ޗެލްސީ ކޯޗުކަން މިވަގުތު ބޭނުމެއް ނޫން: ލަމްޕާޑް

ލަންޑަން (ފެބްރުއަރީ 12) - ޗެލްސީ ކޯޗުކަން މި ވަގުތު ބޭނުންނުވާ ކަމަށް އެ ޓީމުގެ ކުރީގެ ތަރި އަދި މިހާރު ޑާބީ ކައުންޓީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފި އެވެ.


އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ މެންޗެސްޓާ ސިޓީ އަތުން 6-0 އިން ޗެލްސީ ބަލިވުމުން އެ ޓީމުގެ ކޯޗު މައުރީޒިއޯ ސާރީގެ މަގާމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. މިއީ މިދިޔަ 28 އަހަރު ދުވަސް ތެރޭ އެ ޓީމު ބަލިވި އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ. އެންމެ ފަހުން ޗެލްސީ އެހާ ތަފާތު ބޮޑުކޮށް ބަލިވީ 1991 ވަނަ އަހަރު އޭރުގެ ގަދަބާރު ނޮޓިންހަމް ފޮރެސްޓް އަތުން 7-0 އިންނެވެ.

ބޮޑުބައްޔާ އެކު ޗެލްސީގެ މިހާރުގެ ކޯޗު މައުރީޒިއޯ ސާރީ އަށް ޕްރެޝަރު ބޮޑުވެފައިވާއިރު، ވަޒީފާ ސަލާމަތްކުރަން އޭނާ އަށް ކުރިމަތިލާން ޖެހިފައިވަނީ އުނދަގޫ ޗެލެންޖުތަކަކާ އެވެ. އެ ގޮތުން އެންމެ ގިނަ ބަޔެއްގެ ކަޅި ހުއްޓިފައި އޮތީ މި މަހު 24 ވަނަ ދުވަހު ސިޓީއާ ދެކޮޅަށް ޗެލްސީ ކުޅޭ ލީގު ކަޕް ފައިނަލް މެޗެވެ.

ރިޕޯޓްތައް ބުނާގޮތުން ސާރީ މަގާމުން ދުރުކޮށްފިނަމަ ޗެލްސީން އެންމެ ބޮޑަށް ބޭނުންވަނީ އެ ޓީމުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ލަމްޕާޑާ ޓީމުގެ ޒިންމާ ހަވާލުކުރުމަށެވެ. ލަމްޕާޑް ވަނީ މީޑިއާގައި ދެކެވޭ ވާހަކަތަކަށް ޖަވާބުދީފަ އެވެ.

"އަހަރެންގެ ވަޒީފާ އޮތީ މިތަނުގައި (ޑާބީގައި). ޗެލްސީގައި އަހަރެން ވަރަށް އުފާވެރި 13 އަހަރު ހޭދަކުރިން. ގިނަ ބަޔެއްގެ ލޯބި ލިބުނު. ޗެލްސީ އަށް އަހަރެންގެ ހިތުގައި ހާއްސަ ޖާގައެއް އޮންނާނެ. އެކަމަކު ކޮންމެ ކަމަކަށް ރަނގަޅު ވަގުތެއް އޮންނާނެ. މިއީ އަހަރެން މި ތަނުގައި ކުރަން ހުރި މަސައްކަތް ހުއްޓާލާފައި ޗެލްސީ އަށް ދާންޖެހޭ ވަގުތެއް ނޫން،" ލަމްޕާޑް ބުންޏެވެ.

"ޗެލްސީ ކޯޗުކަމާ މެދު ނުވިސްނަން. ފުރަތަމަ މި ވިސްނަނީ ބުދަ ދުވަހު ޝެފީލްޑް ވެނެސްޑޭއާ ދެކޮޅަށް އޮތް މެޗަށް. ދެން އާދިއްތަ ދުވަހު ބްރައިޓްއާ ކުޅޭ މެޗަށް. ދެން ފުޓްބޯޅައިގައި ކުރިއަށް އޮތް އަހަރުތަކުގައި ވާނެ ގޮތެއް އަހަންނަށް މި ވަގުތު ބުނެދޭކަށެއް ނޭނގެ."

އޭނާ ބުނީ ސިޓީ މެޗަކީ ޗެލްސީގެ ސީޒަނުގައި ކުރިއަށް ދިއުމަށް ރަނގަޅު ފިލާވަޅެއް ލިބުނު މެޗަކަށް ހެދޭނެ ކަމަށެވެ.

"ސިޓީ މެޗަކީ ޗެލްސީ އަށް ފިލާވަޅެއް. ޔަގީނުން ވެސް މި ވަގުތު އެންމެ މޮޅު ޓީމަކީ ސިޓީ. ވިސްނަން ޖެހޭ ކަމަކީ އެ ލެވެލަށް ދާން ޗެލްސީ ކުރަން ޖެހޭ މަސައްކަތަށް ފޯކަސް ކުރުން. ޗެލްސީ އަކީ މިދިޔަ 10 އަހަރަށް ބަލާއިރު އެކަން ކޮށްފައި އޮތް ޓީމެއް. މިހާރު ވެސް އެކަން ވާނެ،" ލަމްޕާޑް ބުންޏެވެ.

ކެރިއަރުގެ ފަހު ކޮޅުގައި ލަމްޕާޑް ވަނީ ސިޓީ އަށް ވެސް ކުޅެފަ އެވެ. ލަމްޕާޑް ވަނީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އެ ޓީމުގައި ކުރަމުން އަންނަ މަސައްތަށް ތައުރީފްކޮށްފަ އެވެ. އަދި ގާޑިއޯލާ އައި ފަހުން އިނގިރޭސި ފުޓްބޯޅަ އަށް ޕޮޒިޓިވް ގިނަ ކަންތައްތަކެއް ފެނިގެން ގޮސްފައިވާ ކަމަށް ލަމްޕާޑް ވަނީ ބުނެފަ އެވެ.