ބާސެލޯނާ ފޯމުގައި، ރެއާލް ބަދަލުހިފުމަކަށް

މެޑްރިޑް (މާޗް 2) - ސްޕެނިޝް ލީގުގައި މިރޭ ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރާއިރު، މީގެ ތެރެއިން ހުރިހާ ގޮތަކުން ވެސް ފޯމުގައި އޮތީ ބާސެލޯނާ އެވެ. ރެއާލް މެޑްރިޑް ބޭނުންވަނީ މީގެ ތިން ދުވަސް ކުރިން ސްޕެނިޝް ކަޕުގެ ސެމީ ފައިނަލުން ބާސެލޯނާ އަތުން ބަލިވި ބަލިވުމުގެ ބަދަލުހިފާށެވެ.


ރެއާލް ދަނޑުގައި ބުދަ ދުވަހުގެރޭ ކުޅުނު ކޮޕަ ޑެލް ރޭ ސެމީ ފައިނަލްގެ ދެ ވަނަ ލެގުން އެ ޓީމު އަތުން ބާސެލޯނާ މޮޅުވީ ފަސޭހަކަމާ އެކު 3-0 އިންނެވެ. މިއީ މިދިޔަ 10 އަހަރު ތެރޭގައި ރެއާލް ދަނޑުގައި ބާސެލޯނާ އިން ހޯދި 10 ވަނަ މޮޅެވެ. ރެއާލަށް މޮޅުވެވުނީ ހަތަރު މެޗުންނެވެ.

ލީގުގެ އެއް ވަަނައިގައި މި ވަގުތު ބާސެލޯނާ އޮތީ ތިން ވަނައިގައި އޮތް ރެއާލަށް ވުރެން ނުވަ ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. މިރޭގެ މެޗުން ބާސެލޯނާ މޮޅުވެއްޖެނަމަ ރެއާލާ ދެމެދު އޮތް ފަރަގު 12 ޕޮއިންޓަށް ބޮޑުކުރެވޭނެ އެވެ. އެހެންވެއްޖެނަމަ ލީގު ރޭހުން ރެއާލް ވަރަށް ބޮޑަށް ފަހަތަށް ވެއްޓޭނެ އެވެ.

ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނީ ރަނގަޅު ރޫހެއްގައި އޮވެ ބާސެލޯނާ މި މެޗާ ކުރިމަތިލި ނަމަވެސް ކުރިމަތީގައި އޮތީ އުނދަގޫ މަސައްކަތެއް ކަަމަށެވެ.

"ވަރަށް އުނދަގޫ ކަމެއް ޖެހިޖެހިގެން ދެ މެޗުގައި އެއް ޓީމަކާ ދެކޮޅަށް އެއް ނަތީޖާއެއް ނެރުމަކީ. އަމުދުން ރެއާލް ކަހަލަ ޓީމަކާ ދެކޮޅަށް. އަހަރެމެން މޮޅުވާން ބޭނުން. އެންމެ ބޮޑު އެއް ސަބަބަކީ ރެއާލަކީ ވެސް ލީގަށް ވާދަކުރާ ޓީމެއް. މި މެޗުން އަހަރެމެން މޮޅުވެއްޖެނަމަ އެ ޓީމަށް ވަރަށް ގޯސް އަސަރުތަކެއް ކުރާނެ،" ވަލްވޭޑޭ ބުންޏެވެ.

"މި މެޗު ފަސޭހައެއް ނުވާނެ. އެންމެ ފަހުން ދުވަހު 3-0 އިން މޮޅުވިޔަސް. އެ ނަތީޖާ ނުކުތީ ވަރަށް މަސައްކަތް ކޮށްގެން. އެކަމަކަށް އަހަރެމެން ތައްޔާރު."

ބާސެލޯނާ އަތުން އެންމެ ފަހުން ބަލިވި މެޗުގައި ރެއާލުން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ދާދި ފަހުން ބްރެޒިލް ގައުމީ ޓީމުން ފުރުސަތު ހޯދި އުމުރުން 18 އަހަރުގެ ވިނީޝިއަސް ޖޫނިއާ އެވެ. ވަލްވޭޑޭ ވަނީ ވިނީޝިއަސް އަށް ތައުރީފުކޮށްފަ އެވެ.

ވިނީޝިއަސްގެ ފޯމާ ހެދި ރެއާލުގެ ތަރި ގަރެތު ބޭލް އަށް ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބުން ވަނީ އުނދަގޫވެފަ އެވެ. އެންމެ ފަހުން ރެއާލް ކުޅުނު ނުވަ މެޗުގެ ތެރެއިން ހަތް މެޗުގައި ބޭލް ކުޅުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އެންމެ ފަހުން ބާސެލޯނާއާ ދެކޮލަށް ކުޅުނު މެޗުގައި ވެސް ބޭލް އެރީ ފަހުންނެވެ.

ރެއާލްގެ ސަޕޯޓަރުންގެ ނުރުހުން ބޭލް އަށް އަމާޒުވެފައިވާއިރު، އެ ޓީމުގެ ކޯޗު ސަންޓިއާގޯ ސޮލާރީ ވަނީ ބޭލްގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ.

"ސަޕޯޓަރުން ބޭނުން ހިޔާލެއް ފާޅުކުރެވޭނެ. އެކަމަކު އަހަރެން ކުޅުންތެރިންގެ ހައްގުގައި ވާހަކަ ދައްކާނަން. ބޭލް އަކީ ޕްރޮފެޝަނަލް އެއް. އަހަރެން އެދެނީ ކްލަަބަށް ހިދުމަތްކޮށްދޭ ފަރާތްތަކަށް އިހުތިރާމް އަދާކުރަން،" ސޮލާރީ ބުންޏެވެ.

ބާސެލޯނާ އަތުން މިރޭގެ މެޗުން ބަލިވެއްޖެނަމަ ރެއާލުގެ ސީޒަނަށް ވަރަށް ބޮޑަށް އަސަރުކުރާނެ ކަމަށް ދެކެވޭ ވާހަކަތަކާ ބެހޭގޮތުން ސޮލާރީ ބުނީ މެޗަށް ނުކުންނާނީ އެނގެން ޖެހޭ ހުރިހާ ކަމެއް އެނގި ތިބެ ކަމަށެވެ.

"އަހަރެމެން އަދިވެސް މި ތިބީ ބަޔަކަށް ބަރޯސާނުވެ އަމިއްލަ ފައިމަތީގައި. އަމިއްލަ ބާރު އެބައޮތް ލީގުގައި ކުރިއަށް ދިއުމުގެ. އެންމެ ފަހުން މެޗުގައި ފުރިހަމަ ނުވެ އޮތް ކަންތައްތަކުން ހިތްވަރު ހޯދައިގެން އެ ޖޯޝުގައި އަހަރެމެން މި މެޗަށް ނުކުންނާނީ. މިއީ ބާސެލޯނާގެ ލީޑު ހަނިކުރަން ލިބޭ ފުރުސަތެއް. މި ފުރުސަތު ނަގާލަން ބޭނުމެއް ނޫން،" ސޮލާރީ އުއްމީދާ އެކު ބުންޏެވެ.

މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން 00:45 ގަ އެވެ. ރެއާލުގެ ސަންޓިއާގޯ ބާނަބައުގައި ކުޅޭ މި މެޗުން ކިޔުންތެރިންގެ ނަޒަރުގައި މޮޅުވާނީ ކޮން ޓީމެއް ހެއްޔެވެ؟