ބުފޮން އަލުން ޔުވެންޓަސް އަށް؛ ކެޕްޓަންކަން ބޭނުމެއް ނޫން

ޓިއުރިން (ޖުލައި 5) – އެންމެ ސީޒަނަކަށް ފަހު ފްރާންސްގެ ޕީއެސްޖީ ދޫކޮށްލައި އެނބުރި ޔުވެންޓަސް އަށް ބަދަލުވި ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން، އެ ޓީމުގެ ކެޕްޓަންކަން ބޭނުންނުވާ ކަމަށް ބުނެފި އެވެ.


އުމުރުން 41 އަހަރުގެ ބުފޮން އަލުން ޔުވެންޓަސް އަށް ބަދަލުވީ އެއް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އިޓަލީގެ ޔުވެންޓަސް އަށް 17 އަހަރު ކުޅުމަށް ފަހު މިދިޔަ އަހަރު އެ ކްލަބާ ވަކިވުމުން ބެލެވުނީ ބުފޮން ރިޓަޔާކުރާނެ ކަމަށެވެ. އެކަމަކު އޭނާ ވަނީ މިދިޔަ އަހަރު ޕީއެސްޖީ އަށް ލީގު ޗެމްޕިއަންކަން ހޯދައިދޭން އެހީތެރިވެދީފަ އެވެ. ޕީއެސްޖީން ކޮންޓްރެކްޓެއް ހުށަހެޅި ނަމަވެސް ބުފޮން އަލުން ޔުވެންޓްސް އަށް ބަދަލުވާން ނިންމީ އެވެ.

ދެ ވަނަ ފަހަރަށް ޔުވެންޓަސް އަށް ބަދަލުވުމަށް ފަހު ބުފޮން ބުނީ އަލުން އެ ޓީމަށް ބަދަލުވީ ކެރިއަރުގައި އިތުރު ކާމިޔާބީ ހޯދުމަށް ކަމަށާއި ޔުވެންޓަސް އިން އޭނާ އަށް ދިން ފުރުސަތަށް ޝުކުރުވެރިވާ ކަމަށެވެ.

"ގޯލްކީޕަރު ޝެޒްނީ އާއި ކިއެލީނީ އަށް ޝުކުރު އަދާކުރަން އަހަންނަށް އިހުތިރާމް އަދާކުރުމަށް އެއް ނަމްބަރު ޖޯޒީ އާއި ކެޕްޓަން ބޭންޑް ދޭން ހުށަހެޅީމަ. އަހަރެން މި އައީ އެއްވެސް އެއްޗެއް މީހެއް އަތުން އަތުލާކަށެއް ނޫން. އަހަރެން ބޭނުންވަނީ ޓީމަށް އެހީވާން. އެއް ނަމްބަރު ކީޕަރު ޝެޒްނީ އަކީ. ކިއެލީނީ އަކީ ނަމޫނާ ކެޕްޓަނެއް،" ސްކައި އިޓާލިއާ އަށް ދިން އިންޓަވިއުއެއްގައި ބުފޮން ބުންޏެވެ.

ޕާމާ އިން 1995 ވަނަ އަހަރު ކެރިއަރު ފެށި ބުފޮން ވަނީ އެ ޓީމާ އެކު އިޓާލިއަން ކަޕާއި ޔުއެފާ ކަޕް ކާމިޔާބުކޮށްފަ އެވެ. އޭނާ ދުނިޔޭގެ ރެކޯޑް އަގެއްގައި 2001 ގައި ޔުވެންޓަސް އަށް ބަދަލުވެ އެ ޓީމާ އެކު އިޓާލިއަން ލީގު ނުވަ ފަހަރު ކާމިޔާބުކުރި އެވެ. އެކަމަކު ޗެމްޕިއަންސް ލީގު އުފުލާލަން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. އަލުން ޔުވެންޓަސް އަށް ބުފޮން ދިއުމުގެ އެއް މަގުސަދަކީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމެވެ.

ޔުވެންޓަސްގައި މި ފަހަރު ބުފޮން ބޭނުންކުރާނީ 77 ނަމްބަރު ޖޯޒީ އެވެ. އޭނާ ބުނީ އެއީ ތާރީހީ ކަމެއް ކަމަށެވެ.

"އަހަރެން އެންމެ ފުރަތަމަ ޕާމާ އަށް ކުޅުނީ 77 ނަމްބަރު ޖޯޒީގައި. މީގެއިން ދައްކުވައިދެނީ އަހަރެންގެ ތާރީހު. މި ނަމްބަރަކީ އަހަރެންގެ ކެރިއަރުގައި ބޮޑެތި އުފާތަކެއް ގެނެސްދިން ކަމެއް. ބޭނުމީ ކެރިއަރު ނިމުމުގެ ކުރިން މި ނަމްބަރާ އެކު ތަފާތު ވަގުތުތަކެއް އަލުން ތަޖުރިބާކޮށްލަން." އިޓަލީ އަށް 2006 ވަނަ އަހަރު ވޯލްޑް ކަޕް ހޯދައިދިނުމުގައި މުހިއްމު ރޯލެއް ކުޅުނު ބުފޮން ބުންޏެވެ.

ބުފޮން އަކީ ހިލޭ ޓްރާންސްފާއެއްގައި މި ފަހަރުގެ ސީޒަނުގައި ޔުވެންޓަސް އަށް ބަދަލުވި ތިން ވަނަ ކުޅުންތެރިއާ އެވެ. މީގެ ކުރިން އާސެނަލުން އާރޮން ރަމްސޭ އާއި ޕީއެސްޖީން އޭޑްރިއަން ރަބިއޯ ވަނީ ޔުވެންޓަސް އަށް ސޮއިކޮށްފަ އެވެ.