ވިނީޝިއަސް އަށް ޕްރެޝަރު ނުކުރޭ: ކަސެމީރޯ

މެޑްރިޑް (ފެބްރުއަރީ 11) - ރެއާލް މެޑްރިޑުގެ ބްރެޒިލް ތަރި ވިނީޝިއަސް ޖޫނިއާގެ ފަރާތުން ވަކި ކަންތައްތަކެއް ހާސިލްކުރުމުގެ ގޮތުން އޭނާ އަށް ޕްރެޝަރު ނުކުރުމަށް ސަޕޯޓަރުންގެ ކިބައިން ރެއާލުގެ މިޑްފީލްޑަރު ކަސެމީރޯ އެދިއްޖެ އެވެ.


ރެއާލުގެ ކޯޗުކަމާ ސަންޓިއާގޯ ސޮލާރީ ހަވާލުވި ފަހުން ވިނީޝިއަސް އަށް އަންނަނީ ޓީމުގެ ފުރަތަމަ އެގާރައިން ގިނަ ފުރުސަތުތަކެއް ދެމުންނެވެ. އަދި އެ ފުރުސަތުގެ ބޭނުން ހިފައި ވިނީޝިއަސް އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.

ސްޕެނިޝް ކަޕްގައި ބާސެލޯނާއާ އެއްވަރުވި މެޗާއި ލީގުގައި އެތުލެޓިކޯ މެޑްރިޑް އަތުން ރެއާލް މޮޅުވި މެޗުގައި ވިނީޝިއަސް ދެއްކި މޮޅު ކުޅުމުގެ ސަބަބުން ސަޕޯޓަރުންނާއި މީޑިއާގައިވަނީ އޭނާގެ އަޑުގަދަވެފަ އެވެ.

"އޭނަ (ވިނީޝިއަސް) ވަރަށް މޮޅަށް އެބަކުޅޭ. އޭނާ އެ ހުރީ ދުނިޔޭގެ އެންމެ މޮޅު ކްލަބްގައި. އެ ކަމަކު އަހަރެމެން ހަނދާނުގައި ބަހަައްޓަން ޖެހޭ ކަމަކީ އޭނާ އަކީ 30 އަހަރުގެ ކުޅުންތެރިއެއް ނޫންކަން. އަދި އޭނާ އަށް އެންމެ 18 އަހަރު. އޭނާ އަންނަނީ ގިނަ ކަންތައްތަކެއް ދަސްކުރަމުން،" ސްޕެއިނުގެ ނޫހަކަށް ކަސެމީރޯ ދިން އިންޓަވިއުއެއްގައި ބުންޏެވެ.

"ނޭމާގެ ފަރާތުން ފެންނަ ކުޅުމާ ވިނީޝިއަސްއާ އެއްގޮތް ވިޔަސް މިއީ ތަފާތު ދެ މީހެއްގެ ވާހަކަ މި ދައްކަން ޖެހެނީ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ނޭމާ ހިމެނޭ. ވިނީޝިއަސް އަދި އެ އަންނަނީ ގިނަ ކަންތައްތަކެއް ދަސްކުރަމުން."

އޭނާ ބުނީ މީގެ ތިން މަސް ދުވަސް ކުރިން ވިނީޝިއަސް އަކީ ރެއާލުގެ ބީ ޓީމުގެ ކުޅުންތެރިއެއް ކަމަށާއި ސީނިއާ ޓީމުން ފުރުސަތު ހޯދީ ބުރަ މަސައްކަތުން ކަމަށެވެ.

"އަހަރެމެންނަށް ފެނުނު ބީ ޓީމުގައި ހުރެ ވެސް އޭނަ ކުރި މަސައްކަތް. އޭނައާ މެދު އޭރު ގިނަ މީހުންގެ އުއްމީދެއް ނެތް. އެކަމަކު ވެސް މަސައްކަތްކުރުން ހުއްޓާނުލައި ކުރި ހިތްވަރުން އޭނަ އެ ހިސާބުގައި މިހާރު އެ ހުރީ،" ރެއާލާ އެކު ތިން ފަހަރު ޗެމްޕިއަންސް ލީގު އުފުލާލި ކަސެމީރޯ ބުންޏެވެ.

ރެއާލުން 2017 ވަނަ އަހަރުގެ މެއި މަހު ވިނީޝިއަސް ގަންނަން ބްރެޒިލްގެ ފްލަމެންގޯއާ އެކު އެއްބަސްވުމަކަސް އައި ނަމަވެސް އޭނާ ރަސްމީކޮށް ރެއާލަށް ބަދަލުވީ މި ސީޒަން ފެށުމުގެ ކުރިންނެވެ. ރެއާލުން ވަނީ ވިނީޝިއަސް ހޯދަން 46 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއް ދައްކައިފަ އެވެ.