އިންޑިއާ-ޕާކިސްތާން މެޗު ނޯންނާނެ ކަމުގެ އިޝާރާތެއް ނުލިބޭ: އައިސީސީ

ދުބާއީ (ފެބްރުއަރީ 26) – އަންނަ މޭ މަހު ފަށާ ކްރިކެޓް ވޯލްޑް ކަޕުގައި އިންޑިއާ އާއި ޕާކިސްތާން ކުޅެން ހަމަޖެހިފައިވާ މެޗު ކުރިއަށްނުދާނެ ކަމުގެ އެއްވެސް އިޝާރާތެއް ލިބިފައިނުވާ ކަމަށް އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން ބުނެފި އެވެ.


ކަޝްމީރުގައި އިންޑިއާ ސިފައިންނަށް އަމާޒުކޮށް، ޕާކިސްތާނަށް ނިސްބަތްވާ ޖަމާއަތަކުން ދިން ހަމަލާއަކާ ގުޅިގެން، މެންޗެސްޓާގައި ޖޫން 16 ވަނަ ދުވަހު ކުޅެން ހަމަޖެހިފައިވާ މެޗު ބޮއިކޮޓް ކުރަން އިންޑިއާގެ ބައެއް ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

"މުޖުތަމައުތައް އެކުވެރިކޮށް، މީހުން އެއްބައިވަންތަކުރުވުވުމުގެ އާދަހާހިލާފު ބާރު ކުޅިވަރަށް ވަކިން ހާއްސަކޮށް ކްރިކެޓަށް ލިބިގެންވޭ. މެމްބަރު ގައުމުތަކާ އެކު، މި އަސާސުގެ މަތިން ކުރިއަށް ދިއުމަށް މަސައްކަތްކުރަމުން އަންނާނަން،" އައިސީސީން ބުނެފައިވެ އެވެ. "ވޯލްޑް ކަޕުގެ އެއްވެސް މެޗެއް ޕްލޭންކުރެވިފައިވާ ގޮތަށް ނުދާނެ ކަމުގެ އެއްވެސް އިޝާރާތެއް ލިބިފައެއް ނުވޭ."

މެންޗެސްޓާގައި ހުންނަ އޯލްޑް ޓްރެފޯޑް ކްރިކެޓް ދަނޑުގައި ކުޅެން ހަމަޖެހިފައިވާ މި މެޗުން ވިއްކަން ހަމަޖެހިފައިވާ 25،000 ޓިކެޓް ގަތުމަށް ފަސް ލައްކައެއްހާ މީހުން ވަނީ ހުށަހަޅައިފަ އެވެ.

އިންޑިއާގެ ކެޕްޓަން ވިރާތު ކޯލީ ބުނީ މެޗު ބޮއިކޮޓްކުރުމާ މެދު ސަރުކާރުންނާއި ކްރިކެޓް ބޯޑުން ނިންމާ ގޮތަކަށް ޓީމުން އިހުތިރާމްކުރާނެ ކަމަށެވެ. މެޗު ބޮއިކޮޓްކުރަން ގޮވާލި އެންމެ މަޝްހޫރު ކުޅުންތެރިޔަކީ 2011 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގެ ކުޅުންތެރިޔާ ހަރްބަޖަން ސިންގެވެ.