ސެލްޓިކް ސަޕޯޓަރުން ފަަލަސްތީނަށް އެހީވަނީ!

ގްލާސްގޯ، ސްކޮޓްލެންޑް (އޮގަސްޓް 24) - ފަލަސްތީނަށް އެހީވުމުގެ ގޮތުން ސެލްޓިކްގެ ސަޕޯޓަރުން އޮންލައިންކޮށް ޗެރިޓީގެ ގޮތުގައި 100،000 އަށް ވުރެން ގިނަ ޕައުންޑް ހޯދާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


ސެލްޓިކް ސަޕޯޓަރުން މި ހަރަކާތް ފަށާފައިވާއިރު، މި މަހުގެ 17 ވަނަ ދުވަހު ޗެމްޕިއަންސް ލީގު ކޮލިފައިންގައި ސެލްޓިކްގެ ދަނޑުގައި އިޒްރޭލްގެ ކްލަބެއް ކަމަށްވާ ހަޕޮއެލް ބިރްޝާވާއާ ދެކޮޅަށް ކުޅުނު މެޗުގައި ފަލަސްތީނަށް ތާއީދުކުރުމުގެ ގޮތުން އެ ގައުމުގެ ދިދަ ދަނޑުގައި ބޭނުންކުރުމާ އެކު ޔޫއޭފާ އިން ސެލްޓިކަށް ފިޔަވަޅު އެޅުމަށް ވަނީ ނިންމައިފަ އެވެ. އެހެން ނަމަވެސް ސެލްޓިކް ސަޕޯޓަރުންގެ ގްރޫޕުން ނިންމީ ޔޫއޭފާ އިންދޭ އަދަބަށް ސަމާލުކަމެއް ނުދީ ފަލަސްތީނަށް އޮތް ސަޕޯޓް ދެއްކުމަށެވެ.

ސެލްޓިކް ސަޕޯޓަރުންގެ ގްރޫޕުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ އެމީހުން ފަލަސްތީނުގެ ދިދަ އެ މެޗުގައި ބޭނުންކުރީ އެއްބައިވަންތަކަމަށް ލޯބިކުރާތީ ކަމަށާއި ފަލަސްތީނާ އެއްކޮޅަށް އެމީހުންގެ ސަޕޯޓް އޮތްކަން އެންގުމުގެ ގޮތުން ކަމަށެވެ. އަދި އެއްވެސް ޒާތީ ކަމެއް މިކަމުގެ ނެތްކަމަށް އެ ބަޔާނުގައި ފާހަގަކޮށް ޔޫއޭފާ އިން ސެލްޓިކަށް ފިޔަވަޅު އަޅަން ނިންމުމުން އެކަމާ ކަންބޮޑުވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ސެލްޓިކް ސަޕޯޓަރުންގެ ވަނީ ދެ ޗެރިޓީ އަކަށް ފައިސާ ހަދިޔާ ކުރަން ނިންމައިފަ އެވެ. އެއީ މެޑިކަލް އެއިޑް ފަލަސްތީން އާއި ލަޖީ ސެންޓަރަށެވެ.

މި މައްސަލައާ ގުޅޭގޮތުން ފީފާއިން ނިންމާގޮތެއް އިއުލާންކުރާނީ އަންނަ މަހު 22 ވަނަ ދުވަހު އެވެ. މިއީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ސެލްޓިކް ސަޕޯޓަރުންނާ މެދު ފިޔަވަޅު އަޅަަން ޔޫއޭފާ އިން ނިންމި ފަސް ވަނަ ފަހަރެވެ.