ބިލްބާއޯ އިން ބާސެލޯނާ ހުއްޓުވައިފި

ބާސެލޯނާ (ފެބްރުއަރީ 11) - ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ ރޭ ކުޅުނު މެޗުން އެތުލެޓިކް ބިލްބާއޯއާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެއްޖެ އެވެ.


ރޭގެ މެޗުން މޮޅުވެގެން ބާސެލޯނާ އަށް އަށް ޕޮއިންޓުގެ ލީޑެއް އެއް ވަނައިގައި ނެގުމުގެ ފުރުސަތު އޮތެވެ. އެކަމަކު މެޗު އެއްވަރުވުމުން އެ ޓީމަށް ޖެހުނީ ހަ ޕޮއިންޓުގެ ލީޑަކުން ފަރުޖައްސާލާށެވެ. ބާސެލޯނާ އަށް ވަނީ 23 މެޗުން 51 ޕޮއިންޓު ލިބިފަ އެވެ. ހޮނިހިރު ދުވަހު ވާދަވެރި އެތުލެޓިކޯ މެޑްރިޑް އަތުން މޮޅުވެ ރެއާލް މެޑްރިޑް ވަނީ ލީގުގެ ދެ ވަނަ އަށް އަރައިފަ އެވެ. ރެއާލަށް 23 މެޗުން ވަނީ 45 ޕޮއިންޓް ލިބިފަ އެވެ.

ރޭގެ މެޗަށް ނުކުތްއިރު ބާސެލޯނާ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ އެ ޓީމުގެ ތަރި ލިއޮނަލް މެސީގެ ފިޓްނަސް އެންމެ ރަނގަޅު ލެވެލެއްގައި ނެތުމެވެ. އެންމެ ފަހުން ރެއާލާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ ކުޅެން އެރީ ދެ ވަނަ ހާފުގަ އެވެ.

ބިލްބާއޯ އިން ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލި މި މެޗުގައި ބާސެލޯނާގެ ޖަރުމަނު ގޯލްކީޕަރު މާކް އަންދްރޭ ސްޓެގެން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ރައުލް ގާސިއާ އާއި މާކެލް ސުސައޭޓާ އަދި އިނާކީ ވިލިއަމްސް ފޮނުވާލި ބޯޅަތައް އޭނާ ހުއްޓުވި އެވެ. ބިލްބާއޯ އިން ރޭގެ މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ އިތުރު ވަގުތުގައި އެ ޓީމުގެ އޮސްކާ ޑި މާކޯސް އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ.

މިއީ ބާސެލޯނާ އިން ލީގުގައި މޮޅެއް ނުލިބި ޖެހިޖެހިގެން ނިންމާލި ދެ ވަނަ މެޗެވެ. ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނީ ލީޑުފުޅާކުރަން އޮތް ފުރުސަތެއް ގެއްލުމުން އެކަމާ ކަންބޮޑުނުވާ ކަމަށެވެ.

"އަހަރެމެން މިދިޔަ ހަފްތާގައި ވެސް އޮތީ އެއް ވަނައިގައި. މި ހަފްތާގައި ވެސް މި އޮތީ އެއް ވަނައިގައި. އަދި އަހަރެންގެ ހިސާބު ޖެހުން ރަނގަޅު ނަމަ އަންނަ ހަފްތާގައި ވެސް އެއް ވަނައިގައި އޮންނާނީ،" ވަލްވޭޑޭ ބުންޏެވެ.

އޭނާ ވަނީ އެ ޓީމުގެ ކީޕަރު ސްޓެގެން އަށް ތައުރީފުކޮށްފަ އެވެ.

"އޭނަ (ސްޓެގެން) އެބަ ސާބިތުކޮށްދޭ މި ޓީމުގެ ކިހާ ބޮޑު ހިއްސާއެއްކަން އެއީ. ހަގީގަތުގައި (އެ ސޭވްތަކުން) އޭނާ މި މެޗުގައި އަހަރެމެން ސަލާމަތްކޮށްދިނީ،" ވަލްވޭޑޭ ބުންޏެވެ.