކު ސްޕެނިޝް ކަޕުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ބުދަ ދުވަހުގެރޭ ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެން އޭނާ ފިޓްވާނެ އެވެ.