މަނާބޭހުގެ މަައްސަލައިގައި ރަޝިއާ އަށް ލުޔެއް ނުދިން

މޮސްކޯ، ރަޝިއާ (މާޗް 12) - އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑެރޭޝަން (އައިއޭއޭއެފް) އިން 2015 ވަނަ އަހަރު މަނާބޭހުގެ މައްސަލަތަކެއްގައި ރަޝިއާ އަށް ދީފައިވާ ސަސްޕެންޝަން އެޕީލްކުރުމަށް 10 ވަނަ ފަހަރަށް ރަޝިއާ އިން ހުށަހެޅުމުން ވެސް އައިއޭއެފުން އެ ސަސްޕެންޝަނަށް ލުޔެއް ނުދޭން ނިންމައިފި އެވެ.


ގޭމްސްތަކުގައި ރަޝިއާ އެތުލީޓުންނާއި ސަރުކާރުގެ އޮފިޝަލުންނާ ގުޅިގެން މަނާ ބޭސް ބޭނުންކުރާ ކަމަށް ބުނެ، ވޯލްޑް އެންޓި ޑޯޕިން އެޖެންސީ (ވާޑާ) އިން ނެރުނު ރިޕޯޓުތަކާ ގުޅިގެން ރަޝިއާ އެތުލީޓުންނަށް މުބާރާތްތަކުގައި ވާދަނުކުރެވޭ ގޮތަށް ސަސްޕެންޑްކުރީ 2015 ވަަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އޭގެ ފަހުން އައީއޭއޭއެފްގެ މުބާރާތްތަކުގައި ރަޝިއާގެ އެތުލީޓުން ބައިވެރިވަމުން އަންނަނީ ވަކި ގައުމެއް ތަމްސީލުނުކޮށް ނިއުޓްރަލް އެތުލީޓުންގެ ގޮތުގަ އެވެ.

ރަޝިއާގެ އެތުލީޓުންގެ މައްސަލަތައް ބެލުމަށް ފަހު 2016 ވަނަ އަހަރު ޕްރޮފެސަރު ރިޗާޑް މެކްލަރެން އާންމުކުރި ރިޕޯޓުގައިވާގޮތުން ފުޓްބޯޅަ ހިމެނޭގޮތަށް ރަޝިއާގެ ގިނަ އެތުލީޓުން އަންނަނީ މަނާ ބޭސް ބޭނުންކުރަމުންނެވެ. އެކަމަކާ ގުޅޭ ޝަކުވާތައް މިދިޔަ އަހަރު ރަޝިއާގައި ކުރިއަށް ދިޔަ ފީފާ ވޯލްޑް ކަޕް ދުވަސްވަރު ވެސް ފެންމަތިވި އެވެ.

އައިއޭއޭއެފް އިން ރަޝިއާ އިން އެންމެ ފަހުން މައްސަލަ އިސްތިއުނާފްކުރަން ހުށަހެޅުމުން ވެސް ވަނީ އެކަން އިންކާރު ކޮށްފަ އެވެ. އަދި ލުޔެއް ދެވޭނެ ހަމައެކަނި މަގަކީ ކުރިއެކޭ ވެސް އެއްގޮތަށް ރަޝިއާގެ އެތުލީޓުން މަނާ ބޭހަށް ޓެސްޓްކުރާ ލެބޯޓަރީގެ ރިޕޯޓްތަކާއި ސާމްޕަލްތައް ދޭން އެއްބަސްވުމެވެ. އަދި އެކަން ކުރަން ރަޝިއާ އަށްދާ އައިއޭއޭއެފްގެ ވަފުދުގެ ހުރިހާ ހަރަދެއް ވެސް ބަލަން ޖެހޭނީ ރަޝިއާ އިން ކަމަށް ވަނީ އަންގައިފަ އެވެ.

ވާޑާގެ ޓީމަކަށް މި އަހަރުގެ ޖެނުއަރީ މަހު މޮސްކޯގައި ހުންނަ ރަޝިއާ އެތުލީޓުން މަނާ ބޭހަށް ޓެސްޓްކުރާ ލެބޯޓަރީ އަކަށް ވަނުމުގެ ހުއްދަ ދީފައިވީ ނަމަވެސް އެކަށީގެންވާ ވަރަށް ރަޝިއާގެ ފަރާތުން އެހީތެރިކަން ނުލިބޭކަަމަށް ވަނީ ދާދި ފަހުން ބުނެފަ އެވެ.

ރަޝިއާ އެތުލީޓުން މަނާ ބޭސް ބޭނުންކުރާކަމަށް ސަައްހަ ލިޔެކިއުންތަކާ އެކު އެންމެ ފުރަތަމަ އެކަން އާންމުކުރީ 2014 ވަނަ އަހަރު ޖަރުމަނުގެ ޓީވީ ޑޮކިއުމެންޓްރީ އަކުންނެވެ. އޭގެ ފަހުން ގިނަ ތަހުގީގު އިދާރާތަކުން ވަނީ ރަޝިއާ އެތުލީޓުންނަށް ފިޔަަވަޅު އަޅައިފަ އެވެ. އަދި ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރަޝިއާގެ އެތުލީޓުން ހޯދާފައިވާ މެޑަލްތައް ވެސް ވަނީ އަތުލައިފަ އެވެ.

އެންމެ ފަހުން 2016 ވަނަ އަހަރު ބްރެޒިލްގެ ރިއޯ ޑި ޖަނޭރޯގައި އޮތް އޮލިމްޕިކްސްގައި ރަޝިއާ އެއްކޮށް ސަސްޕެންޑް ނުކުރަން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ނިންމީ ނުހައްގުން ބައެއް އެތުލީޓުންނަށް ގެއްލުމެއް ލިބުމުގެ ފުރުސަތެއް އޮތުމުންނެވެ. އެގޮތުން އެެއްވެސް ފެޑެރޭޝަނަކުން މައްސަލައެއް ނުބަލާ އެތުލީޓުންނަށް ބައިވެރިވުމުގެ ފުރުސަތު ދިނެވެ.

އަދި ފަހުން މަނާބޭހުގެ ކަންތައްތައް ރަނގަޅުކުރަން ރަޝިއާ އަށް ދިން ފުރުސަތުގައި އެންމެ ރަނގަޅަށް ކަންތައް ކޮށްފައިނުވާތީ އައިއޯސީން ނިންމީ މިދިޔަ އަހަރު އޮތް ވިންޓަ އޮލިމްޕިކްސްގައި ރަޝިއާ އަށް ބައިވެރިނުވެވޭ ގޮތް ހަދާށެވެ. އެހެންވެ މަނާ ބޭހުގެ މައްސަލައެއް ނެތް ރަޝިއާގެ އެތުލީޓުން އެ ގޭމްސްގައި ބައިވެރިވީ ނިއުޓްރަލް އެތުލީޓެއްގެ ގޮތުގައި ވަކި ގައުމެއް ތަމްސީލުނުކުރާ ގޮތަށެވެ.