ޔުވެންޓަސް އަށް 14 ޕޮއިންޓުގެ ލީޑެއް

ޓިއުރިން (ފެބްރުއަރީ 16) - އިޓާލިއަން ލީގުގައި ރޭ ކްރިސްޓިއާނޯ ރޮނާލްޑޯގެ ގޯލާ އެކު 3-0 އިން ފްރޮސިނޯނޭ ބަލިކޮށް ލީގުގެ އެއް ވަަނައިގައި ޔުވެންޓަސް އިން 14 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.


ރޭގެ މޮޅާ އެކު ޔުވެންޓަސް އެއް ވަނައިގައި އޮތީ 24 މެޗުން 66 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނަޕޯލީ އަށް 23 މެޗުން ލިބިފައިވަނީ 52 ޕޮއިންޓެވެ. އާދިއްތަ ދުވަހު ޓޮރީނޯއާ ދެކޮޅަށް ކުޅޭ މެޗުން ނަޕޯލީ މޮޅުވެއްޖެނަމަ ޔުވެންޓަސްގެ ލީޑު 11 ޕޮއިންޓަށް ކުޑަވާނެ އެވެ.

ޔުވެންޓަސް ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން ހަ ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިިދިނީ ޕައޮލޯ ޑިބާލާ އެވެ. ރޮނާލްޑޯ ދިން ބޯޅަ ޑިބާލާ ވަނީ އޭރިއާބޭރުން ގޯލުގެ މަތީ ކަނުގައި ތަތްކޮށްލައިފަ އެވެ. މެޗުގެ 17 ވަނަ މިނިޓްގައި ޔުވެންޓަސްގެ ލީޑުފުޅާކޮށްދިނީ ލިއޮނާޑޯ ބޮނުޗީ އެވެ. މާރިއޯ މަންޒުކިޗް ބޮލުން ޖެހި ބޯޅަ ފްރޮސިނޯނޭ ކީޕަރު މާކޯ ސްޕޮޓިއޭލޯ އަތުގައި ޖެހިފައި ނުކުތްވަގުތު ގޯލު ރޮނގުކައިރިން ބޮނޫޗީ ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ރޮނާލްޑޯ ޔުވެންޓަސްގެ ތިން ވަނަ ލަނޑު ޖެހީ މެޗުގެ 63 ވަނަ މިނިޓްގަ އެވެ. މަންޒުކިޗް ތަނަވަސްކޮށްދިން ފުރުސަތަކުން އޭރިއާ ތެރެއިން ރޮނާލްޑޯ އަށް ލިބުނު ބޯޅަ އޭނާ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. މިއީ މި ފަހަރު ޔުވެންޓަސް އަށް ބަދަލުވި ރޮނާލްޑޯ ހުރިހާ މުބާރާތެއްގައި އެ ޓީމަށް ކާމިޔާބު ކޮށްދިން 21 ވަނަ ގޯލެވެ.

ޔުވެންޓަސް ދެން ކުޅޭ މެޗުގައި ބުދަ ދުވަހު ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި އެ ޓީމު ނުކުންނާނީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ. ޔުވެންޓަސްގެ ކޯޗު މެސިމޯ އަލެގްރީ ބުނީ ރޭގެ މެޗުން އޭނާ ބޭނުންވި ގިނަ ކަންތައްތަކެއް ފެނިގެންދިޔަ ކަމަށެވެ.

"މިއީ ސީޒަނުގެ އެންމެ މުހިއްމު ހިސާބު. ފިނި މޫސުމުގެ ބްރޭކަށް ފަހު އާންމުކޮށް ކުރީގެ ފޯމު ދަމަހައްޓަން ކުޅުންތެރިންނަށް އުނދަގޫވޭ. އެކަމަކު މި ފަހަރު ވަރަށް ރަނގަޅަށް އޮތީ. ކުޅުންތެރިންގެ ފިޓްނަސް ލެވެލާއި ހުރިހާ ކަމަކާ މެދު އަހަރެން ހިތްހަމަ ޖެހޭ،" އަލެގްރީ ބުންޏެވެ.

އޭނާ ބުނީ ރޮނާލްޑޯ އާއި ޑިބާލާގެ ގުޅުން ރަނގަޅުވުމަކީ ޔުވެންޓަަސްގެ އެޓޭކް ލައިނަށް ލިބިގެންދާނެ އިތުރު ފުރިހަމަ ކަމެއް ކަަމަށެވެ.