ޕީއެސްޖީން ޔުނައިޓެޑް ބަލިކޮށްފި

މެންޗެސްޓާ (ފެބްރުއަރީ 13) - އާ ކޯޗު އޮލެ ގުނަ ސޯލްޝެއާއާ އެކު ބަލިނުވެ 11 މެޗު ފުރިހަމަކޮށްފައިވާ މެންޗެސްޓާ ޔުނައިޓެޑް އޭނާގެ އިރުޝާދުގެ ދަށުން ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ރޭ، މުބާރާތުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ޕީއެސްޖީ އަތުން 2-0 އިން ބަލިވެއްޖެ އެވެ.


މި މެޗުގައި ޔުނައިޓެޑަށް ކުރިމަތިވި އަނެއް ހިތްދަތިކަމަކީ ފަހަކަށް އައިސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ޕައުލް ޕޮގްބާ އަށް ރަތެއް ދައްކައި އަނެއް ލެގަށް ސަސްޕެންޑްވުމެވެ. އަންނަ މަހު ހަ ވަނަ ދުވަހު ޕީއެސްޖީ ދަނޑުގައި ކުޅޭ މެޗުން ޔުނައިޓެޑަށް އޮތީ ތިން ލަނޑުގެ ތަފާތަކުން މޮޅުވުމެވެ.

ރޭގެ މެޗަށް ނުކުތްއިރު ޕީއެސްޖީ އަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އަނިޔާގެ ސަބަބުން އެ ޓީމުގެ ދެ ތަރިން ކަމަށްވާ އެޑިސަން ކަވާނީ އާއި ނޭމާ އަށް ނުކުޅެވުމެވެ. ޕީއެސްޖީ ލީޑުކުރީ އުމުރުން 20 އަހަރުގެ އެމްބާޕޭ އެވެ. ފުރަތަަމަ ހާފުގައި ޕީއެސްޖީގެ އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލީ ކުރިން ޔުނައިޓެޑަށް ކުޅުނު އާޖެންޓީނާގެ ވިންގް އެންހެލް ޑި މާރިއާ އެވެ.

ފުރަތަމަ ހާފުގައި ޔުނައިޓެޑުގެ ޖެސޭ ލިންގާޑާއި އެންތަނީ މާޝިއަލް އަށް ލިބުނު އަނިޔާއެއްގެ ސަބަބުން ދެ ވަނަ ހާފަށް ނުކުތްއިރު އެ ދެ ކުޅުންތެރިން ވެސް ވަނީ ބަދަލުކޮށްފަ އެވެ. ލިންގާޑުގެ ބަދަލުގައި ފުރަތަމަ ހާފުގައި އަލެކްސިސް ސަންޗޭޒް ކުޅެން އެރިއިރު، ދެ ވަނަ ހާފް ފެށީ މާޝިއަލްގެ ބަދަލުގައި ހުއާން މަޓާ އަރުވައިގެންނެވެ.

މި މެޗުގައި ގޯލާ އަމާޒުކޮށް ޔުނައިޓެޑުން ފޮނުވާލި ހަމައެކަނި ޝޮޓް މެޗުގެ ފުރަތަމަ ހާފުގައި ޖެހީ މާކަސް ރެޝްފޯޑް އެވެ. ޕީއެސްޖީން ލަނޑުތައް ޖެހީ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ލަނޑު ޑި މާރިއާ ނަގައިިދިން ކޯނަރަކުން ޒުވާން ޑިފެންޑަރު ޕްރެސްނެލް ކިމްޕެމްބޭ ކާމިޔާބުކުރީ މެޗުގެ 53 ވަނަ މިނިޓްގަ އެވެ. އޭގެ އިރުކޮޅެއް ކުރިން ރެޝްފޯޑަށް ކިމްޕެމްބޭ ކުރި ފައުލަކަށް ދެ ވަނަ ރީނދޫ ކާޑެއް ދައްކަން ޔުނައިޓެޑުން އެޕީލްކުރި އެވެ.

ޕީއެސްޖީގެ ދެ ވަނަ ލަނޑު މެޗުގެ 60 ވަނަ މިނިޓްގައި ކާމިޔާބުކުރީ އެމްބާޕޭ އެވެ. ކައުންޓަ އެޓޭކެއްގައި ޑި މާރިއާ ދިން ބޯޅަ އެމްބާޕޭ ވަނީ ޔުނައިޓެޑުގެ ޑިފެންޑަރުން ކައިރިން ދެމިގަތުމަށް ފަހު ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އޭގެ އިރުކޮޅެއް ފަހުން ޕީއެސްޖީ އަށް ތިން ވަނަ ލަނޑެއް ޖަހައިދޭން އެމްބާޕޭ އަށް ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން އޭނާ އަށް ނުހިފުނެވެ. ޔުނައިޓެޑުގެ ޕޮގްބާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑެއް ދެއްކީ މެޗުގެ ފަހު މިނެޓުގަ އެވެ.

ރަތް ކާޑު ދެއްކުމުން ޕޮގްބާ ދަނޑުން ފައިބަނީ. -- ފޮޓޯ: އޭއެފްޕީ

މިއީ މިދިޔަ ޑިސެމްބަރު މަހު ޔުނައިޓެޑާ ހަވާލުވި އޮލެ ގުނަ ސޯލްޝެއާގެ ކޯޗުކަމުގައި އެ ޓީމު ބަލިވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ކުޅުނު 11 މެޗުގެ ތެރެއިން 10 މެޗުން ވަނީ އެ ޓީމު މޮޅުވެފަ އެވެ.

"ފުރަތަމަ ގޯލަށް ފަހު ޕީއެސްޖީ އަށް ހިތްވަރު ލިބިއްޖެ. މިއީ އެ މީހުންނަށް ފަސޭހަވެގެންދިޔަ ސަބަބެއް. މި ކަހަލަ މެޗުތަކުގެ ތަޖުރިބާ މިދިޔަ އަހަރުތަކުގައި ޕީއެސްޖީ އަށް ވަރަށް ލިބިފައި ހުރީ އޭގެ ބޭނުން އެ ޓީމުން ރަނގަޅަށް ހިފައިފި. މިއީ ދަސްކުރަން ލިބޭނެ ފިލާވަޅެއް،" ރޭގެ މެޗަށް ފަހު ސޯލްޝެއާ ބުންޏެވެ.

ރޭގެ މެޗަކީ ފްރާންސް ޓީމެއް ޔުނައިޓެޑް ދަނޑުގައި ހޯދި ފުރަތަމަ މޮޅެވެ. ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ ފުރަތަމަ ލެގުން މޮޅުވިޔަސް ކުއާޓާ ފައިނަލުން ފުރުސަތު ލިބުނު ކަމަށް ނުނިންމާނެ ކަމަށެވެ.

"މިއީ އަދި ހާފް ޓައިމް. ކުރިއަށް އެބައޮތް 90 މިނިޓް. އެކަމަކު ރަށުން ބޭރުގައި މޮޅެއް ލިބުމަކީ ކުރިއަށް އެޅޭނެ ބޮޑު ފިޔަވަޅެއް،" ކުރިން ބޮރޫޝިއާ ޑޯޓްމަންޑަށް ކޯޗުކޮށްދިން ޓުޗެލް ބުންޏެވެ.

ރޭ ކުޅުނު އަނެއް މެޗުން މިދިޔަ އަހަރު ސެމީ ފައިނަލުގައި ކުޅުނު ރޯމާ ވަނީ 2-1 އިން ޕޯޓޯ ބަލިކޮށްފަ އެވެ. ރޯމާ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުގެ ލަނޑުތައް ޖެހީ އިޓަލީގެ އުއްމީދީ ކުޅުންތެރިޔަ ނިކޮލޯ ޒަނިއޯލޯ އެވެ. ޕޯޓޯގެ ގޯލު ކާމިޔާބުކޮށްދިނީ އެޑްރިއަން ލޮޕޭޒް އެވެ.